ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ.
އެމްޑީޕީން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ، އާންމުކޮށްފައިވާ ލިސްޓަކީ، އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރުމަށް 24 އެޕްރިލް 2021 ގައި ހުލުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ކަމަށެވެ.
އެ ޕާޓީން ވަނީ 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާއި ހަމަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އިއުލާން: MDP/2021/0013 ދާއިރާތަކުގެ އިންތިޚާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު އާއްމު ކުރުން – Maldivian Democratic Party https://t.co/9KmXrIkEGm
— MDP Secretariat (@MDPSecretariat) August 16, 2021
ޝަކުވާ ސިޓީގެ ހާޑްކޮޕީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ސެކްރެޓޭރިއެޓް 2 ވަނަ ފަންގިފިލާއިން ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ސަސްޕެންޝަންގައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް މި އިންތިޚާބުގައި ވާދަނުކުރެވޭނެކަން އެ ޕާޓީން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ކުރިން ބާއްވަން ނިންމި ތާރީޚްގައި ނުބާއްވަން ނިންމައި، އެ އިންތިޚާބު ލަސްކޮށްފައި ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެންނެވެ. އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ކުރިން ބާއްވަން ނިންމީ މެއިމަހުގެ 29 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!