މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ބައްދަލުވުން ފެށޭނީ މިރޭ 20:40 ގައި ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސަމީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން މިހާރު ވަނީ މައްސަލަ ފޮނުވައެވެ. މިކަން ހާމަކުރަށްވައި، މިމަހުގެ 21 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި، މޭ 6 ގެ ހަމަލާގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ފުލުހުންގެ އިދާރާގެ ފަރާތުން 4 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އެ ހަމަލާއިގުޅޭ އިތުރު މައުލޫމާތު ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެދުވަހު ޕީޖީ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 8:30 ގައެވެ.
އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހެއްދެވުމަށްފަހު އިތުރުފަރުވާއަށް އެމަނިކުފާނު ގެންދެވުނީ ޖަރުމަނަށެވެ. ޖަރުމަނުގައި ވެސް ބައެއް ސާޖަރީތައް ހެއްދެވުމަށްފަހު މިވަގުތު އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
މިހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ވެސް ހަދައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!