މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

"ކަނބަލުންނަށް ކަރަންޓުން މިންވަރެއް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2021 އިން 03 އޯގަސްޓް 2021 ގެ ނިޔަލަށް ޖުމްލަ ތިން ދުވަހުގެ މުއްދަތަށެވެ.

Ad
rt

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފުރުޞަތު ހުޅުވާލައި ގޮއިދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ތެރެއިން ކަރަންޓް އިޤްތިޞާދު ކުރެވޭނެ ގޮތްތަކާއި ކަރަންޓް ބޭނުން ކުރުމުގައި ރައްކާތެރި ވުމުގެ ގޮތުން ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކާއި ޓޮޕް ފަދަ ތަކެތި ގުޅާލުމާއި އަދިވެސް ކަރަންޓާއި ގުޅޭ ބޭސިކް ކަންތައްތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޝަރުމާ ޢަލީ ވިދާޅުވެފައިވަނީ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި މި އޮންނަ ގޮތުން ގިނަވަގުތު ގޭގައި މި ތިއްބަވަނީ ކަނބަލުން ކަމަށާއި ވުމާއިއެކު ކަރަންޓަށް ދިމާވާ ކުދިކުދި ކަންކަން އަމިއްލައަށް ހައްލުކޮށްލަން ކަނބަލުންނަށް ދަސްކޮށްދިނުމަކީ މި ޕްރޮގްރާމްގެ އެއް އަމާޒު ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ކަރަންޓް ބިލް ބޮޑުވާން ދިމާވާ ސަބަބުތައް ބުނެދިނުމުގެ އިތުރުން ހެޔޮގޮތުގައި ކަރަންޓް ބޭނުން ކުރުމަށް ދަސްކޮށްދެވިގެން ދާނެކަމަށެވެ.

މީގެއިތުރުން ޓޮޕް ފަދަތަކެތި ގުޅާލަން ދަސްކޮށްދިނުމާއި، ގޭގައި އާންމުކޮށް ގެންގުޅޭ ކަރަންޓް އާލާތްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެ ގޮތް ވެސް މި ޕްރޮގްރާމްގެ ދަށުން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެނަކަ ގޮއިދޫ ބްރާންޗްގެ އެހީތެރިކަމާއި އެކުގައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 20 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އެ ކައުންސިލަށް ހުށައެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް އެ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެ ކަމުގައި އެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.