ނިމިގެންމިދާ ސްކޫލު ބަންދުގައި ހދ. ކުރިނބީގެ ކުޑަކުދިންނާއި އަދި މިނޫން ވެސް ފަރާތްތަކުން ހިތްހަމަ ޖައްސާލުމަށްޓަކައި އެންމެ ގިނައިން ޒިޔާރަތްކުރި އެއްތަނަކަށްވާނީ އެ ރަށުގެ ރަށްދެބައިމަގުން ފެށިގެން ދެވިނަމަގާއި ހަމައަށް ތައްޔާރު ކުރެވިފައިވާ ކުރިނބީ ރިންގް ރޯޑްގެ ފެށޭތަނުގައި ތަރައްޤީ ކޮށްފައިވާ "ކުރިނބީ ކާޕް ޕޮންޑް" އެވެ.

ކުރިނބީ ކާޕް ޕޮންޑަކީ މީގެ އަހަރެއްހާ ދުވަސްކުރިން އެރަށުގެ ޒުވާނުން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ތަނެކެވެ. މިދިޔަ އަހަރުގެ ޖުލައި މަސްތެރޭގައި ޕޮންޑް ހެދުމަށް އެތަންކޮނެ ފެންގަނޑު ފައްކާކޮށް، ފެންގަނޑުގެ ވަށައިގެން ބައުންޑަރީއަޅައި ގަސްއިންދުމަށް ފަހު މަސް އަޅައި ވަނީ ނިންމާފައެވެ.

Ad
rt

އަހަރު ދުވަހަށްފަހު އެ ޕޮންޑް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ޒުވާނުންނާއި ހެޔޮއެދޭ ފަރާތްތަކުން އިސްނަގައިގެން މިހާރު ކޮށް ނިންމާލާފައިވާއިރު، ދެވަނަ ފިޔަވަހީގައި ޕޮންޑްގެ މެދުގައި ވަނީ ލަކުޑިން ފާލަންހަދައި އެ ސަރަހައްދުގައި އިށީ އިނުމަށް ގޮނޑިހަދައި އިތުރަށް ގަސް އިންދައި ފެހިކޮށްފައެވެ.

ކުރިނބީ ރިންގް ރޯޑް، ފެހި ގަސްތަކުން ޖަރީވެފައިވާ ހިތްގައިމު މަގެއް، ފޮޓޯ: ޢަލީ ވިޝާމް

ކުރިނބީ ކާޕް ޕޮންޑާއި ގުޅޭގޮތުން އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރިނބީގެ ޒުވާނެއް ކަމުގައިވާ އަލީ ވިޝާމް ވަނީ އެތަނާއި ގުޅޭ ވަރަށް ގިނަ ވާހަކަތައް "ތިލަދުން" އާއި ހިއްސާ ކޮށްފައެވެ. މިގޮތުން ވިޝާމް ބުނެފައިވާ ގޮތުގައި ކުރިނބީގައި މިފަދަ ހިތްގައިމު ތަންތަން ހަދައި ކުރިނބީއަކީ ހިތްގައިމު ރަށަކަށް ހެދުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި މިފަދަ މަސައްކަތްތަކުގެ ތެރެއިން އިޖްތިމާޢީ ގުޅުން ބަދަހިވެގެން ދިޔުމާއި، ރަށަކީ އެހެން މީހުން ޒިޔާރަތް ކުރާހިތްވާފަދަ ހިތްގައިމު ތަންތަން ހުރި ރަށަކަށް ހެދުމަކީ ވެސް މިކަމުގެ އަމާޒެކެވެ.

ފޮޓޯ: ޢަލީ ވިޝާމް

މީގެ އަހަރެއްހާ ދުވަސްކުރިން އެ ރަށުގެ ރަށްދެބައި މަގުން ދެވިނަމަގާ ހަމައަށް ވަލުތެރޭން ތައްޔާރު ކޮށްފައިވާ ކުރިނބީ ރިނގް ރޯޑަކީ ވެސް ގުދުރަތީ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ފެންނަ މަގެކެވެ. މައިގަނޑު ހިޔާ ލިތްބައިދޭ ގަސްތައް ނުކަނޑައި މުޅި މަގަށް ހިޔާލިބޭފަދަ ގޮތަކަށް ތަރައްޤީ ކޮށްފައިވާ މަގަކީ ގުދުރަތީ ހިތްގައިމު މަންޒިލެކެވެ.

ވިޝާމް ބުނެފައިވާ ގޮތުގައި ރިންގް ރޯޑާއި ކާޕް ޕޮންޑްގެ ޕްލޭންތައް އަދިވެސް އޮތީ ކުރިއަށެވެ. ކާޕް ޕޮންޑްގެ ތިންވަނަ ފިޔަވަހީގައި އެތަނުގައި އިތުރު ހަޓެއް ހެދުމާއި އެތަނުގެ މެދުން ހެދިފައިވާ ފާލަން އިތުރަށް ތަރައްޤީ ކުރުން ހިމެނެއެވެ. މިހާރު ވެސް އެ ޕޮންޑްގައި ގިނަ އަދަދެއްގެ ކާޕް އެބަހުއްޓެވެ.

ފޮޓޯ: ޢަލީ ވިޝާމް

ވިޝާމް ބުނީ ގިނަ ބަޔަކު ޕޮންޑަށް ކާޕް ހަދިޔާކޮށްފައިވާ ކަމަށާއި، ރަށުގައި ކާޕް ގެންގުޅޭ ޒުވާނުން ޕޮންޑަށް އެޅުމަށްޓަކައި ކާޕް ވިއްސުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިއީ ރަށުގެ މީހުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤުބޫލްތަނެއް، ކޮންމެ ދުވަހަކު ވެސް ވަރަށްގިނަ ކުދިން އަންނާނެ މަސްތަކަށް ކާންދާން. މިތަން ހެދިތާ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ފަރާތަކުން އެއްވެސް ގެއްލުމެއް ނުދޭ، މިއީ ވަރަށް އެކުވެރި ރައްޔިތެއް ދިރިއުޅޭ އަމާން ރަށެއް" ވިޝާމް ބުނެފައިވެއެވެ.

ވިޝާމް ވަނީ މި މަސައްކަތްތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތްތަކަށާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރުދުންނާއި، މުއައްސަސާތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

ހދ. އަތޮޅުގެ މެދުގައި އޮންނަ 700 އެއްހާ މީހުން ދިރިއުޅޭ ކުރިނބީއަކީ އިޖްތިމާޢީ ގުޅުންތައް ރަނގަޅު، ތަފާތު މައްސަލަތައް މަދު އަދި އެކުވެރި ބަޔަކު ދިރުއުޅެމުން އަންނަ ރަށެކެވެ. ކޮވިޑްގެ ހާލަތުން އަރައިގަނެވި ދަތުރުފަތުރު ހުޅުވިގެންދާއިރު ޒިޔާރަތްކުރާ މަންޒިލްތަކުގެ ތެރޭގައި ކުރިނބީ ހިމެނުމަކީ އެރަށު ރައްޔިތުންގެ އަމާޒެކެވެ.