ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި

photo_2021-07-12_00-56-36

ޒުވާން ދުވަސްވަރު ވިޔަފާރިއެއް ފެށުމަކީ ވަރަށް ކުޅަދާނަވެގެން ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އާންމު ކޮށް މީހުން އުމުރު ދެބައިވުމުން އެއްކުރެވިފައި ހުރި ލާރިން ވިޔަފާރިތައް ފަށާ ހަދައެވެ. އެހެނެންމަވެސް، ޅަ އުމުރުގައި ބޮޑެތި ވިޔަފާރިތައް ގެންގުޅޭ ޒުވާނުން ވަކި މަދެއް ނޫނެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ ޒުވާން އުމުރުގައި ވިޔަފާރި ހިންގަން ފައިނަގާފައި ތިބި 2 އެކުވެރިންނަށެވެ.

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އަށް އުފަން އަހުސަމް އަބްދުލް ފައްތާޙު އާއި މާލެއަށް އުފަން މުހައްމަދު އަޒާން އަކީ ރާއްޖޭގެ ލޮޖިސްޓިކްސްގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ދެ އެކުވެރިންނެވެ. މުދާ އެއްތަނުން އަނެއްތަނަށް ގެނެސް ދިނުމާއި ޕޯޓުތަކުގެ ގުދަންތަކުން މުދާނެރެދިނުމުގެ އިތުރުން ތަންތަނަށް އެމުދާތައް ޑެލިވަރީ ކޮށް ހެދުމަކީ މިދާއިރާގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތްތަކެވެ.

އުމުރުން 25 އަހަރުގެ އަހުސަމް "ތިލަދުން" އަށް ކިޔައިދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ މިދާއިރާއަށް ވަނީ މީގެ 5 އަހަރު ކުރިންނެވެ. އަޒާނުއާއި އަހުސަމް ދިމާވީ މިދާއިރާގައި ވަޒީފާ އަދާކުރަން އުޅުނު އަމިއްލަ ލޮޖިސްޓިކް ކުންފުންޏެއްގައި މަސައްކަތްކުރުމުގެ ތެރޭގައެވެ. އަދި އުމުރުން 26 އަހަރުގެ އަޒާނު މިދާއިރާގައި އުޅޭތާ 9 އަހަރު ދުވަސް ވެއްޖެއެވެ. ދާއިރާގައި މިވީހާދުވަހު ދެ އެކުވެރިންނަށް ގިނަ ތަޖުރިބާތަކެއް ކުރެވި، ތަފާތު ކަންކަން ދަސްވެފައިވެއެވެ.

2016 ވަނަ އަހަރުން ފެށިގެން އަހުސަމާއި އަޒާނު އެކުގައި 3 އަހަރު މި ދާއިރާގައި އަމިއްލަ ކުންފުންޏެއްގެ ދަށުގައި މަސައްކަތްކުރިއެވެ. ދަސްވެފާހުރި ކަންކަމާއި ލިބުނު ތަޖުރިބާތަކުގެ އަލީގައި މި ދެ އެކުވެރިން އަމިއްލަ ވިޔަފާރި އެއް ފަށަން ވިސްނީ 2019 ވަނަ އަހަރު ވަޒީފާގައި އުޅެމުންނެވެ. ޒުވާން އުމުރުގައި އަމިއްލައަށް ވިޔަފާރި ހިންގޭނެކަން ސާބިތުކޮށްދިނުމަކީ މި ދެއެކުވެރިންގެ ވަރަށް ބޮޑު ހުވަފެނަކަށް ވެގެންދިޔައެވެ. އަދި މީހެއްގެ ދަށުން މަސައްކަތް ކުރުމަށްވުރެ އަމިއްލަ ކަމެއްކުރުން މާ ބުއްދިވެރިކަމަށްވެސް މި ދެއެކުވެރިން ގަބޫލުކުރެއެވެ.

ދުރުވިސްނުންތަކާއި ރަނގަޅު ޕްލޭންއަކާއިއެކު ގިނަ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމުގެ އުންމީދުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވެ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު މި ދެ އެކުވެރިން "ޓައިޑަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް(ޓީޑީއެލް)" ގެ ނަމުގައި ލޮޖިސްޓިކްސް ކުންފުންޏެއް ރެޖިސްޓްރީކޮށް އަމިއްލަނަމުގައި ހުޅުވިއެވެ.

އެގޮތުން، މި ދެ އެކުވެރިންގެ ކުންފުނިން އެކިގައުމުތަކުން ރާއްޖެއަށް ވައިގެ މަގުންނާއި އަދި ކަނޑުގެ މަގުން މުދާ އެތެރެކޮއް ދިނުމުގެ ޚިދުމަތް ފެށިއެވެ. އަދި ކަސްޓަމްސް ކްލެއަރެންސް ގެ ޚިދުމަތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮއްދިނުމުގައި މި ކުންފުނިން ހަރަކާތްތެރިވިއެވެ.

" ކަސްޓަމްސް، ވައިގެ މަގުން އަދި ކަނޑުމަގުން ގެންނަ މުދާގެ ކްލެއަރެންސް ގެ ޚިދުމަތް ދެން. އަދި މި މުދާތައް އަތޮޅު ތެރެއަށާއި އަދި މާލެގެ ހިސާބުތަކަށް، ޖުމްލަކޮށް މުޅި ރާއްޖެއަށް ޑެލިވަރީކޮށްދެން އަޅުގަނޑު މެންގެ ކުންފުނިން. އަދި ޔޮޓުތަކައް ޕްރޮވިޝަން ސަޕްލައި ވެސް ދެން"

ޓީޑީއެލް ގެ މެނޭޖިންގް ޑިރެކްޓަރ އަހުސަމް ކިޔައިދިނެވެ.

މީގެ އިތުރުން "ތިލަދުން" އާއި ވާހަކަދައްކަމުން އެ ކުންފުނީގެ ޑިރެކްޓަރ އަޒާނު ބުނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ޕޯޓްސް ތަކާއި ގުދަންތަކުންވެސް ޓީޑީއެލް ގެ ޚިދުމަތް ދެވޭނެކަމަށެވެ.

"ރީޖަނަލް ޕޯޓްސް ތަކުގަ އަޅުގަންޑުމެންގެ ސާވިސް ދެން. އައްޑޫއާއި ކުޅުދުއްފުށި ޕޯޓުގެ ވެއާހައުސިންގް އާއި ލޮޖިސްޓިކާއި ގުޅުން ހުރި ހުރިހާ ކަމެއް އަޅުގަންޑު މެން ފޯރު ކޮށްދެން"

އަޒާނު ކިޔައިދިނެވެ.

ދިމާވާނެ ގޮންޖެހުންތަކައް ވިސްނާއި ކުރިމަގުގައި ބޮޑެތި ކާމިޔާބީތައް ހާސިލް ކުރުމުގެ ހުވަފެނުގައި މި ދެ އެކުވެރިން ފެށި ދަތުރަށް ކުރިމަތިވީ ނުރައްކާތެރި ބޮޑު ބާންޏެކެވެ. އެއީ 2020 ވަނަ އަހަރު މިރާއްޖޭގެ އިގްތިޞާދަށް ދިމާވި ބޮޑު ގޮންޖެހުމެވެ. ހަލުވި ކަމާއެކު ކޯވިޑް-19 ބަލި ފެތުރެން ފެށި ހިސާބުން ބޮޑެތި ބަދަލުތަކެއް މި ގައުމަށް ގެންނަން ފެށިއެވެ. ރާއްޖޭގެ މައި ދޮރާށި ބަންދުކޮށް ކުއްލި ހާލަތު އިއުލާނުކުރުމަށްފަހު ގައުމު ބޮޑު ފުރަބަންދަކާ ކުރިމަތިލިއެވެ. އަލަށް ފެށި މިވިޔަފާރިއަށް މިކަން ވީ ބޮޑު ގެއްލުމަކަށެވެ.

ކޯވިޑްގެ ދުވަސްވަރު ބޮޑެތި ގެއްލުންތަކެއް އެ ކުންފުންޏަށް ދިމާވި ކަމަށާއި ކުންފުނީގެ ސޭލްސް ވަަރަށް ބޮޑުތަނުން ދައްވި ކަމަށް އަޒާނު ބުންޏެވެ. އެހެންނަމަވެސް، ދުވަސް ގަނޑަކަށް ފަހު، ވަރަށް ގިނަ އެހީތަކާއި ބުރަ މަސައްކަތުން މިހާރު އެ ކުންފުނި ވަނީ ރަނގަޅު ހާލަތަކަށް މިސްރާބުޖަހާފައެވެ. ކުރިއަށްވުރެ ބާރު ހިތްވަރެއްލާ އަޒާނާއި، އަހުސަމް ތިބީ ލޮޖިސްޓިކްސްގެ މި ދާއިރާއިން ދެވެން ހުރި އެންމެ އުހަކަށް ދިއުމަށް ތައްޔާރަށެވެ.

އުމުރުން ކިތަންމެ ހަގުނަމަވެސް، ގަދަ ހިތްވަރާ ބުރަ މަސައްކަތުން ހުވަފެންތައް ހަގީގަތަކަށް ހެދުމަކީ އުނދަގޫކަމެއްނޫނެވެ. އަދި އަމިއްލަ މަސައްކަތުން ބޮޑު ވިޔަފާރިއެއް ފެށުމަކީވެސް ގަދަ އަޅާ މަސައްކަތް ކޮށްފިނަމަ ދުރުގާ އޮތްކަމެއްނޫނެވެ. ދިމާވާ ތަދިތަކާ ގޮންޖެހުންތަކުން ހިތްވަރު އެލުވާލުމަކީ އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ. މިކަން ޓީޑީއެލް ކުންފުނީގެ ދެ އެކުވެރިން މިއަދު ސާބިތުކޮށްދީފިއެވެ.

މީހެއްގެ ދަށުން މަސައްކަތް ނުކޮށް ޒުވާން އުމުރުގައި އަމިއްލަ ކުންފުންޏެއް ފެށި އަހުސަމް އާއި އަޒާނުގެ އެންމެ ބޮޑު އުންމީދަކީ ލޮޖިސްޓިކްސް ދާއިރާގެ އެންމެ އުހަށް ވާސިލުވުމެވެ. މި ދެ އެކުވެރިންގެ ބުރަ މަސައްކަތާއި، ޚިޔާލު އަދި ހިތްވަރަށް ބަލާލައިފިނަމަ، މިކަން ކާމިޔާބު ކުރުމަކީ މާ ދުރުގައި އޮތްކަމެއްނޫނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދުނިޔޭންވެސް ތިއަ ދެމީހުން އަދި މިފެނުނީ އުންމީދެއްގަ ތިބި ބައެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި