ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އާންމު ޝަކުވާ ކުޑަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާއްސަ އިލްތިމާސްތަކެއް ކޮށްފިއެވެ.
ބޯވާރެ ވެހުމާއިއެކު ވައިގަދަ ވެފައިވާ މި ދުވަސްވަރު ރުއްރުކުން ހިކިފަނާއި ކާއްޓާއި އަދި ގަސްގަހުން ހިކިފައިވާ ގޮތްޕާއި އަދި މިނޫންވެސް ގަހުގެ ބައިތަށް ވެއްޓުމުގެ ޝަކުވާ އެ ކައުންސިލަށް ގިނަ އަދަދަކަށް ލިބެމުންދާކަމުގައި އެ ކައުންސިލުން މިއަދު ވަނީ ހާމަކޮށްފައެވެ. އަދި މިކަމުން ލިބިދާނޭ ގެއްލުމަކުން ސަލާމަތްވުމުގެ ގޮތުން އަޅަންވީ ބައެއް ފިޔަވަޅު ވެސް މިއަދު އެ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
މިގޮތުން އާންމު ފަރުދުންގެ ގޯތި ގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއިއެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތައް ކޮށާފައި ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން އުސްކޮށް ހުންނަ އިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލައިލާފަދަ ގޮތަކަށް ބެހެއްޓިފައިވާ ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިތްގަނޑު ފަދަ ތަންތާގައި ޖަހާފައި ހުންނަ ޓިނު އަދި ފިލާފަދަ ތަކެތި ވަޔާއި އެއްލައިނުލާފަދަ ގޮތަކަށް ހައްޔަރު ކޮށްފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ދިވެހިރާއްޖޭގެ މޫސުމާއިބެހޭ މައި އިދާރާއިން ޖުލައި ހަތްވަނ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ފާއިތުވި ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯހެވެ. މިގޮތުން ބައެއް ވަގުތުތަކުގެއި އެލާޓް ލެވެލް ވަނީ ރީނދުލުން އޮރެންޖަށް ވެސް ބަދަލުކޮށްފައެވެ.
އާންމު ގޮތެއްގައި 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ވަރަށް ބޮޑަށް ކަނޑުތައް ގަދަވާނެ ކަމުގައި އެ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!