ހއ. ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީން އެރަށު ޕްރީސުކޫލަށް ސިންތެޓިކް ކާޕެޓް ހަދިޔާ ކޮށްފި އެވެ.
ދިއްދޫ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޣާޒީ މުޙައްމަދު ޕްރީސުކޫލުގެ އެދިލެއްވުމުގެ މަތިން އިއްޔެ ވަނީ އެ ސްކޫލުގެ ކޮންމެ ކްލާހަކަށް 6 ފޫޓޫ 6 ފޫޓުގެ ކާޕެޓް ހަދިޔާކޮށްދީފައެވެ.
އެރަށު އ.ތ.މ ކޮމިޓީގެ ރައީސް އާމިނަތު ނަހުލާ "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ އެ ކޮމިޓީގެ އެދިލެއްވުމުގެ މަތިން ސްކޫލާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ސްކޫލުން ބޭނުންވާ ތަކެތި އޮޅުންފިލުވުމަށް ފަހު މިވަގުތަށް އެ ސްކޫލަށް ބޭނުންވާ މުހިންމު ތަކެތީގެ ގޮތުގައި ސްކޫލުން ކާޕެޓް ބޭނުންވާތީ ކޮށްދެއްވި ކަމެއްކަމަށެވެ.
ސްކޫލުގެ ދަރިވަރުން ކްލާސްތެރޭގައި ހުސްވަގުތު ތަކުގަ އާއި އެހެނިހެން ބައެއްވަގުތުތަކުގައި ތިބުމަށް ކޮންމެ ކްލާހެއްގެ ކަނަކަށް ވާހެން ކާޕެޓް އަޅުމަށް އެ ސްކޫލުން ވަނީ އެދިފަ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ސްކޫލަށް ކާޕެޓް ބޭނުންވާކަން އަންހެނުންގެ ކޮމިޓީން އެންގުމުން އެރަށުގެ އަމިއްލަ ފަރުދެއްވަނީ އެ ކޮމިޓީ އަށް ޕްރީސްކޫލަށް ބޭނުންވާ ވަރަށް ކާޕެޓް ހިލޭ ހަދިޔާ ކޮށްދީފަކަމަށްވެސް ނަހުލާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އެ ކޮމިޓީން އެރަށުގައި އިތުރަށް ހިންގަން ރޭވިފައި ގިނަ ކަންކަން ހުރިކަން ފާހަގަ ކުރަށްވައި ނަހުލާ ވިދާޅުވީ ރަށުގެ ކޮވިޑް-19 ގެ ހާލަތު ހުރިގޮތުން އެކަންކަން ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށެވެ.
" ކޮވިޑާ ހެދި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވި. މިއަހަރު ފަހާ ކޯހެއްވެސް ރަށުގަ ހިިންގަން ރޭވި ފަށަން އުޅެނިކޮށް ކޮވިޑްއާއި ހެދި ރަށް މޮނިޓަރިން އަށްލީ. ދެން އެކަންވެސް މިއަހަރު ނިމުމުގެ ކުރިން ކުރުމަށް ރޭވިފައި އޮތީ " ނަހުލާ ވިދާޅުވިއެވެ.
އަންހެނުންގެ ކޮމިޓީ އިންތިޚާބުވި ފަހުން އެރަށުގައި އެ ކޮމިޓީން މިއަހަރު ގިނަ ކަންކަމެއް ހިންގާފައިވެއެވެ. އޭގެތެރޭގައި، އެރަށުގައި ތިބި ޚާއްސަ ހާލަތްތަކުގެ ފަރާތްތަކަށާއި އެރަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 18 ކުދިންނަށް އަޟްޙާ ޢީދު ދުވަހުގެ ހަދިޔާ ދީފައިވެއެވެ.
ކޮވިޑް-19 ބަލި ހަލުވިކަމާއެކު އެރަށުގައި ފެތުރެމުން ދިޔުމުގެ ސަބަބުން މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު މޮނިޓަރިން އަށް ލުމަށްފަހު އެހާލަތުން އެރަށް ނެގިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނީ އިއްޔެ ރޭ 18:37 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!