ނިމުނު އަޟްހާ އީދާއި ދިމާކޮށް ބަނގްލަދޭޝްގައި ދިން ލުއިތަކަށްފަހު، ޢީދު ބަންދަށްފަހު އެ ގަމުމުގައި ކޯވިޑްބަލިޖެހޭ މީހުންނާއި، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް މައްޗަށްދާން ފަށައިފިއެވެ.
ބަނގްލަދޭޝްގައި ހަލުވިކަމާއެެކު ފެތުރެމުންދިޔަ ޑެލްޓާ ވޭރިއެންޓްގެ ސަބަބުން ބަލީގެ ހާލަތު ގޯސްވަމުންދާތީ އެކަން ހުއްޓުވަން ޢީދު ބަންދުގެ ކުރީން އެގައުމުގެ ސަރުކާރުން އޮތީ ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުންއަކަށް ގޮސްފައެވެ. ނަމަވެސް އީދު ބަންދާ ދިމާކޮށް އެ ގައުމުން ވަނީ ފިޔަވަޅުތަކަށް ލުއިތައް ދީފައެވެ.
އީދު ބަންދާ ދިމާކޮށް ބަނގްލަދޭޝް ސަރުކާރުން، އެ ގައުމުގެ ރައްޔިތުން އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދިނީ ޖުލައި 13 އިން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ.
އެ ގައުމުގެ ސަރުކާރުގެ މި ނިންމުމާމެދު ބަލީގެ ހާލަތަށް ވަޒަންކުރާ ތަޖުރިބާކާރުން ގެންދިޔައީ ލުއިތައް ދިނުމަށް ނިންމި ނިންމުން މުރާޖައާކުރުމަށް ގޮވާލައި، ލުއިދީފިނަމަ ބަލީގެ ހާލަތު ފާލުން ނެއްޓިދާނެ ކަމުގެ އިންޒާރު ވެސް ދެމުންނެވެ.
ބަލި ފެތުރުން ހުއްޓުވަން މުޅި ބަނގްލަދޭޝް ހަރުކަށި ލޮކްޑައުންއަކަށް ދިޔަފަހުން މިދިޔަ ހޯމަ ދުވަހަކީ، އެއް ދުވަހެއްގައި ރެކޯޑް އަދަދަކަށް އެގައުމުން މީހުން ޕޮޒިޓިވްވެ އަދި ބަލީގައި އެންމެ ގިނަމީހުން މަރުވި ދުވަސް ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިގޮތުން އެ ގައުމުން އެދުވަހު 15،192 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައި ވާއިރު، 247 މީހުން ބަލީގައި މަރުވެފައި ވެއެވެ. އިއްޔެ ވެސް އެ ގައުމުން 14،925 މީހުންނަށް މިބަލި ޖެހިފައިވާއިރު، 258 މީހަކު ވަނީ މަރުވެފައެވެ.
އެ ގައުމުގެ ހެލްތު މިނިސްޓަރ ޒާހިދު މާލިކް ވިދާޅުވެފައި ވަނީ، އެގަމުގެ ކޯވިޑްގެ ހާލަތު މިހާރު އޮތީ ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށެވެ. އަދި ބަލިމީހުން ގިނަވެ ހޮސްޕިޓަލްތަކުގެ 90 އިންސައްތަ އެނދުތައް މިހާރު ފުރިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އީދު ބަންދަށްފަހު މުޅި ބަނގްލަދޭޝް އަނެއްކާވެސްވަނީ ދެ ހަފްތާއަށް ހަރުކަށި ލޮކްޑައުންއަކަށް ގޮސްފައެވެ.
ބަނގްލަދޭޝްގެ 1.1 މިލިއަން މީހުންނަށް މިހާތަނަށް ކޯވިޑް ބަލި ޖެހިފައިވާއިރު، އެ ގައުމުން 19,779 މީހަކު ވަނީ މިހާތަނަށް މި ބަލީގައި މަރުވެފައެވެ.
މުޅިދުނިޔޭގެ 195 މިލިއަން މީހުންނަށް މިހާތަނަށް ވަނީ މި ބަލި ޖެހިފައެވެ. ދުނިޔޭން މި ބަލީގައި 4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!