ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީ ކުރުމުގެ ތައްޔާރީތައް ޒުވާނުންގެ ޖަމިއްޔާއިން ފަށައިފި

IMG_20210726_142256_480

ބޭޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ހަނިމާދޫ ސްކޫލާއި ގުޅިގެން އެ ޖަމްޢިއްޔާއިން ވާން ފަށައިފިއެވެ

މިގޮތުން 25 ޖުލައި 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީން ވަނީ ހަނިމާދޫ ސްކޫލުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކޮށްފައެވެ. އަދި މި ޕްރޮޖެކްޓްގެ ތެރެއިން ލައިބްރަރީއަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސްކޫލްގެ މެނޭޖްމެންޓާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ޚިޔާލު ވަނީ ހޯދާފައެވެ.

މި ޕްރެޖެކްޓުގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރ ފަރުހާދު މޫސާ ވިދާޅުވެފައި ވަނީ ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީ ކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ ސްކޫލުގެ ދަރިވަރުންނަށް ފޮތްކިޔުމުގެ ރަނގަޅު މާހައުލެއް ޤާއިމްކޮށްދީ، ކުދިންގެ ހިތުގައި ފޮތް ކިޔުމަށް ޢިތުރަށް ޝަޢުޤުވެރިކަން އުފެއްދުން ކަމަށެވެ. އަދި ސްކޫލުގައި ކިޔަވާ ވަގުތުގެ އިތުރުން ފޮތް ކިޔުމަށް ޝަޢުޤުވެރިވާ އެހެނިހެން ވަގުތުތަކުގައި ވެސް ފޮތްކިޔުމުގެ ފުރުޞަތު ހޯދާއިދިނުމުގެ އިތުރުން، ސެން ކުލާހުގެ ދަރިވަރުންނަށް ހާއްސަ ކޯނާއެއް ތަރައްޤީ ކުރެވި އެ ކުދިންނަށް ވެސް އެކަށީގެންވާ މާހައުލެއް މި ޕްރެޖެކްޓްގެ ތެރެއިން ޤާއިމްކުރެވިގެން ދިޔުން ކަމަށެވެ.

ފަރުހާދު އިތުރަށް ވިދާޅުވެފައިވަނީ މިއީ ތިންމަސްދުވަހުގެ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ސްކޫލުގެ ދަރިވަރުންގެ މެދުގައި ފޮތް ކިޔުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓް އިތުރަށް އިސްތިހާރު ކުރުމުގެ ގޮތުން މި ޕްރޮޖެކްޓާއި ގުޅޭ ހާއްސަ ޓީޝާޓް ވެސް ހެދިގެން ދާނެ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ދެމުން އަންނަ އެހީއެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލް ތަކަކީ ހިލޭސާބަހަށް ކުރާ މަސައްކަތް ތަކަށާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކަށާއި އަދި ތިމާވެށި ހިމާޔަތް ކުރުންފަދަ ކަންކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި ހޮވާ ފަސް މަސްރޫޢުގެ ތެރޭގައި ހިމެނޭ ކޮންމެ މަސްރޫޢުއަކަށް ބީއެމްއެލްގެ ފަރާތުން އަންނަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ފަންޑްގެ ދަށުން މިހާތަނަށް 50 މަޝްރޫޢުއަކަށް ބީއެމްއެލްގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭސިއަން ފައުންޑޭޝަންގެ ދަށުން ޖަމްޢިއްޔާތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ރާއްޖެއިން ސެލެކްޓްވި ހަތް ޖަމްޢިއްޔާ ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ހިމެނިފައިވާތީ އެ ޕްރޮޖެކްޓްގައި ވެސް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 27 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި