ހއ. އަތޮޅުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ނެތުމަކީ ދެރަވަރުކަމެއް: ދިއްދޫ ރައްޔިތުންގެ އަޑު

dhidhoo

ހއ. އަތޮޅުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ހަމަޖެހިފައި ނެތުމަކީ ދެރަވަރުކަމެއްކަމަށް ދިއްދޫ ރައްޔިތުންގެ އަޑުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތުން ބުނެފި އެވެ.

ދިއްދޫ ރައްޔިތުންގެ އަޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހއ ދިއްދުއިން ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، އެރަށް އިއްޔެވަނީ މޮނިޓަރިންގ އަށް ލެވިފައިކަމަށާއި މިއީ މިހާތަނަށް ދިއްދޫ މޮނިޓަރިންގ އަށް ލީ 4 ވަނަ ފަހަރުކަމަށެވެ.

ކޮވިޑް19 ގެ ޢާލަމީ ވަބާ ދިވެހިރާއްޖެއިން ވެސް ފެނި، އެކަމާ ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކާއި، ބޮޑެތި ހޭދަތައް ކުރައްވަމުންގެންދަވައި މި ކަމުން އަރައިގަތުމަށް ކުރައްވަމުންގެންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި އެ ގޮތުން ދައުލަތުގެ ފިނޭންސް މިނިސްޓްރީން 2021 ޖުލައި 8 ވަނަ ދުވަހު ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، އެ ތާރީޚާ ހަމައަށް ކޮވިޑް19 އާ ގުޅުން ހުރި އެކި މަސައްކަތްތަކަށް 3.57 ބިލިޔަން ރުފިޔާ ޚަރަދުކުރެއްވިކަމާއި، އޭގެ ތެރެއިން ޞިއްޙީ އަދި އިޖްތިމާޢީ ކަންކަމަށް 1.82 ބިލިޔަން ރުފިޔާ ޚަރަދުކުރެއްވިކަން އެނގެން އެބައޮތްކަމަށް އެނޫސްބަޔާނުގައި ބުނެފައިވެ އެވެ.

“މި ދެންނެވި ހޭދަތައް ދައުލަތުން ކުރައްވަމުންގެންދަވާއިރު، 23,600 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮތް ހއ އަތޮޅުގެ މައި ހޮސްޕިޓަލްކަމުގައިވާ ހއ ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުން މިއަދާ ހަމައަށް ވެސް ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ހަމަޖެހިފައި ނެތުމަކީ އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަމެކެވެ. އަދި މިއީ ދެރަވަރު ކަމެއް ވެސް މެއެވެ.”

ދިއްދޫ ރައްޔިތުންގެ އަޑުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހއ އަތޮޅުގެ އެތައް ކިތަންމެ ރަށެއް، އެތައް ކިތަންމެ ފަހަރަކު މޮނިޓަރިންގ އަށް ލެވިފައިވާއިރު، މޮނިޓަރިންގ އިން ރަށް ނެގުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގ ހަދައި، ނެގޭ ސާމްޕަލްތައް ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން ބޭރަށް، މާލެ ފޮނުވައި އޭގެ ނަތީޖާ ލިބެން 3، 4 ދުވަސް ނަގައި، މި ޙަޤީޤަތުގެ މަތީގައި ހއ އަތޮޅާއި، ހއ ދިއްދޫގެ ރައްޔިތުން ބަރުދާސްތުކުރަމުންދާ ދަތިކަމަށް ކުޑަ ވެސް ޙައްލެއް މިއަދާ ހަމައަށް ނުލިބި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

“ވަކިން ޚާއްޞަކޮށް ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ދައުލަތުން 3.57 ބިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ހއ އަތޮޅު ހޮސްޕިޓަލްގައި ކޮވިޑް19 އަށް ޓެސްޓްކޮށްލާނެ ގޮތް ހަމަޖެހިފައި ނެތުމަކީ އަސްލު އަސްލަށް، ލަދުވެތި ކަމެކެވެ.”

ކަންބޮޑުވުން ހިއްސާކޮށް އެބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް19 ގެ ކޭސްތަކެއް ފެނިއްޖެނަމަ، އެ ކޭސްތަކާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގ ހަދައި، ކޮވިޑް19 ގެ ވައިރަސް ދަތުރުކުރި ތަންތަން ދެނެގަނެ، އެ ފަދަ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށް ރަށެއް މޮނިޓަރިންގ އަށް ލުމަކީ މުހިންމު ކަމެއްކަން ޤަބޫލުކުރާކަމަށާއި އެހެންނަމަވެސް، އެ ސާމްޕަލްތައް ނެގި، ޓެސްޓްނުކުރެވި ނުވަތަ ނަތީޖާ ނުލިބި އެތައް ދުވަހެއް ވުމަކީ މޮނިޓަރިންގ ޙާލަތުން ރަށް ނެގުން ލަސްވާ ކަމެއްކަމަށް ބުނެފައިވެއެވެ.

މޮނިޓަރިންގެ ޙާލަތުގައި ރަށެއް އޮތުމަކީ އިންތިހާއަށް ވޭންހުރި ކަމެއްކަމަށާއި އަމިއްލަ މަސައްކަތްކުރާ މީހުންނާއި، ރަށުގެ އިޤްތިޞާދީ ކަންކަމާއި އެ ނޫން ކަންކަމަށް ވެސް ބުރޫ އަރާކަމެއްކަމަށް ބުނެފައިވެއެވެ. އަދި ރަށް މޮނިޓަރިންގ އަށް ލެވޭ ކޮންމެ ފަހަރަކު ވެސް ރައްޔިތުން ނުހަނު ކެތްތެރިކަމާއި ކިޔަމަންތެރިކަމާއެކު އެކަމަށް އެއްބާރުލުން ދޭ ކަން ފާހަގަކުރާކަމަށާއި އެހެންވެ، މޮނިޓަރިންގ އިން ނެގުން އަވަސްކުރުމަށްޓަކައި ހއ އަތޮޅު ހޮސްޕިޓަލްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެހިފައި ހުންނަން ޖެހޭކަމަށް ބުނެފައި ވެއެވެ.

“ސަރުކާރުން ހއ އަތޮޅު ހޮސްޕިޓަލަށް 2021 މޭ 6 ގައި ދިއްދުއަށް ޖީން އެކްސްޕަރޓް މެޝިނެއް، އަދި 2021 ޖުލައި މަހުގެ ކުރީކޮޅު ޖީންޗެކަރ މެޝިނެއް ގެނެސްފައިވިޔަސް، އެ މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ސާމާނު ނެތިގެން، މިއަދާ ހަމައަށް ވެސް ވަނީ ބޭނުންނުކުރެވިއެވެ. އަދި މި ކަމުގައި ސަރުކާރާއި، ކަމާ ބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ހާމަނުކުރައްވާކަން ވެސް އަޅުގަނޑުމެން ފާހަގަކުރަމެވެ.”

އެބަޔާނުގައި ބުނެފައި ވެއެވެ.

ހއ އަތޮޅުގެ އެންމެ ރައްޔިތުންގެ ޙައްޤުގައި އަދި ރަށްރަށް މޮނިޓަރިންގ ޙާލަތުގައި ގިނަ ދުވަހު ބާއްވަން ޖެހި އެއިން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ޙައްލެއްގެ ގޮތުން، ހއ އަތޮޅު ހޮސްޕިޓަލުން ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ހައްދަވައިދެއްވުމަށް، މިނިސްޓްރީ އޮފް ހެލްތަށާއި، އަދި ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް އެޖަމާއަތުން ގޮވާލާފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިއަކީ ޕީސީއާރު މެޝިނެއްނޫން. އެމްޕީ ނާރޑްމީ ހިން ބޮލައް ވަދެގެން ކޮއްފަ އޮތް ކަމެއްތީ. ތިމެޝިނުން ޓެސްޓެއް ނު. ހެދޭނެ ވ ސާފު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި