ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެބައެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، އެ ބިމުގައި ކުރަން އުޅޭކަމެއް ހަނިމާދޫގެ އެއްވެސް ރައްޔިތަކަށް މިހާރު އޮޅިފައެއް ނޯންނާނެކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ކައުންސިލުން ރޭ ވަނީ "ކްލަބް ހައުސް" މެދުވެރިކޮށް، އެއާޕޯޓް ސަރަހައްދަށް އިތުރުކުރާ ބިމާގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ.

Ad
rt

މިބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި ހަނިމާދޫ ކައުންސިލް މެންބަރު ޢަލީ އިބްރާޙީމް ވިދާޅުވީ، އެ ބިމުގެ މުހިންމު ކަމުގެ ވާހަކައާއި، ބިން ނުދީފިނަމަ ވާނީ ކިހިނެއްތޯ ކައުންސިލުން އޮޅުން ފިލުވާފައި ވާނެކަމަށެވެ.

އަދި ސަރުކާރުން މި ބިމުގައި ކުރަންއުޅެނީ ކޮންކަމެއްކަން އެއްވެސް ރައްޔިތަކަށް މިހާރު އޮޅިފައި ނޯންނާނެކަމަށް ހީފުޅުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހީވާގޮތުން އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ ސަރުކާރުން މި ބިމުގައި ކުރަން އުޅެނީ ކޮންކަމެއް ކަމެއް، އެއީ ޓީވީ ކޮންފަރެންސްތަކާއި، އެހެން މީޓިންތަކުގައި ފައްޔާޒުމެން، މެންބަރު ޣަފޫރު އަދި ސަރުކާއިސް އެހެން މީހުންވެސް ވަރަށް ސާފުކޮށް އެބަކިޔައިދޭ ދެއްތޯ މިކުރަންއުޅޭ މަސައްކަތެއް އެއާޕޯޓުގައި" ޢަލީ ވިދާޅުވިއެވެ.

އިތުރުކުރުމަށް ސަރުކާރުން މިހާރު ބޭނުންވެގެން އެދިފައި އޮތް 8 ލައްކަ އަކަފޫޓުގެ ބިމުގައި ކުރިއަށްދާނީ އެކަމަޑޭޝަން ބްލޮކްތަކެއްގެ މަސައްކަތްކަމަށް، އެ ބިމާއިގުޅިގެން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުން އެނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އެމްއެންޑީއެފް ނޯދަން އޭރިއާ، އޭގެ އިތުރަށް ގެސްޓް ހައުސްތަކެއް ތަރައްގީ ކުރަނީ، އެއީ އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިއޮތް މައުލޫމާތަކީ،" ޢަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލަށް ލިބިފައިވާ ސިޓީތަކުގައި އެބިމަކީ ވަރަށް މުހިންމު ބިމެއްކަމުގައި ސަރުކާރުން ފާހަގަކޮށްފައި އެބައޮތް ކަމަށެވެ.

އެއާޕޯޓު ސަރަހައްދަށް ބިން އިތުރުކޮށްގެން އެ ބިން އެމްއެންޑީއެފަށް ދޭން އެދިފައިވާއިރު، އެއީ އެއާޕޯޓްގެ ތަރައްގީއާއި ގުޅުންހުރިކަމެއްތޯ ބައިވެރިއަކު ކުރިސުވާލުގެ ޖަވާބުގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސައްތާރު ޙަސަން ވިދާޅުވީ، އެއާޕޯޓު ތަރައްގީވެގެން އަންނައިރު އެމްއެންޑީއެފް އޮންނަންޖެހޭ ކަމަށާއި، މާކުރިއްސުރެ ވެސް އެމްއެންޑީއެފް ބޭފުޅުން ހަނިމާދޫގައި އެބަތިއްބެވިކަމަށެވެ. އަދި އެ ބިމަށް ޅ. މާފިލާފުށީގައި ހުރި އެމްއެންޑީއެފްގެ މަރުކަޒު ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސާފު މައުލޫމާތު އެނގޭނީ ސަރުކާރަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވީ ކައުންސިލްގެ ރައީސް ސައްތާރާއި، ނައިބު ރައީސް ފިރާގް އަދި މެންބަރު އަލީއެވެ. ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އަންހެން ދެ މެންބަރުން ރޭގައި ވާހަކައެއް ނުދައްކަވައެވެ. ވާހަކަ ދެއްކެވި ތިން މެންބަރުންވެސް އެ ހަނިމާދޫގެ ކުރިމަގަށްޓަކައި، އެބިން ދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ހަނިމާދޫ ކައުންސިލުން ރޭ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި 147 މީހުން ބައިވެރިވިކަމަށް ދައްކައެވެ. އެ ބައްދަލުވުމުގައި ކައުންސިލްގެ ތިން މެންބަރުން ފިޔަވައި، ސީދާ ފާޅުގައި އެ ބިން ދިނުމާއިއެއްކޮޅަށް އެއްވެސް މީހަކު ވާހަކަ ދެއްކިކަމެއް އެނގިފައެއްނެތެވެ.

އެ ބިމާއިގުޅޭ ނިންމުމެއް ނިންމަން މިއަދު އެކައުންސިލުން ބޭއްވި ޖަލްސާގައި އެޖެންޑާކޮށްފައިވާއިރު، ނިންމި ނިންމުމެއް އަދި ރަސްމީކޮށް ސާފެއް ނުވެއެވެ.