އިލެކްޝަންސް ކޮމިޝަން (އީސީ)އިން "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދޭން ނިންމައިފިއެވެ.
އީސީއިން މިއަދު ވިދާޅުވީ، "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ. ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި ކަމަށެވެ.
އުޝާމްއަކީ ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ މިިނިވަން މެންބަރެއްގެ ގޮތުގައި ވާދަ ކުރަށްވައެވެ.
އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމަށް ހުއްދަ ދިންކަން އީސީއިން ހާމަ ކުރެއްވުމުން މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލިސްގެ ފަސް މެންބަރެއް އިސްކޮށް ތިއްބަވާ އުފައްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއެއް ކަމަށެވެ.
މިގޮތުން އުޝާމް ވިދާޅުވި މެންބަރުންނަކީ، އޭނާގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟާއި، ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.
މޮސްޓާއާއި ޖޭފޯ އަކީ ވެސް މަޖިލިސްގައި ތިއްބަވާ މިނިވަން ދެ މެންބަރުންނެވެ. ނާޒިމާއި، ރިޔާޟްއަކީ ޖުމްހޫރީ ޕާޓީ ޓިކެޓްގައި މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން މި ހަފުތާގައި ވަނީ ޖޭޕީން ވަކިވެފައި ކަމަށް އެބޭފުޅުން ވަނީ މީޑިއާގައި ވިދާޅުވެފައެވެ.
"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށަން ހުއްދަ ދިންއިރު، ރައީސް މައުމޫންގެ ދުވަސްވަރު ހޯމް މިނިސްޓަރުކަމާއި، ސަރުކާރުގެ އިތުރު ބައެއް އިސްމަގާމްތައް ފުރުއްވި އަބުދުﷲ ކަމާލުއްދީން (އޭކޭ) ވެސް ގެންދަވަނީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ކަމާލުދީން ކުރިން ހުންނެވި ޕާޓީ، ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމްއިން މިދިޔަ ޖޫން 30 ވަނަ ދުވަހު ވަކިވާން ސިޓީ ފޮނުއްވާފައި ވިޔަސް އެ ޕާޓީން ވަކިނުކުރާތީ، އީސީން އިއްޔެ ވަނީ ކަމާލުދީނަށް އާ ޕާޓީއެއް ހެދުމުގެ ފުރުޞަތު އަދި ދެވެން ނެތްކަމަށް އަންގާފައެވެ. ސަބަބަކީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާ މީހެއްގެ ގައިގާ ހުންނަންޖެހޭ ޝަރުތު އޭކޭގައިގާ ފުރިހަމަ ނުވާކަމަށް ބުނެއެވެ.
ނަމަވެސް އޭކޭ ވަނީ އޭނާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވި ފޯމް، އީސީއިން ބާތިލްކޮށްފައިވަނީ ބަލަންވާވަރަށް ނުބައްލަވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!