ޖައްވުގައި އެސްޓްރޮނޮޓުން ލައިގެން ތިބޭ ސްޕޭސް ސޫޓުތައް ނިމޭ ކަމަށް ލަފާ ކުރި ތާރީހަށްވުރެ ލަސްވުމުން 2024ގައި ނާސާއިން ހަނދަށް ދާން ކުރި ޕްލޭން ފެއިލް ވެދާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ނާސާއިން ހެދި އޮޑިޓުގައި ދައްކާގޮތުގައި ސްޕޭސް ސޫޓުތައް ނިމޭނެ ކަމަށް ލަފާ ކުރި ތާރީހަށްވުރެ 2 އަހަރު އިތުރަށް ނަގާނެއެވެ. އެހެންކަމުން އެންމެ އަވަސްވެގެން ވެސް މި ސޫޓުތައް ނިމޭނީ 2025ގައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

Ad
rt

ނާސާއިން މިހާރުވެސް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދާ އެސްޓްރޮނޮޓުން ބޭނުން ކުރާ ސްޕޭސް ސޫޓު އުފައްދައެވެ. ނަމަވެސް ހަނދަށް ދާން ބޭނުންވާ ސްޕޭސް ސޫޓަކީ އެއަށް ވުރެ ވަރުގަދަވާން ޖެހޭ ސޫޓެކެވެ. މި ސޫޓު ހެދުމަށް މިހާތަނަށް އެ އިދާރާއިން 420 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު 2025އާ ހަމައަށް އިތުރު 625.5 މިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މި ސޫޓު ހެދުމުގައި އެކި ފަހަރުމަތިން ސައިންސްވެރިން މަސައްކަތް ކޮށްފައި ވީނަމަވެސް އަދި ކާމިޔާބެއް ނުވެއެވެ.

ނާސާގެ އޮފީސް އޮގް އިންސްޕެކްޓާ ޖެނެރަލް އިން ހެދި މި އޮޑިޓުގައި ބުނެފައިވާގޮތުގައި ނާސާއިން މި ސްޕޭސް ސޫޓުތައް ތައްޔާރު ކުރުމަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ހޭދަ ކުރާނެއެވެ.

ހަނދަށް ދާން އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ނިންމީ ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައެވެ. ބައިޑެންގެ ވެރިކަމުގައި ސަރުކާރުން ވަނީ މި ޕްރޮޖެކްޓު 2024ގައި ކާމިޔާބު ކުރެވޭނެ ކަމާމެދު ކުރިންވެސް ސުވާލު އުފައްދާފައެވެ. ނަމަވެސް ނާސާއިން އަންނަނީ ކުރިން ނިންމާފައިވާގޮތަށް 2024ގައި ހަނދަށް ދާން ތައްޔާރުވަމުންނެވެ.

ސްޕޭސް ސޫޓު ލަސްވުމުގެ އިތުރުން ކޯވިޑްގެ ސަބަބުން ވެސް ހަނދަށް ދާ ޕްލޭން ފެއިލް ވެދާނެ ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން މި ޕްރޮޖެކްޓުގެ މަސައްކަތް ތިން މަސް ދުވަހަށް ލަސްވިކަމަށް ވަނީ ބުނެފައެވެ.

މި އޮޑިޓާއެކު ސްޕޭސް އެކްސްގެ ސީއީއޯ އީލޯން މަސްކު ކުރެއްވި ޓްވީޓެއްގައި ވަނީ މާގިނަ މީހުން އެ ޕްރޮޖެކްޓުގެ މަސައްކަތުގައި އުޅޭތީ ފާޑު ވިދާޅުވެފަ އެވެ. އަދި ސްޕޭސް ސޫޓު ހެދުމުގައި އޭނާގެ ކުންފުނިން އެހީ ފޯރުކޮށްދީފާނެ ކަމަށް ވެސް މަސްކު ވިދާޅުވިއެވެ.

މަސްކު މިހެން ވިދާޅުވި ނަމަވެސް އެފަދަ ސޫޓު ހަދާ ޕްރޮގްރާމެއް ސްޕޭސްއެކްސްގައި ހުރި ކަން އަދި ކަށަވަރު ނުކުރެވެއެވެ.

ސްޕޭސް އެކްސްގެ އިތުރުން އެހެން ބައެއް އަމިއްލަ ކުންފުނިތަކުން ވެސް މިހާރު އަންނަނީ ސްޕޭސް ސޫޓުތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާގެ އެޒިއޯމް ސްޕޭސް އިންވެސް ވަނީ ސްޕޭސް ސޫޓު ހަދާ އިންޖިނޭރުން ހޯދަން އިއުލާންކޮށްފަ އެވެ.