ހއ.ހޯރަފުށީގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދެރަށް ކަމުގައިވާ އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެ ކައުންސިލުގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ އުނގުލިފިނޮޅާއި، ވެލިފިނޮޅަކީ ހޯރަފުށީ ލޭންޑްޔޫސް ޕްލޭންގައި ވާގޮތުން ޓުއަރިޒަމަށް ހާއްޞަ ކުރެވިފައިވާ ދެރަށް ކަމަށްވެފައި، އެ ދެރަށް ބެލެހެއްޓުމަކީ މިހާރު އެ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

Ad
rt

ފަހަކަށް އައިސް އެ ދެރަށަށް ދަތުރު ދިޔުމަށް ރަށުގެ ގިނަ ރައްޔިތުން އެދެމުންދާތީ، ދަތުރު ދިޔުމަށް ބޭނުންވެ ލައްވާ ފަރާތްތަކުން އެކަމުގެ ރަސްމީ ހުއްދަ ރަށު ކައުންސިލުން ނެންގެވުމަށާއި، އަދި ދަތުރު ދިޔުން ފިޔަވައި އެހެން ބޭނުމެއްގައި އެ ދެ ރަށަށް އަރާފޭބުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެ ދެރަށަށް، ހޯރަފުއްޓަށް ނިސްބަތްނުވާ ފަރާތްތައް ދަތުރު ދިއުމާއި އަދި މިނޫން ބޭނުމެއްގައި ވެސް އަރާފޭބުމަކީ މަނާކަމެއް ކަމަށާއި އަދި މީގެއިތުން އެ ދެ ރަށުން ވެލިނަގާ، ގަސްރުއް ކަނޑާ، ގަސްރުކާއި އެހެނިހެން މުދަލާއި ތަކެއްޗަށް ގެއްލުންދޭ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.