ތިލަދުންމަތީ ހުނަރުވެރިން: ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެން ވޮލީކުޅެންފެށި ބާރަށު ރައްޒާން އެންމެ އުހަށް

A86F8007-BA1D-4248-BB58-47AFDCA1304C

މިއީ ލިޔުމުގައި އޮންނަ ނަމަވެސް ކިއުމުގައި ނޯންނަ ނަމެކެވެ. އެންމެން ކިޔަނީ އަދި ލިޔަނީ ރަޒާންއެވެ. ނަމަވެސް ފުރިހަމަ ގޮތަކީ ހއ. ބާރަށު މޫދުމާގޭ ހުސައިން ރައްޒާންއެވެ.

ރައްޒާން ނިސްބަތްވަނީ ވޮލީގެ އާއިލާއަކަށެވެ. ރާއްޖޭގެ ވޮލީބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ސެންޓަރ ބްލޮކަރުންގެ ތެރޭގައި ހިމެނޭ އަދި 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބަރާބަރަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި ހިމެނި ކުޅެފައިވާ ބާރަށު މޫދުމާގޭ އަލީ އާމިރަކީ ރައްޒާންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ރައްޒާން ޤަބޫލްކުރާ ގޮތުގައި އޭނާގެ ބޭބެ ވޮލީގެ ތެރޭގައި އުޅުން އެއީ އޭނާއަށް ވެސް ވޮލީގެ ތެރެއަށް ވަދެވެން ދިމާވި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

 

ރައްޒާން ފުރަތަމަ ވޮލީ ކުޅެން ފަށާފައިވަނީ ރަށު ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު، ރަށުގެ އަތިރިމަތީގައި އެކުވެރިންނާއި އެކު ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެންނެވެ. ބާރަށަކީ އަންނަ އެކި ބަންދުތަކާއި ގުޅުވައި ރަށު ފެންވަރުގައި ވޮލީ މުބާރާތްތައް ބާއްވަމުން އަންނަ ރަށެކެވެ. ހާއްސަކޮށް ކޮންމެ ރަމަޟާން މަހަކާއި ގުޅުވައި ބާއްވަމުން އަންނަ ބާރަށު ރަމަޟާން ވޮލީ ކަޕަކީ ފޯރިގަދަ މުބާރާތެކެވެ. ރައްޒާންގެ ހުނަރު ފުރަތަމަ ފާހަގަވެގެން ގޮސްފައިވަނީ މި މުބާރާތުންނެވެ.

ވޮލީބޯޅައިން ކުރިއަށް ދާން ފުރުޞަތު ލިބުނުގޮތް ހިއްސާކުރަމުން ރައްޒާން ބުނެފައިވަނީ ރަށުގައި ބާއްވަމުން އަންނަ ރަމަޟާން ވޮލީ ކަޕްގެ ފައިނަލް މެޗު ބަލައިލަން ދައުވަތުދީގެން އަބަދު ވެސް ވޮލީއާއި ގުޅުންހުރި ހާއްސަ ފަރާތްތައް އެރަށަށް އަންނަ ކަމަށެވެ.

މިގޮތުން ރައްޒާންމެން ޓީމް ފައިނަލްގައި ކުޅުނު އަހަރަކު އެ ފައިނަލްމެޗު ބަލައިލުމަށް، މިހާރު ރާއްޖޭގެ ވޮލީބޯޅަ އެސޯޝިއޭޝަންގެ ނައިބް ރައީސް އަޝްރަފް އަލީ (އަޝްރާ) އައި ކަމަށެވެ. އެ މެޗުން ރައްޒާންގެ ކުޅުން ފާހަގަކުރެވުމުން އަޝްރާ ވަނީ ރައްޒާންއަށް ވޮލީއިން ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައިދީފައެވެ.

މިގޮތުން އަޝްރާގެ އެހީތެރިކަމާއިއެކު 2015 ވަނަ އަހަރު އޮތް ވޮލީ ޔޫތު ޗެމްޕިއަންޝިޕްގައި ވ.ފެލިދޫ ޓީމަށް ކުޅުމުގެ ފުރުޞަތު ރައްޒާންއަށް ލިބިގެންދިޔައެވެ. އެ މުބާރާތުގެ ފައިނަލް މެޗުން ފެލިދޫ ބަލިވި ނަމަވެސް ރައްޒާން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި އޭނާއަކީ ވޮލީގެ މުސްތަޤުބަލް އޮތް ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.

އެއަށްފަހު ރާއްޖޭގެ އެންމެ މަތީފަންތީގެ ހުރިހާ މުބާރާތެއްހެން ކުޅެމުން އަންނަ ރައްޒާން ވަނީ އެ މުބާރާތްތަކުން ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. މިގޮތުން އަތޮޅުތެރޭގައި ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތްތަކާއި، އިންޓަ ރިސޯޓް މުބާރާތްތަކުގެ އިތުރުން ޤައުމީ ލީގާއި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ހިމެނެއެވެ.

ރައްޒާން ފުރަތަމަ ރާއްޖޭގެ ސީނިއާ ވޮލީ ސްކޮޑުން ފުރުޞަތު ހޯދާފައި ވަނީ 2019 ވަނަ އަހަރުއެވެ. "2019 ވަނަ އަހަރުގެ ކުރިން ވެސް ރާއްޖޭގެ ސީނިއާ ވޮލީ ޓީމަށް ޖޮއިންވާން ފުރުޞަތު ލިބުނު، ނަމަވެސް ރާއްޖޭގެ ކަންކަން މާލެއަށް ބަރޯސާވެފައި އޮންނަ އޮތުމުގެ ސަބަބުން އޭރު ކުރިމަތިވި ބައެއްކަހަލަ ގޮންޖެހުންތަކާއިއެކު ކުރިއަށް ދެވޭގޮތްނުވީ" ރައްޒާން ބުނެފައިވެއެވެ.

މިހާރު ރައްޒާންއަކީ ރާއްޖޭގެ ސީނިއާ ވޮލީޓީމްގެ ކުޅުންތެރިއެކެވެ. ކޮންމެ މެޗެއްގައި ފުރަތަމަ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ކުޅުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް މިހާރު ރައްޒާން ނުކުޅޭ މެޗެއް ނުދާނޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގެ ވޮލީގެ އެންމެ މޮޅު ތިން ކުޅުންތެރިންތެރޭގައި ހިމެނި ގިނަ ދުވަސްތަކެއް ވަންދެން އެ ލެވެލްގައި ހިފެހެއްޓުމަށް އަޒުމްކޮށްގެން ހުރި ރައްޒާން ބުނެފައިވާ ގޮތުގައި މިވަގުތު އަމާޒަށް ވާޞިލް ވުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑާއި ގުޅިގެން ޤައުމީ ޓީމުގެ ފަރިތަކުރުނަތަކާއި ގިނަ މުބާރާތްތައް މެދުކަނޑާލާފައި އޮތުމެވެ. މި ސަބަބާއި ގުޅިގެން ފިޓްނަސް ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަން ރައްޒާން ވަނީ ފާހަގަ ކޮށްފައެވެ.

ރައްޒާން ވޮލީގައި މިހާހިސާބަށް އާދެވުމުގެ އެންމެބޮޑު ޝުކުރެއް އޮތީ އަޝްރަފް އަލީ (އަޝްރާ) އަށެވެ. 2015 ވަނަ އަހަރު ރައްޒާންއަށް ވޮލީގެ ތެރެއަށް ނުކުންނަން ފުރުޞަތު ހޯދައިދިނުމަށް ފަހު އެހީތެރިވުމުގައި މިއަދާ ހިސާބަށް ވެސް ހުރި އަޝްރާއަށް ރައްޒާން ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މީގެއިތުރުން ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް ސަތޯ ކޮށްދެއްވި މަސައްކަތާއި، އެކުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ އެއްބާރުލުމާއި ދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ރައްޒާން ވަނީ ޝުކުރު އަދާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *