ހަނިމާދޫގެ ރައްޔިތުން ދަތުރުގޮސް މޫދަށް އެރިލައި ހިތްހަމަ ޖައްސާލުމަށް ޓަކައި ހަދާފައިވާ ޕިކްނިކް އޭރިޔާ ރަސްމީކޮށް ހުޅުވައިފިއެވެ.
"ހަނިހޭޅި" ގެ ނަމުން ނަންދީފައިވާ މި ޕިކްނިކް އޭރިޔާ ރަސްމީކޮށް ހުޅުވާފައި ވަނީ 26 ޖުލައި 2021 ވީ ހޯމަ ދުވަހު ހަވީރުއެވެ. ހަނިމާދޫގެ ދެކުނު ފަރާތު ބީޗް ސައިޑްގައި ތަރައްޤީ ކޮށްފައިވާ ޕިކްނިކް އޭރިޔާ ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ތަނުގައި ވަނީ ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ.
މި ކުޑަކުދިންގެ ހަވީރުގައި ދުވަހުގެ ހާއްސަ ކޭކެއް ފެޅުމުގެ އިތުރުން ކުދިންނާއި ގުޅޭ ހާއްސަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ހަނިމާދޫ ކައިޓް ސާފަރުންގެ ކައިޓްތައް ދައްކާލުމުގެ އިތުރުން، ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންނަށް ދުވަހާއި ގުޅޭ ހަދިޔާ ވެސް ވަނީ ބަހާފައެވެ.
ހަނިމާދޫ ރައްޔިތުންގެ މާލިއްޔާއިން 115975 (އެއްލައްކަ ފަނަރަ ހާސް ނުވަސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ޚަރަދު ކޮށްގެން ތަރައްޤީ ކޮށްފައިވާ މި ޕިކްނިކް އޭރިޔާގައި ބާބެކިއު ސްޓޭންޑް ތަކާއި ހަޓްތައް ހެދާފައި ހުރެއެވެ. އަދި މޫދަށް އެރިލާ ފެންވަރާލާ ހެދުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުރެއެވެ. އަދި ރޭގަނޑު އެ ސަރަހައްދު އަލި ކުރުމަށް ލައިޓް ވެސް ހަރުކޮށްފައި ހުރެއެވެ.
ހުޅުވިގެންދިޔަ ޕިކްނިކް އޭރިޔާ ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ މި ސަރަހައްދު ބޭނުން ކުރާއިރު ތަނުގެ ސާފްތާހިރު ކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމުގެ އިތުރުން ތަނުގައި ހެދިފައިވާ ތަކެއްޗަށް ގެއްލުން ނުލިބޭނޭހެން ގިނަ ދުވަހު ތަން ބޭނުން ކުރެވޭނޭ ގޮތް ވިސްނައިގެން ތަން ބޭނުން ކުރުމަކީ ކައުންސިލުން އެދޭކަމެއްގޮތުގައި ފިރާޤް ވަނީ ފާހަގަ ކުރައްވާފައެވެ.
ޕިކްނިކް އޭރިޔާގައި ކަރަންޓާއި ފެން ފަދަ ޚިދުމަތްތައް ޤާއިމް ކޮށްފައިވާއިރު، މިފަދަ ޚިދުމަތެއް ނުލިބޭނަމަ ކައުންސިލަށް ރިޕޯޓް ކުރުމަށް ފިރާޤު ވަނީ އެދިލައްވާފައެވެ. އަދި މިހާރު ޕިކްނިކް އޭރިޔާ ކޮންމެ ރެޔަކު ބާރަ ޖަހަންދެން ބޭނުން ކުރެވޭނެ ކަމަށާއި، އެއަށްފަހު ބޭނުން ކުރަން ބޭނުން ވެއްޖެނަމަ ކައުންސިލުން ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމުގައި ފިރާޤް ވަނީ ވިދާޅުވެފައެވެ. އަދި ޕިކްނިކް އޭރިޔާ ބޭނުން ކުރުމުގެ އުސޫލްތަކެއް ވަރަށް އަވަހަށް ކަނޑައަޅައި އާންމު ކުރެވިގެން ދާނެ ކަމުގައި ވެސް ފިރާޤް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން ޕިކްނިކް އޭރިޔާ ހުޅުވުމަށް ކުރެވިގެންދިޔަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވި ހަނިމާދޫ ޒުވާން ކަނބަލުންގެ ގުރޫޕަށާއި، ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށާއި، އަދި ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފިރާޤް ވަނީ އެ ހުރިހާ ފަރާތްތަކަށް ވަރަށް ހާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
އަދި ހާއްޞަކޮށް ޕިކްނިކް އޭރިޔާ ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތަށް އެމްޓީސީސީގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް ފިރާޤް ވަނީ ވަރަށް ހާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!