1442 ވަނަ އަހަރުގެ ބާރަށުގެ އަޟްޙާ ޢީދު ޝެޑިއުލް މިފަހަރު މި ފެނުނީ މާ ފަހުންނެވެ. މިހެން ހިތަށްނޭރިއްޔާ ދެރަތާއެވެ. ޢީދު ދުވަހުން ފަށައިގެން ޖުމްލަ ހަ ދުވަހުގެ ނިޔަލަށް އަތުރާލާފައިވާ ތަފާތު ކުޅިވަރުތަކާއި އެ ކުޅިވަރުތަކުގެ މާހައުލުގެ ހިތްގައިމު ފޮޓޯތައްފެނި މިކަމަށް ޢިތުރު ޝަޢުޤެއް އުފައްދައިފިއެވެ.

ޢީދުދުވަހު ޢީދު ނަމާދުން ފޭބުމާއެކު ކުޅިވަރުތައް ފެށުނީއެވެ. ދެން ހަމަ ހުއްޓިލާ ހުންނާނެ ވަގުތެއް ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ޢީދު ނަމާދަށް ފަހު ރަށުގެ ކުދިބޮޑު އެންމެން އެއްވެ ޢީދު ސުފުރާއަށް އިންސާފުކުރުމެވެ. ކުދިބޮޑު އެންމެން އެކުވެރިކަން މަތީގައެވެ. ޢީދު ދުވަހުގެ ހަވީރު ދިގުމަގު ދަނޑިން ރަށަށް އުފާވެރިކަން ގެނުވިއިރު އެ ރޭ ވާދަވެރި ފޯރިގަދަ ވާދެމުމުގެ މުބާރާތެވެ.

Ad
rt
ބާރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރަނީ، ފޮޓޯ: ނަޒީޙް/މިޢުރާޖް

ވަޅުޢީދު ދުވަހު ހެނދުނު ހެނދުނާ ކޯޑި ޖެހުން ކުރިއަށް ގެންގޮސްފައިވާއިރު ހަވީރު އޮތީ ކޯޑި ގެންދިޔުމެވެ. އެ ރޭ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ބޮޑުމަސް ދުއްވުން ކުރިއަށް ގެންގޮސްފައިވާއިރު، އެ ރޭގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައި ވަނީ ޓާސްކް ތަކުން މުއްސަނދި ކުރެވިފައިވާ، އަދި އަލަށް ތަޢާރަފް ކުރެވުނު ބާރަށުގެ އެންމެ ބާރުގަދަ މީހާ ހޮވުމުގެ ހަރަކާތެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ މިސްޓަރ ބާރަށް ހޮވުމެވެ.

މިސްޓަރ ބާރަށް ހޮވުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ނަޒީޙް/މިޢުރާޖް

ޢިދުގެ ތިންވަނަ ދުވަސް ފެށިގެން ގޮސްފައި ވަނީ ރަށުގެ ކުދިބޮޑު އެންމެން އިންސާފްކުރި ރައްޔިތުންގެ ޖާފަތުންނެވެ. މެންދުރު ކެއުމަށް ފަހު ރަށުގެ ފިރިހެންވެރިން ފުރީ ލާމަސީލް މަސްރޭހުގައެވެ. ރަށުގައި ތިބި ފަރާތްތަކުން ހަވީރު ދަފިގެންދިޔުން ކުރިއަށް ގެންގޮސްފައިވާއިރު އެ ރޭ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންގޮސްފައި ވަނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކުރުމެވެ.

ފޮޓޯ: ނަޒީޙް/މިޢުރާޖް

ޢީދުގެ ހަތަރުވަނަ ދުވަހު ހެނދުނު ފެންކުޅި ކުރިއަށް ގެންގޮސްފައިވާއިރު، މިކަމުގައި ވެސް ފެނިގެން ގޮސްފައި ވަނީ މުޅިން ތަފާތު ލެވެލްއެކެވެ. ގާޑިޔަލަށް އުވަދޯނިލައި ފުރެންދެން ފެންއަޅައި އެއަށް ކުލަ ގިރުވައި ރަށުތެރޭގައި ދުއްވައި ފެންނަ މީހަކު އަތުލައިގަނެ އޭގެތެރެއަށް ލުމެވެ. ހަވީރު ތިމްމުގޯލި ކުޅުން ކުރިއަށް ގެންގޮސްފައިވާއިރު ރޭގަނޑު ވަގުތު ފަޅުފިލުވާފައި ވަނީ ފޯރިގަދަ ޢީދު ޝޯއިންނެވެ.

ފޮޓޯ: ނަޒީޙް/މިޢުރާޖް

ޢީދުގެ ފަސްވަނަ ދުވަހު ހެނދުނު ދެޖިންސަށް ވެސް ބައިވެރި ވެވޭގޮތަށް ގިނަ ޓާސްކްތައް ހިމެނޭ ޓްރެޝާ ހަންޓް ކުރިއަށް ގެންގޮސްފައިވާއިރު، އެ ދުވަހުގެ ހަވީރު ވަނީ އެ ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވި އާއިލީ ހަވީރެއް ކުރިއަށް ގެންގޮސް ރަށުގެ ކުދިބޮޑު އެންމެން އުފާކޮށް ދީފައެވެ. އެ ރޭވެސް ނިންމާލާފައި ވަނީ ޝޯއިންނެވެ.

ފަހު ދުވަހު ވަނީ ދެ ޖިންސަށް ވަކިން ބައިސްކަލް ރޭސް ބާއްވައި ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ބައިސްކަލް ހަދިޔާ ކޮށްފއެވެ. އެއަށްފަހު ހާއްސަ ބަށިމެޗެވެ. ހަރަކާތްތައް ނިންމާލާފައިވަނީ ވަދާޢީ ޝޯއިންނެވެ.

ފޮޓޯ: ނަޒީޙް/މިޢުރާޖް

ބާރަށުގެ ޢީދު ކުޅިވަރާއޮ ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އެ އިވެންޓްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތްކަމުގައިވާ ހަސަން މީޝާޤް ބުނެފައިވަނީ ބާރަށަކީ އަބަދު ވެސް ވަރަށް ފޯރީގައި ޢީދު ކުޅިވަރު ކުޅެމުން އަންނަ ރަށެއް ކަމުގައެވެ. ނަމަވެސް މިހާރުގެ ތަފާތަކީ ކުރިއާ ހިލާފަށް ދުރާލައި ޝެޑިއުލް ކުރެވިގެން ކަންކަން ކުރުން ކަމަށެވެ.

ފޮޓޯ: ނަޒީޙް/މިޢުރާޖް

ރަށުގެ ގިނަ ޒުވާނުންނަކީ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތައް ކަމަށް ވިޔަސް ޢީދުގެ އުފަލުގައި ބައިވެރިވާން ރަށަށް އެ ޒުވާނުން އަންނަ ކަމަށާއި، ވުމާއިއެކު މިހާރު މި ހަރަކާތްތައް ހިންގަނީ ޒުވާނުން އިސްވެ ތިބެ ކަމުގައި މީޝާޤް ވަނީ ފާހަގަ ކޮށްފައެވެ.

ފޮޓޯ: ނަޒީޙް/މިޢުރާޖް

މީޝާޤްވަނީ ޢީދު މިހާ ފުރިހަމަކަމާއިއެކު ކުރިއަށް ގެންދިޔުމުގައި ބާރަށު ޒުވާނުންނާއި، ބާރަށު ޒުވާނުންގެ ދިރުމުގެ އިތުރުން ރަށުގެ ކުދިބޮޑު އެންމެން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ހަރަކާތްތައް ޕްރޮމޯޓް ކުރުމުގައި ނަޒީހް އަދި މިޢުރާޖް ކުރައްވާ މަސައްކަތް ވެސް މީޝާޤް ވަނީ ފާހަގަ ކޮށްފައެވެ.

ފޮޓޯ: ނަޒީޙް/މިޢުރާޖް

ބާރަށުގެ ޢީދު ކުޅިވަރުގެ ޝެޑިއުލް މިފަހަރު ތަންކޮޅެއް ފަހުން ފެނުނު ނަމަވެސް ދެން ކުރިއަށް އޮތް ޢީދުތަކުގައި މަޖާކޮށްލަން ބޭނުންނަމަ ބާރަށުގެ ޢީދު ކުޅިވަރު ތަޖުރިބާ ކޮށްލައި ހިތް އުފާކޮށްލަން ޕްލޭން ކުރުން ކިހިނެއް ވާނެތޯ މިހާރު އެބަ ހިތަށް އަރައެވެ.