ށ. ފީވަކުން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 101 އަށް އަރައިފި އެވެ.
މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ސާމްޕަލް ތަކާއެކު މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެރަށުން 51 ސާމްޕަލް ވަނީ ނެގިފައެވެ. އޭގެތެރެއިން 41 ސާމްޕަލް ވަނީ ނެގެޓިވް ވެފައެެވެ.
މި ކޭސްތަކާއެކު މިހާތަނަށް ފީވަކުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތްތަކުގެ އަދަދު 113 އަށް ވަނީ އަރާފައެވެ.
އަދި އެރަށުން ބަލިޖެހުނު ފަރާތްތަކުގެ ތެރެއިން 12 މީހުން މި ބަލިން ވަނީ ފަސޭހަވެފައެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ލާފައެވެ.
ކޯވިޑްގެ ސަބަބުން އުތުރުން އެ އަތޮޅު ފޯކައިދޫ ވެސް މޮނިޓަރިންގަ އޮތްއިރު، ހއ. އަތޮޅު ތަކަންދޫ ވެސް މިވަގުތު އޮތީ މޮނިޓަރިން ގެ ހާލަތުގައެވެ. އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ހުއްދަނެތި މި ރަށްތަކަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.
އަދި ކޮވިޑް ގެ ހާލަތު ރަނގަޅުވެ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު، އެޗްޕީއޭއިން މިމަހުގެ 10 ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ މޮނިޓަރިން އިން ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!