ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ
ހދ. ނޮޅިވަރަންފަރު ބަނދަރަށް އުޅަނދުފަހަރު ވަދެ ނުކުތުމުގައި ސަމާލުވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.
މިގޮތަށް އެކައުންސިލުން އެދުނީ ރޭ އެރަށު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރުމާއި ގުޅިގެން، އެ ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާތީ ރައްކާތެރިވުމުގެ ގޮތުންނެވެ.
އެއީ "އަލިސާފު" ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެދޯނި އުރިފައި ވަނީ ނޮޅިވަރަންފަރު ކަނޑިންމައިން އެރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައެވެ.
ނޮޅިވަރަންފަރު ކައުންސިލުން މިއަދު ވިދާޅުވީ، ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ދޯނި ފުން ކުރުމުގެ މަސަކަތް ނުނިމޭނެކަމަށް ލަފާކުރެވޭތީވެ، ބަނދަރަށް ވަދެ ނުކުތުމުގައި ދޯންޏާއި ދޯނި އަޅާފައިވާ ނަގިލި ވާ ތަކަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ތިލަދުން" އަށް ވިދާޅުވީ، އެ ދޯނި ފުން ކުރުމުގައި ބޮޑަށް ހަރަކާތް ތެރިވަނީ ރަށުގެ ރައްޔިތުންކަމަށެވެ. އަދި ސިފައިންނާއި، ދޯނީގެ ވެރިފަރާތުން ކުޅުދުއްފުށިން ގެނައި ދޯންޏެއްގެ އެހީތެރިކަމުގެ އިތުރުން، ކޮޅުވެއްޓިއެއްގެ އެހީވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދޯނިން ގެނައީ ރަށުގެ ވިޔަފާރިވެރިއެއްގެ މުދާ ކަމަށާއި އޭގައި ހުންނަނީ ހަމައެކަނި ލަކުޑި ކަމަށްވެސް ނަދީމް ވިދާޅުވިއެވެ. މި ލަކުޑިތަކައް އެއްވެސް ގެއްލުމެއް ނުލިބޭކަމަށާއި މިހާރު އެ އެއެއްޗެހި އެއްގަމު ކުރެވިފާވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ސިފައިން ވިދާޅުވި ގޮތުގައި އެ ދޯނި އުރުނުކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 20:51 ހާއިރުއެވެ. ސިފައިންވެެސް އަންނަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދެމުންކަމަށް އެމްއެންޑީއެފްއިން ވެސް ވަނީ ވިދާޅުވެފައެވެ.
އެ ދޯނި އުރުން އިރު އޭގައި ތިބީ 3 މީހުންނެވެ. މި މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައެވެ ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!