ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރުކޮށް ދެމުންނެވެ.
މިއަދު ކުޅުދުއްފުށީ ސިޓީން ނޮޅިވަރަމަށް ހަދިޔާ ކުރި ކާބޯތަކެތި 5 ޓަނަށްވުރެ ގިނައެވެ. ނޮޅިވަރަމަށް އެހީތެރިވުމުގެ ހަރަކާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިހަރަކާތާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެސިޓީގެ އަވައްޓެރި ނޮޅިވަރަމް ރައްޔިތުންނަށް އެހީތެރިވުމަށް ހިންގުނު ހަރަކާތުގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުން، ވިޔަފާރިވެރިން އަދި މުއައްސަސާތަކުން ވަނީ ވަރަށްބޮޑު އެއްބާރުލުމެއް ދީފައި ކަމަށެވެ.
އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކުން ޝުކުރު އަދާކުރަމުން އެކައުންސިލުން ވިދާޅުވީ، މިހަރަކާތުން އެހީގެގޮތުގައި ލިބުނު ތަކެތި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނޮޅިވަރަމަށް ގެންގޮސް ހަވާލުކުރެވިފައި ކަމަށެވެ.
"މި ފުރުސަތުގައި ތަކެތި އުފުލައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި މިތުރު ޓްރާންސްޕޯރޓަށް އަދި ލޯޑްކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ޕަބްލިކް ވޯރކްސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން" ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.
ނޮޅިވަރަމު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު، ކައުންސިލް މެންބަރު މުޙައްމަދު މުޞްޠަފާ ތިލަދުންނަށް މަޢުލޫމާތުދެއްވި ގޮތުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން، ނޮޅިވަރަމްގެ ވަކި ވަކި ފަރުދުންނާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި އެސޯސިއޭޝަންތަކުން ނޮޅިވަރަމު ކައުންސިލްއަށާއި ނޮޅިވަރަމު ޕޮލިސް ސްޓޭޝަނަށާއި ސިއްޙީ މަރުކަޒަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޯވިޑް ބަލީގެ އާލަމީ މިވަބާގައި ނޮޅިވަރަމު ރައްޔިތުން ވީހިނދު އެކިއެކި ރަށްތަކުގެ ވަކި ވަކި ފަރުދުންނާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި މުއައްސަސާތަކާއި އެކި އެކި ރައްތަކުން ނޮޅިވަރަމަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ނޮޅިވަރަމު ރައްޔިތުންގެ ނަމުގަޔާއި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާކަމަށްވެސް ކައުންސިލްއިން ބުނެއެވެ.
ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށް ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން ވެސް ވަނީ އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ނޮޅިވަރަމުން މިހާތަނަށް ކޯވިޑް 19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 216 އަށްވަ އަރާފައިވާއިރު، ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލް ވަނީ ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!