ހދ.ކުޅުދުއްފުށި ސިޓީގައި އެ ރަށުގެ ކައިޓްސާފަރުން "ލައިޓް ޝޯ" ގެ ނަމުގައި ކައިޓް ދުއްވުމުގެ ވަރަށް ހިތްގައިމު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ކައިޓްބޯޑިންގެ ކުޅުދުއްފުށީގެ ފަރާތުން 22 ޖުލައި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ކައިޓްތަކާއި އަދި ކައިޓް ސާފަރުންގެ ގައިގައި ކުލަބޮކިލައި ދިއްލައިގެން ވަނީ ކައިޓް ދުއްވާފައެވެ.
އެކިކުލަކުލައިން ކައިޓްތައް ދިއްލާލައިގެން ކުރިއަށް ގެންދިޔަ ހިތްގައިމު މި ހަރަކާތް ބަލައިލަން އެ ސިޓީގެ ގިނަ ބަޔަކު ވަނީ އެތަނަށް ޖަމާވެފައެވެ.
މި ހަރަކާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި އެއް ފަރާތްކަމުގައި ވާ ހުސެއިން މޫސާ “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ހަރަކާތް ފުރަތަމަ ކުރިއަށް ގެންދަން ރޭވީ ޢީދާއި ގުޅުވައިގެން ވަރަށް ބޮޑުކޮށް ކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދެވިފައިވަނީ ކުޑަކޮށް ކަމަށެވެ. މިގޮތުން ރޭގެ ލައިޓްލައިގެން ދުއްވާފައި ވަނީ 6 ކައިޓްގައި ކަމަށެވެ.
ކުޅުދުއްފުއްޓަކީ ކައިޓް ސާފްކުރުމަށް ލޯބިކުރާ ޒުވާނުން ގިނަ ރަށެކެވެ. މިގޮތުން އެ ރަށުގައި ކައިޓްސާފްކުރާ ޒުވާނުންނާއި ކުޑަކުދިންގެ އިތުރުން ކަނބަލުން ވެސް މިވަގުތު އެބަތިއްބެވެ.
ފޮޓޯ: ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ"
https://thiladhun.wonstasite.com/gallery/68949
ރާއްޖޭގެ އުތުރުގައި އެންމެ ގިނަ ކައިޓް ސާފަރުން ތިބި ރަށަކީ ވެސް ކުޅުދުއްފުއްޓެވެ. އެ ރަށުގައި މިހާރު ވެސް ކައިޓް ދުއްވާ ފަސްދޮޅަހަށް ވުރެ ގިނަ ފަރާތްތައް އެބަތިއްބެވެ.
މީގެ ކުރިން ވެސް ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ވަނީ ކައިޓް ތަކުގައި ލައިޓްލައިގެން ހިތްގައިމު ލައިޓް ޝޯއެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!