އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށްފުރާ ދިވެހިންގެ އަތުން ނަގަމުން އަންނަ އެއްވެސް ފީއަކަށް ބަދަލު އައިސްފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުއަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަސްދީޤު ކުރަށްވާފައެވެ.
އެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން ނަގާ ފީވެސް ބޮޑުވެފައިވާ ކަމަށް މީޑިއާއަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވާ މިނިސްޓަރު އަމީރު ވަނީ، އެ އިސްލާޙުން އަންނަ ބަދަލު ސާފުކޮށް ދެއްވާފައެވެ.
މިގޮތުން މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއަޕޯޓް ޓެކްސް (އޭ.ޑީ.އެފް އަދި އޭ.އެސް.ސީ) ތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އިކޮނޮމީ ކްލާހުން ފުރާ ދިވެހިން ނުހިމެނޭނެ ކަމަށެވެ.
އެ އިސްލާހާއިއެކު އަންނަ ފީތަކަށް އަންނަ ބަދަލުތައް:
މި އިސްލާޙްތަކާއެކު ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ.
މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ވަނީ ނެގުމަށް ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.
އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެއްކަމުގައި މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި، ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!