1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ އެ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.
އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައި ވަނީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވީނަމަވެސް އެ ރަށުގެ ފަސް މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މިސްކިތްތަކަކީ މަސްޖިދުލް ހަޟާރާތު، މަސްޖިދުލް ނޫރު، މަސްޖުދުލް ފިރްދައުސް، މަސްޖިދުލް ހަސަނާތުގެ އިތުރުން މަސްޖިދުލް ޖަމާޢަތެވެ.
މޫސުން ތަން ނުދިނުން ނުވަތަ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފިނަމަ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ނޯންނާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ޢީދުނަމާދު ކުރުން އޮންނާނީ ހަމައެކަނި މަތީގައި ބަޔާންކުރެވި ދިޔަ ފަސް މިސްކިތުގައެވެ.
މި އަހަރުގެ އަޟްހާ ޢީދު ދުވަހަކީ 20 ޖުލައި 2021 ވާ އަންގާރަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!