ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ.
ސިޓީ ކައުންސިލާ އެކު ބައްދަލުކުރެއްވީ އާރްއޭސީ ގެ ޗެއަރމަން އަބްދުލް ލަތީފު ގާސިމް އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ހިމެނޭ އެ ކުންފުނީގެ ޓީމެއް ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި ޒިޔާރަތެއްގައެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުންގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަޠީފް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްސީދު މުޙައްމަަދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް މިއަދު "ތިލަދުން"އަށް ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމާއި އެއަރޕޯޓަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކުޅުދުއްފުށީގެ ރަންވޭ ދިއްލުމާއި އެއަރޕޯޓް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން އަވަސް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެއަރޕޯޓް ގައި ރެސްޓޯރެންޓް އެޅުމާއި ހުޅަނގު ކޮޅު ކަނޑުތޮށި މަރާމާތު ކުރުމުގެ އިތުރުން ޝެޑިއުލަށް ފްލައިޓް އިތުރުކުރުން އަވަސް ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އާތިފް ފާހަގަ ކުރެއްވި އެވެ.
އާރްއޭސީގެ ޗެއާމަން އަބްދުލް ލަތީފު ގާސިމްއަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސް މަގާމުތަކެއް އަދާކުރަށްވާފައެވެ. މިގޮތުން އޭނާ ވަނީ އޭރުގެ އުތުރުގެ ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި އަދި އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރައްވައިފަ އެވެ.
އާރްއޭސީއަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާރޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ. ރައީސުލް ޖުމްޙޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!