ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ.

އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ.

Ad
rt

ފްލޫ ކްލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ސިޓީ މޮނިޓަރިންއަށް ލީ މިދިޔަ މަހު 24 ވަނަ ދުވަހުގައެވެ.

ހދ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނުގައި އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން އެ ކައުންސިލުން މެދުކަނޑާލެވިފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުމާއި، އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުމުގެ އިތުރުން ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް-19 ބަލި ހަލުވިކަމާއެކު ކުޅުދުއްފުށި ސިޓީ ގައި ފެތުރެމުން ދިޔުމުގެ ސަބަބުން މިދިޔަ މަހު މޮނިޓަރިން އަށް ލުމަށްފަހު އެހާލަތުން އެ ސިޓީ ނެގިކަން އެޗްޕީއޭ އިން އަންގާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ 18:30 ގައެވެ.

މިމަަހުގެ 9 ވަނަ ދުވަހު އެ ސިޓީން ވަނީ ކުރިން ޕޮޒިޓިވްވި ފަރާތަކައި ބައްލަލުވި ފަރާތެއް ޕޮޒިޓިވްވެފަ އެވެ. އެދުވަހު ޖުމްލަ 11 މީހުން ބަލިން ރަނގަޅުވެފައިވާތީ، މިވަގުތު ސިޓީގައި އެކްޓިވް ކޭސްގެ އަދަދަކީ 47 އެވެ. އަދި 101 ރެންޑަމް ސާމްޕަލް ނެގިފައިވާއިރު، އެއްވެސް ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ވަޑައިގެން ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކުރައްވައިގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އެދިފައިވެއެވެ.