ށ. ފީވަކުން އަނެއްކާވެސް އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ސާމްޕަލް ތަކާއެކު އިއްޔެ އެރަށުން 24 ސާމްޕަލް އެއް ވަނީ ނެގިފައެވެ. އޭގެތެރެއިން 19 ސާމްޕަލް ވަނީ ނެގެޓިވް ވެފައެެވެ.
މިދިޔަ ހޯމަ ދުވަހުވެސް އެރަށުން ވަނީ 5 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތަކާއެކު މިހާތަނަށް ފީވަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި ފަރާތްތަކުގެ އަދަދު 103 އަށް ވަނީ އަރާފައެވެ.
އަދި ބަލިޖެހުނު ފަރާތްތަކުގެ ތެރެއިން 3 މީހުން މިއަދު ބަލިން ފަސޭހަވެފައިވެ އެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ލާފައެވެ.
ކޯވިޑްގެ ސަބަބުން އުތުރުން އެ އަތޮޅު ފޯކައިދޫ ވެސް މޮނިޓަރިންގަ އޮތްއިރު، ހއ. އަތޮޅު ތަކަންދޫ ވެސް މިވަގުތު އޮތީ މޮނިޓަރިން ގެ ހާލަތުގައެވެ. އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ހުއްދަނެތި މި ރަށްތަކަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.
އަދި ކޮވިޑް ގެ ހާލަތު ރަނގަޅުވެ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު، އެޗްޕީއޭއިން އިއްޔެ ވަނީ ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ މޮނިޓަރިން އިން ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!