ދެހާސް ފައްސަތޭކަ ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖެ ގެނެސްފިއެވެ.
މި ބޯޓު ރާއްޖެ ގެނައީ ތައިލެންޑުން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ބޯޓު ގެންނަ 1.8 މިލިއަން ޑޮލަރު (27.8 މިލިއަން ރުފިޔާ) ހަރަދު ކުރި ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މިފްކޯއިން ބުނެފައިވާގޮތުގައި މި ބޯޓު ބޭނުން ކުރާނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށެވެ. އަދި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ރައްކާ ކުރުމަށްވެސް މި ބޯޓު ބޭނުން ކުރާނެއެވެ.
މިއީ 98 މީޓަރުގެ ދިގު ބޯޓެކެވެ. މި ބޯޓަކީ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ އީޔޫއާއި އައިއޯޓީސީ މިންގަނޑުތަކަށް ފެތޭ ބޯޓެކެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން، އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެދަށުންނާއި ސައުދީ ފަންޑުގެ ދަށުން 56.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 875.85 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!