ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަދި ހަނިމާދޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާއި، އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި، އެސިޓީގެ 3 ސުކޫލުގެ އިސްވެރިންނާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި، ބައްދަލުކުރެއްވެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި، އަދި އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީއަށް ކުރި ޒިޔާރަތް ނިންމަވާލެއްވުމަށް ފަހު ދެން ވަޑައިގެންނެވީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުމުންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ ކުމުންދޫ ޞިއްޙީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން އެދެކަނބަލުން ވަނީ ހަނިމާދޫގެ ސްކޫލަށާއި، ހެލްތު ސެންޓަރަށާއި، ބަނދަރަށް ޒިޔާރާތްކުރައްވާ އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ.