ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވެ ނެތިވަމުންދާކަން ފާހަގަކުރެވުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ކަނޑޫފާ ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާކަމަށް ބުނެ، ނޭކުރެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބިޔަ ކަނޑޫފާއެވެ. މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެކެވެ.

Ad
rt

މިދިޔަ އަހަރުގެ ޖޫން މަހު ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެރަށު ކަނޑޫފާ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެރަށު ކައުންސިލުންނާއި، ރައްޔިތުން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށު ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން 2020 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ފެށިއެވެ.

މީގެއިތުރުން ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޓީމެއްވެސް މިދިޔަ އަހަރުގެ ޖުލައިމަހު ވަނީ އެރަށަށް ގޮސް ސާވޭއެއް ކޮށްފައެވެ.

https://thiladhun.wonstasite.com/32477

ތިމާވެށީގެ ގޮތުން މުއްސަނދި މި ކަނޑޫފާ ނެތި ހިނގައިދާނެކަމުގެ ބިރާއެކު އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަވެގެން ގޮސްފައި ވަނިކޮށް ނޭކުރެންދޫ ކައުންސިލުން، އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ނޭކުރެންދޫ ކަނޑޫފަލުގެ ގަސްތައް މަރުވެ ހަލާކުވެ ކަނޑޫފާ ނެތިދިއުމުގެ މަގުމަތީގައިވާއިރު، މިކަމަށް ހައްލެއް ހޯދަން ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށެވެ.

ނޭކުރެންދޫ ކައުންސިލުން މި ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އެރަށް ހިމެނޭހެން އުތުރުގެ ބައެއް ރަށްރަށުގެ ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަތުމަށް އީޕީއޭއިން މިދިޔަ އަހަރު ޖުލައި ކުރި ސާވޭއާއި ބެހޭ މައުލޫމާތު، އޭގެ އަހަރެއްހާ ދުވަސްފަހުން މިއަހަރުގެ ޖުލައި މަހުތެރޭ ވަނީ ހާމަކުރައްވާފައެވެ.

މިގޮތުން މިއަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު، އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ މާރޗްމަހުން ފެށިގެން، ރާއްޖޭގެ އުތުރުގައިވާ އެންމެ ބޮޑެތި ކަނޑޫފާތަކުން ގިނަ ޢަދަދަކަށް ގަސްތައް ގޮތްނޭގޭގޮތަކަށް މަރުވަމުންދިޔުމާއި ގުޅިގެން، އެ ގަސްތައް މަރުވަމުންދާ ސަބަބު ހޯދުމަށް، އެ އެޖެންސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://thiladhun.wonstasite.com/36719

މި ދިރާސާގެ ހޯދުންތަކުން ކަނޑޫފާތައް މަރުވަމުންދާ ސަބަބު ކަނޑައެޅިގެން ހޯދިފައިނުވާތީ، ކަނޑޫފާތައް މަރުވަމުން ދިޔުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތަކެއް ކުރަންޖެހޭތީ، ކަނޑޫފާ އެންމެ ބޮޑަށް މަރުވަމުންދާ ރަށްރަށުން، ނެގިފައިވާ ގަހުގެ ސާމްޕަލްތައް، އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވި ތަޙްލީލްތަކެއް ކުރެވިފައިވާ ކަމަށް އެ އެޖޭންސީން ބުންޏެވެ.

“މިތަހްލީލްތަކަކީ ކަނޑޫފާގައި ހެދޭ ގަސްގަހުގެ ފަތާއި، ގަސްގަނޑުގެ ތޮށި، ވެލި، އަދި ކުޅީގެ ފެންނަގައިގެން ކުރެވުނު ތަޙްލީލްތަކެކެވެ. ކޮޗިން ޔުނިވާރސިޓީއާ ގުޅިގެން ކަނޑޫފާ މަރުންވަމުންދިޔަ 7 ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ 2 ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބެލިބެލުމުން، ފެނާއި ވެލީގައި އެކުލެވިފައިވާ “ނިޔުޓްރިއެންޓްސް”ގެ މާއްދާތައް ހުރި މިންވަރު، ދިވެހިރާއްޖެފަދަ ހޫނު ގައުމުތަކުގެ ކުޅި، ފައު އަދި ޗަސްބިންތަކާއި ދާދިއެއްގޮތްކަމަށް ވަނީ ފާހަގަކުރެވިފައެވެ.” އީޕީއޭއިން ބުނެފަވެއެވެ.

https://thiladhun.wonstasite.com/36236

މީގެ އިތުރުން، ހެވީމެޓަލް ގެ އަސަރެއް މީގެ އެއްވެސް މާހައުލަކުން އަދި ފާހަގަ ކުރެވިފައި ނެތްކަމަށާއި، މިމާހައުލުތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، މިފަދަ މާހައުލުންނާއި މިފަދަ މާޙައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލިޖައްސާފަދަ ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފާހަގަވެފައެއް ނުވާކަމަށް އެ އިދާރާއިން ބުނެފަވެއެވެ.

“ނަމަވެސް، ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ “ފަންގަސް” އެއްވަނީ ފެނިފައިވެއެވެ. މިހާރު ކުރެވުނު ތަހްލީލްތަކުން ހޯދިފައިވާ ފަންގަސް” އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫތައް ބަލިކަށިވުމަށް (ސްޓްރެސް ވުމަށް) ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަހްލީލްތަކުން ދައްކައެވެ.” އީޕީއޭއިން ބުނެފަވެއެވެ.

ނަމަވެސް، ދިވެހިރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ މި”ފަންގަސް”ގެ ސަބަބުންކަން ޔަގީން ކުރެވޭނީ ތަހުލީލުކުރެވޭ “ސާމްޕަލް ސައިޒް” ބޮޑުކޮށް، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެން ކަމަށް އެ އިދާރާއިން ވަނީ ފާހަގަ ކުރައްވާފައެވެ.

https://thiladhun.wonstasite.com/35202

ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް މީގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު “ފީލްޑް ވިޒިޓް” ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހިފައިވާ ކަމަށާއި، އެހެންކަމުން، މިކަމުގައި އީ.ޕީ.އޭ އާއިއެކު މަސައްކަތްކުރަމުން ގެންދަވާ އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޓީމެއް ވީހާވެސް އަވަހަކަށް މިރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އީޕީއޭއިން ބުނެފަވެއެވެ.

ރާއްޖޭގެ އެކިހިސާބުތަކުގެ ކަނޑޫފާތައް މަރުވަމުންދާކަމުގެ ރިޕޯޓުތައް ލިބިފައިވާއިރު މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ހދ. ކޭލަކުނު، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.

މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ”ސޭވް މޯލްޑިވްސް” ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.