ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުމުންދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މަޝްރޫޢުތަކެއް ކަމުގައި ކުމުންދޫ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.
މިއަދު މެންދުރުފަހު ކުމުންދޫ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކުމުންދޫ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ މައްސަލަތަކާ ބެހޭގޮތުން ރައީސް އާއި މަޝްވަރާކުރައްވާފައެވެ.
އަދި ކައުންސިލުން ވަނީ އެތައް އަހަރެއްގެ ތެރޭގައި ނުކުރެވޭހާ ގިނަ ތަރައްޤީގެ ކަންކަން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެރަށަށް ހާސިލުވެފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ރަށުގެ ބަނދަރަށް ވަދެ ނިކުމެ ވުމުގައި ހުރި ދަތިކަމުގެ މައްސަލައެވެ. އަދި، ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ވިޔަފާރިޔާ އިޖްތިމާޢީ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ. މި ބައްދަލުކުރެއްވުުގައި ރަށު ކައުންސިލުން ވަނީ ރަށުގެ މާސްޓަރ ޕްލޭންގެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ނެތުމުން ދިމާވާ ދަތިތަކާއި ރަށުގައި ދަނޑުވެރިކަންކުރާ އަންހެނުންނަށް، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރާނެ ގޮތްތަކެއް ފަހިކުރުމާއި ބެހޭގޮތުން ރައީސް އާއި ވަނީ މަޝްވަރާކުރައްވާފައެވެެ.
މީގެ އިތުރުން، ރައީސް ވަނީ އެރަށު ބަނދަރުގެ ނެރުގެ މައްސަލައަކީ ޙައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ހެލްތު ސެންޓަރާއި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތާއި އަދި ސްކޫލާއި ގުޅިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކުމުންދޫ ރައްޔިތުން އެދޭފަދައިން އެރަށުގައި ފޮލިސް ޕޯސްޓެއް ޤާއިމުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!