މެދުކެނޑުމަކަށް ފަހު ހަނިމާދޫ ސްކޫލުގައި އަނެއްކާވެސް އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް އެ ސްކޫލުން އިޢުލާން ކޮށްފިއެވެ.
އެކަށީގެންވާވަރަށް ދަރިވަރުން ލިބިއްޖެނަމަ އެ ސްކޫލުގައި އޭލެވެލްގެ ދެ ސްޓްރީމެއް ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދެ ސްޓްރީމަކީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމެވެ.
ސައިންސް ސްޓްރީމަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަންވާނޭ ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ.ސީ.އީ އޯލެވެލް އަދި އައި.ޖީ.ސީ.އެސް.އީ މާއްދާ ތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ މި ތިން މާއްދާގެ ތެރެއިން ކޮންމެވެސް ދެ މާއްދާއަކުން ފާސްވެފައިވުމެވެ. އަދި ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު އެއް މާއްދާއިން ފާސްވެފައިވުމެވެ.
ކޮމާސް ސްޓްރީމަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަން ވާނޭ ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ.ސީ.އީ އޯލެވެލް އަދި އައި.ޖީ.ސީ.އެސް.އީ މާއްދާ ތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒްގެ ކޮމާރސް، އެކައުންޓް އިކޮނޮމިކްސް މި ތިން މާއްދާގެ ތެރެއިން ކޮންމެވެސް ދެ މާއްދާއަކުން ފާސްވެފައިވުމެވެ. އަދި ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު އެއް މާއްދާއިން ފާސްވެފައިވުމެވެ
އެ ސްކޫލުގެ އޭލެވެލްއަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަން ވާނޭ އިތުރު ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ 2019 އަހަރުގެ އޮކްޓޯބަރ ގެ ފަހުން އޯލެވެލް އިމްތިޙާން ހަދާފައިވުމާއި، ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފްވެފައިވާ ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ދަރިވަރެއް ކަމުގައި ނުވުމުގެ އިތުރުން ކައިވެންޏެއް ކޮށްފައި ނުވުމެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އާއި ވާހަކަ ދައްކަމުން ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުޙްސިން އަބްދުއްލަޠީފް ވިދާޅުވެފައި ވަނީ އެ ސްކޫލުން އެންމެ ފަހުން އޯލެވެލް ހެދި ދަރިވަރުންގެ ތެރޭގައި އޭލެވެލްއަށް ޝަރުތު ހަމަވާ ދަރިވަރުން އެބަތިބި ކަމަށެވެ. ވުމާއިއެކު ހަނިމާދޫ ސްކޫލާއި، ހަނިމާދޫ ސްކޫލް ޕީޓީއޭއާއި ސްކޫލް ބޯޑާއި ހަނިމާދޫ ކައުންސިލު ގުޅިގެން އެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އޭލެވެލް ހަނިމާދޫގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
"މިނިސްޓްރީން ވިދާޅުވެފައި އޮތީ ދެ ސްޓްރީން އެއްކޮށް ދިހަ ކުދިން ވީ ނަމަވެސް އޭލެވެލްގެ ކިޔެވުން ހަނިމާދޫގައި ފައްޓަވައި ދެއްވާނެ ކަމަށް" މުޙްސިން ވިދާޅުވެފައި ވެއެވެ.
ހަނިމާދޫ ސްކޫލުގައި އެންމެ ފަހުން އޭލެވެލްއަށް ކިޔަވައި ދެއްވާފައި ވަނީ 2018 ވަނަ އަހަރެވެ. އެއަށްފަހު ފާއިތުވެ ދިޔަ މުއްދަތުގައި އެ ސްކޫލުގައި އޭލެވެލް ކުރިއަށް ގެންދެވިފައި ނުވަނީ އެކަށީގެންވާވަރަށް ދަރިވަރުން ނުލިބުމާއި ގުޅިގެންނެވެ.
އެ ސްކޫލުގެ އޭލެވެލްއަށް ވަނިމަށް ބޭނުންފުޅުވާ ދަރިވަރުން ފުރިހަމަ ކުރައްވަން ޖެހޭ ފޯމް ދޫކުރުމާއި ބަލައިގަތުން 2021 އޯގަސްޓް 18 އިން ފެށިގެން 2021 ސެޕްޓެމްބަރ 05 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް އެ ސްކޫލް އޮފީހުގައި ކުރިޔަށް ދާނެ ކަމުގައި އެ ސްކޫލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!