އިއްޔެ ކުޅުދުއްފުށީ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއާއި ސީދާ ބައްދަލުވި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ފުލޫ އޯޕީޑީއަށް ދެއްކި މީހަކު އިއްޔެ ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި އިއްޔެ ޕޮޒިޓިވްވި މީހާގެ 2 ކޮންޓެކްޓުން ޕޮޒިޓިވްވެ، މި ކްލަސްޓަރގެ ޖުމްލަ 3 އަށް މިހާރު އަރާފައިވާ ކަމަށެވެ.
އިއްޔެ އެ ސިޓީން ޕޮޒިޓިވްވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން ކޭއާރުއެޗްގެ ފްލޫ އޯޕީޑީއަށް ދެއްކި 51 އަހަރުގެ ފިރިހެނެކެވެ. މި ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 25 ފަރާތެއް ފާހަގަކުރެވި އެ ފަރާތްތަކުގެ ސާމްޕަލް ރޭގެ ވަގުތެއްގައި ނެގުނު ކަމަށް ކޭއާރުއެޗްއިން ވިދާޅުވެއެވެ.
"މި ސާމްޕަލްތައް ޓެސްޓްކުރުމުން، މީގެ ތެރެއިން 2 ފަރާތެއް ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. މި ކްލަސްޓަރގެ 3 ފަރާތާއިއެކު މިވަގުތު ކުޅުދުއްފުށި ސިޓީގެ އެކްޓިވްސް ކޭސްގެ އަދަދަކީ 12 އެވެ. މިއަދު ފައްސިވެފައިވާ ފަރާތުގެ ކޮންޓެކްޓުން ހޯދާއި ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެއެވެ." ކޭއާރުއެޗްއިން ވިދާޅުވެފަވެއެވެ.
ހުމާއި ރޯގާގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ ލަސް ނުކުރައްވާ އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދައްކައި، ނުވަތަ އެ ހޮސްޕިޓަލްގެ ހޮޓްލައިން ނަންބަރު 7606688 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ކޭއާރުއެޗްއިން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!