ހދ. ކުމުންދޫގައި މަގުތަކަށް ވާހެން ހުންނަ ނުއުފުލޭ ތަކެތި ނެގުމަށް އެރަށު ކައުންސިލުން އަންގައިފި އެވެ.
މިކަމާއި ގުޅިގެން ކުމުންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރު އެރަށުގައި އަމަލީގޮތުން ފެނާ ނަރުދަމާ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުންދާތީ ބައެއް ގެތަކުގެ ރުށްގަސް އަދި ޖަންގުސަން ވަޅުތައްވެސް މަގުމައްޗަށް ވާގޮތައް ހުރުމުން މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ކުމުންދޫގެ އެއްވެސް ފަރާތެއްގެ ރުށްގަސް އަދި ޖަންގުސަން ފަދަ ނުއުފުލޭ ތަކެތި މަގުމަތީގައި ހުރި ނަމަ ވީއެންމެ އަވަހަކަށް މަގުތަކުން ނެގުމަށް ކައުންސިލުން ވަނީ އަންގާފައެވެ.
އަދި މަސައްކަތް ކުރަމުންދާ ވަގުތު މިފަދަ އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އެ ކައުންސިލުން ނުނަގާނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފެނާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ހަލުވިކަމާއެކު މަޑުޖެހުމެއްނެތި ނިއްމާލުމަށް ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކުމުންދޫގެ ފެނާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރަމުން ދަނީ އެމްޑަބްލިޔުއެސްއީ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!