ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އެ ފަޅުވެރިޔާ ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ.
އެ ކޭހާއި ގުޅިގެން އެދުވަހު އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތުމަށްފަހު، އެ ހާލަތުން އެ ސިޓީ ވީއްލީ މިއަދުން ފެށިގެންނެވެ.
އެ ސިޓީ މިއަދު މޮނިޓަރިން ހާލަތުން ވީއްލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވަނީ އެދިފައެވެ. މިގޮތުން މާސްކު އެޅުމާއި، ގިނަގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުން އަދި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ކޭއާރުއެޗްއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ކުޅުދުއްފުށީ ސިޓީ މީގެކުރީން ވެސް ވަނީ އެކިފަހަރުގެ މަތިން މޮނިޓަރިން ހާލަތަށް ގެނެސްފައެެވެ.
މިވަގުތު ހދ. އަތޮޅުގައި ކޯވިޑް ބަލީގެ 73 މީހަކު ތިބިއިރު، ކުޅުދުއްފުށީ ސިޓީގައި މިވަގުތު ކޯވިޑް ބަލީގެ 5 މީހަކު އެބަތިއްބެވެ. އެއަތޮޅުގައި އެންމެ ގިނަ ކޯވިޑް ބަލިމީހުން ތިބީ ހަނިމާދޫގައެވެ. އެރަށުގައި ކޯވިޑް ބަލީގެ 56 މީހަކު އެބަތިއްބެވެ. މީގެއިތުރުން މަކުނުދޫގައި 8 މީހަކު، ފިނޭގައި 2 މީހަކު، މުރިނބީ އަދި ނައިވާދޫގައި އެއިން ކޮންމެ ރަށަކު އެބަލީގެ އެކަކު އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!