ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން އެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުލަބް ހައުސް މެދުވެރިކޮށް ބައްދަލުވުން ތަކެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިއީ ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުން ތަކެކެވެ.

Ad
rt

މި ބައްދަލުވުން ތަކުގައި އެސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިލައްވައެވެ.

މި ބައްދަލުވުން ތަކުގެ ލިންކް ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން ގެންދަވާނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން އެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުލަބް ހައުސް މެދުވެރިކޮށް ބައްދަލުވުން ތަކެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމެވިއިރު، ކޯވިޑްގެ ހާލަތުގެ ސަބަބުން ރައްޔިތުން އެއްތަނަކަށް އެއްކޮށްގެން ބައްދަލުވުން ބޭއްވުން ރައްކާތެރި ގޮތަކަށް ނުވާތީ، ބައެއް އެހެން ކައުންސިލްތަކުން ވެސް އަންނަނީ ކްލަބް ހައުސް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިފަދަ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކުޅުދުއްފުށީ ސިޓީ މިވަގުތު އޮތީ ވެސް ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ހާލަތުގައެވެ. ފްލޫ ކްލިނިކަށް ދައްކާ މީހުން ޕޮޒިޓިވްވަމުން އަންނާތީ އެ ސިޓީގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުޞަތު އޮތްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވަނީ ވިދާޅުވެފައެވެ.

ސިޓީ، ރަށު ކައުންސިލްތަކު ތަރައްޤީގެ ޕުލޭން އެކުލަވާލާއިރު، ރައްޔިތުންގެ ހިޔާލު ހޯދުމަށް ލާމަރުކަޒީ ގާނޫނުން ވަނީ ކައުންސިލްތަކާއި މަތިކޮށްފައެވެ.

ކްލަބް ހައުސް އެޕްލިކޭޝަނީ ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރުމަށް އެކި ފޯރަމްތައް ބޭއްވުމުގައި ދިވެހިންނާއި، ދުނިޔޭގެ ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެޕްލިކޭޝަނެކެވެ.