ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރުއޮތީ އަމިއްލަ އިޚްތިޔާރަކުނޫން ކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަކުން އިސްނަގައިގެން ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބައްދަލުވުމުގެ މައުލޫކަމަށްވާ "ސަރަހައްދީ ބާރުވެރިކަން"އަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ، ބާރުވެރި ނުވެގެން މިއުޅެނީ ކޮންކަމަކުން ކޮންގޮތަކުންތޯ އޭނާ ހިތަށް އަރާ ވަޑައި ގަންނަވާ ކަމަށެވެ.
"އަޅުގަނޑު މިހިރީ މަގާމަކަށް ވެސް އައިސް، ހދ. ތަރައްގީގެ ވަރަށް ބޮޑު ހިއްސާއެއް އަޅުގަނޑު ވާންޖެހޭނެ ކަމަށް ގަބޫލު ކުރަނީ، ނަމަވެސް ހއ. ހދ. ށ. ތިން އަތޮޅަށް ބަލާއިރު ބާރުވެރި ނުވާން ދޫކޮށްލާފައި އޮތީ ކޮންއެއްޗެއްތޯ، މިދަންނަވާ ވާހަކައަކީ ވަރަށްގިނަ ފަޅުރަށްތަކެއް އަތޮޅުގައި ހުރިއިރުގައި އެހުރިހާ ރަށްތަކެއް އަޅުގަނޑާއި ހަމައަށް އައިއިރުގައި އަޅުގަނޑުމެން އަތްނުފޯރާ ހިސާބަށް އެ ފަޅުރަށްތައް ނަގާފައޭ ސަރުކާރުން،" ސިރާޖް ވިދާޅުވިއެވެ.
ފަޅުރަށްތައް ސަރުކާރުން ނަގާފައި، އަތޮޅަށް މަންފާއެއްވާގޮތަށް ކަންކަން ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ވާހަކަ ދައްކަންޖެހެނީ ހަމައެކަނި އަތޮޅު ތެރޭގެ މަގާމުތަކުގައި ތިބި މީހުން އެކަނިނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ އަޅުގަނޑުމެންގެ އަތޮޅު މެންބަރުން އެބަތިއްބެވި، ކުރީގައި ނާޒިމް ބުނުއްވިހެން އައްޑޫ ނަގާފައި އެންމެގިނަ މެންބަރުން ތިއްބަވަނީ ހދ. ގައި، އަދިވެސް އެބޭފުޅުން އަޅުގަނޑުމެންނާ އެއްކޮށް ބައްދަލުވުމަކަށް އައިސް މިވާހަކަތައް ދައްކާކަށް އަދިއެއް ހަމަގައިމުވެސް ނޫޅޭ، އެއްވެސް ބޭފުޅަކު މިވެނި ކަމަކާ ވިސްނަންވީ ނޫންހޭ، މިވެނި ކަމެއް ކުރަންހިނގާށޭ، އަޅުގަނޑުމެން މިތިބީ ހަމަ ކުރިއަށްދާ ގޮތަށް" ސިރާޖް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "ހުރިއްޔާ ހުރިވަސީލަތްތައް ހުރީ އަތްނުފޯރާ ފަށުގައި" ކަމަަށެވެ. އަދި ބާރުފޯރާ ހިސާބުގައި ބާކީ އޮތީ ދިރިއުޅޭރަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްޗެއް ލިބެން މިއަންނަނީ، އަތްމަތި ތަނަވަސްވާން މިއަންނަނީ މި ފަޅުރަށްތައް ބޭނުންކޮށްގެން އެހެންނަމަވެސް މިފަޅުރަށްތައް ބޭނުންކުރެވޭ ކަހަލަ ހާލަތެއްގައެއްނޫނޭ މިއޮތީކީ، ބައެއް ރަށްތައް ހުރީ ޓޫރިޒަމަށް އަނެއްބައި ރަށްތައް ދަނޑުވެރިކަމަށް ނަގާފައި، އެހެންނަމެސް މިއިން އެއްވެސް ރަށެއްގައި އެއްވެސް ކަހަލަ މަސައްކަތެއް ނުވެސްކުރޭ އަދި މިއިން ރަށަކަށް އަރަން ހުއްދައެއްވެސް ނުދޭ،" ސިރާޖް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިބި ހާލަތަކީ މިއީ ކަމަށާއި، ދެން ބާރުވެރިވާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއަށްވުރެ ބާރުވެރިވާނަމަ ދެން ރައްޔިތުން ގޮސްވީ ސަރުކާރަށް އަރައިގަންނަންތޯ އޭނާ ސުވާލު ކުރެއްވިއެވެ. ނަމަވެސް އެދަރަޖައަކަށް ދާން ބޭނުމެއް ނޫންކަމަށާއި، ބޭނުންވަނީ އަނބުރާ ފަޅުރަށްތައް އަތޮޅު ރައްޔިތުންނަށް ލިބެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމާއިއެކު އަތޮޅު ކައުންސިލުން ދާދިފަހުން ބޭއްވި ބައްދަލުވުމުގައި މިހިނގާ ރިޔާސީ ދައުރު ނިމެންވާއިރަށް ހދ. ނާގޯށީގައި ޓޫރިޒަމްގެ މަސައްކަތް ނުފެށި އޮވެއްޖެނަމަ ނާގޯށި އަތޮޅު ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށާއި، އަތޮޅަށް ނަގަން ބޭނުންކަމަށް ދަންނަވާފައިވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންގެ ގޯތިން އެއްބައި ނަގާފައި ބޭއްވުންކަހަލަ ކަމެކޭ، އެއީ އަޅުގަނޑުމެންގެ ހައްގެކޭ، ދެންކުރެވޭނީ މިވަރުދެއްތޯ، ދެން އަޅުގަނޑުމެންޖެހޭނީ ބޮޑުތިލަދުންމަތީގެ ރައްޔިތުންވެގެން އަރައިގަންނަން، އެހިސާބަށް އަޅުގަނޑުމެންދާކަށް ބޭނުމެއްނޫން،" ސިރާޖް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއަށްވުރެ ރީތިކޮށް މިކަންވާން އެބައޮތް ކަމަށާއި، 3 އަތޮޅަށް ބަލާލި ނަމަވެސް އެންމެގިނަ މަޖިލިސް މެންބަރުން ތިއްބެވީ ހދ. އަތޮޅުގައިކަމުން އެބޭފުޅުން އުޅެފިނަމަ އެކަންކަން ނުވާނެ ކަމަށް ގަބޫލު ނުކުރަށްވާކަމަށެވެ.
"އަޅުގަނޑުމެން އަދި މިހެން ތިއްބަކަސް ބާރުވެރިއެއްނުވާނެ، ލާމަރުކަޒީއޭ ކިޔަކަސް ފުލީ ލާމަރުކަޒީއެއްނޫން، އަމިއްލަ އިޚްތިޔާރަކުނޫން ކަންކަން ކުރުމުގެ ބާރު މިއޮތީ، ދައުލަތުން ހުރީ އަޅުގަނޑުމެންގެ ބާރުވެރިކަން ނަގާފަ، އަޅުގަނޑުމެންނަށް މި އޮންނަނީ އެފަރާތްތަކުން އަންގާކަމެއް އަންގާ ގޮތަކަށް ކުރުން، ވަރަށް ދެރަކޮށްދާ ކަމެއް،" ސިރާޖް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޭނުންފުޅުވަނީ އަތޮޅުގެ އަމިއްލަ ރަށްތަކުގައި އަތޮޅު ރައްޔިތުން ބޭނުންވާ ކަމެއްކުރެވެން ކަމަށެވެ. އަދި ވިހާވެސް އަވަހަކަށް ރިސޯޓުތައް ހުޅުވި ރައްޔިތުންނަށް ވަޒީފާތައް ވެސް ލިބެން ބޭނުންކަމަށް އޭނާ ވިދާޅުވިއެވެ.
ހދ. ރައްޔިތުން ގޮސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޒީފާ އަދާކުރަން ބޭނުންނުވާ ކަމަށާއި، ބޭނުންވެގެން އުޅޭ ދިރިއުޅުމަކީ އެއީ ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅުގެ ދަރިންނަށް އަތޮޅުގައި އަނބިދަރިން ކައިރީ ވަޒީފާ އަދާކުރެވޭނެގޮތް ވިހާވެސް އަވަހަކަށް ވުމަށް އެދޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ތިލަދުންމަތީގެ ތަރައްގީއާއި، ބާރުވެރިކަމަށް އަޑުއުފުލައި ހިޔާލު ބަދަލުކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ކްލަބް ހައުސް އެޕްލިކޭޝަންގައި "ބޮޑު ތިލަދުންމަތި" ނަމުގައި ކޮޓަރިއެއް މިހާރު ވަނީ ހަދާފައެވެ. ސިރާޖް މިވާހަކަތައް ދެއްކެވީ އެ ކޮޓަރީގައި ރޭ ކުރިއަށްދިޔަ ބައްދަލުވުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!