ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއި ވިސްނައި ސަމާލުވުމަށް ހއ. އަތޮޅު ހޮސްޕިޓަލުން އެދިއްޖެއެވެ.
ދިއްދޫ ފްލޫ ކްލިނިކުން މިދިޔަ ޖޫން މަހުގެ 24 އިން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 35 ސާމްޕަލްއެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު އިއްޔެގެ ނިޔަލަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 93 އަކަށް އަރާފައެވެ. މި ކްލާސްޓާއާއި ގުޅިގެން ވަނީ އެކަކު ނިޔާވެފައެވެ. އެއީ ބިދޭސީއެކެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ޕޮޒިޓިވްވުމަކީ އެރަށުތެރޭ ބަލި ފެތުރިފައިވާ މިންވަރު ވަޒަންކޮށްލެވޭ ކަމަށްކަށްވީއިރު، ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ އެކަމަށް ވިސްނުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން އެންމެންގުޅިގެން އެހާލަތުން އަރައިގަތުމަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ އެހީތެރިކަމާއިއެކު ދަނީ ސޯސަލް މީޑިއާގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ.
މިއަހަރުގެ މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެފަހަރު އެރަށް 1 މަހާއި 4 ދުވަހު މޮނިޓަރިންގައި އޮތެވެ. އަދި މެއި 15 ވަނަ ދުވަހު އެ ކްލާސްޓާގައި ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައި ހުރި އުމުރުން 83 އަހަރު އަންހެނަކު ވަނީ ނިޔާވެފައެވެ. މޮނިޓަރިން ނެގުމާއި ހަމައަށް އެފަހަރު އެރަށުން 142 މީހަކަށް ބަލި ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!