ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭންއެއް ރޭވެމުން އަންނަކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.
އެކަމަނަމާ މިފަދައިން ވިދާޅުވީ ދަ ޖަނަރޭޝަން އިކުއަލިޓީ ފޯރަމް ހައިލެވެލް ވަރޗުއަލް ރައުންޑްޓޭބަލް: ޖެންޑަރ އި ންކްލޫސިވް ކްލައިމެޓް އެކްޝަންސް؛ އަ ގްލޯބަލް މޫމަންޓް ފޮރ ޖެންޑަރ އިކުއަލިޓީ ގައި އިއްޔެ ދެއްކެވި ވާހަކަފުޅެއްގައެވެ.
މި ފޯރަމް އަކީ ޔޫ.އެން ވިމެން އިން އިންތިޒާމުކޮށް، މެކްސިކޯ އަދި ފްރާންސުން ކޯ ހޯސްޓްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނަޑައަޅުއްވާފައިވަނީ އީޖާދީ ގޮތެއްގައި އަންހެނުންނާއި އަންހެން ކުދިންގެ ދައުރު ހިމެނޭނެހެން، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.
މިއަދުގެ ވާހަކަފުޅުގައި ޞަބްރާ ވަނީ ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭން އެއް ނިމުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާ އެ ޕްލޭން ނިމުމުން ރާއްޖޭގެ ސަރުކާރާއި މުޖުތަމަޢުގެ ހުރިހާ ހަރުފަތެއްގައި މި ޕްލޭންއާއި އެގޮތަށް ކަންކަން ތަންފީޒުކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ޕްލޭގައި ހިމެނޭ ކަންތައްތައްވެސް މިއަދުގެ ވާހަކަފުޅުގައި ޞަބްރާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އެގޮތުން 2025 ވަނަ އަހަރާ ހަމަޔަށް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ އަންހެނުންގެ ނިސްބަތް 40 އިންސައްތަ އިތުރުކުރުމަށް ނިންމެވުން، ޖުޑިޝަރީގައި 25 އިންސައްތަ އިތުރުކުރުން، ޑޭކެއާ ސަރވިސްތައް އިތުރުކުރުން، ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ފެށުން، ޤައުމުގެ ޑާޓާ ސިސްޓަމުގައި ހުރި ޖިންސީ އަދި އުމުރުގެ ތަފާތުކުރުންތައް ހުރި ކަންކަން ރިވައިސްކުރުން ހިމެނެއެވެ. އަދި އަންހެނުންގެ ބައިވެރިވުން އިތުރުވީ ވަރަކުން މުޖުތަމަޢުގައި ހުރި ކަންކަން ދެނެގަނެވި އެކަންކަން ހައްލުކުރުމަށް މަގުފަހިވެގެން ދާނެކަމަށް ޞަބްރާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޞަބްރާ ވަނީ ދިވެހިރާއްޖެއިން އަބަދުވެސް މޫސުމީ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން ގެންދަވާނެކަމުގެ ޔަޤީކަންދެއްވާފައެވެ. އަދި އެކަމަނާ ވަނީ އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ. ސަރުކާރުން މިކަމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވަމުން ޞަބްރާ ވަނީ އިޞްލާހުކުރައްވާފައިވާ ލާމަރުކަޒީ ޤާނުގައިވާ ގޮތަށް ރާއްޖޭގެ ލޯކަލް ކައުންސިލުތަކުގައި ތިންބައިކޮށްފައި އެއްބައި އަންހެނުން ޢައްޔަނުކުރުމަށް ކަނޑައަޅައި ނިމިދިޔަ އިންތިހާބުގައި އެކަން ތަންފީޒުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ގިނަ އަންހެނުން އިސް މަޤާމުތަކަށް ޢައްޔަނުކުރުމުން އަންހެނުންގެ ހިޔާލުތައް މޫސުމީ ކަންކަން ހައްލުކުރުމަށް ލިބިގެންދާނެކަމުގައިވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާ ޤައުމު އަލުން އާރާސްތުކުރުމަށާއި ފެހި އަދި ނޫ އިޤްތިޞާދެއް ތަރައްޤީކުރުމަށް އެންމެން ހިމަނައިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން ޞަބްރާ ވަނީ މިހާރު މިއޮތް ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ގިނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިދިޔަ އަަހަރު ޔޫ.އެން. ވިމެން އިން ކުރި ދިރާސާއިން ދައްކާ ގޮތުން ޕެންޑެމިކް ހާލަތުގައި ހީވެސްނުކުރާ ވަރަށް ގިނަ އަންހެނުންނަށް ނަފްސާނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އަސަރުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާފާވެއެވެ.
ޞަބްރާ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ހިތްވަރުދީ އަދި މޫސުމީ ބަދަލުތައް ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހޭދަކުރުމަކީ ދުރުމުޞްތަޤްބަލަކަށް އަމާޒުކޮށް ކުރުމަށް ރާއްޖެ ނޫނަސް ހުރިހާ ޤައުމަކުންވެސް ނިންމަންވާނެކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ކަމަކީ ވަކި ޤައުމަކަށް ދޫކޮށްލައިގެން ތިބެވޭނެކަމެއް ނޫންކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ސަބަބެއްކަމުގައި ޞަބްރާ ފާހަގަކުރެއްވީ އަލުން މޫސުމީ އެމަޖެންސީ ހާލަތްތަކަށް ހައްލުހޯދުމަށް ބޭނުންވެފައިވާ މިންވަރެވެ.
މިއަދުގެ ވާހަކަފުޅުގައި ޞަބްރާ ވަނީ މިހާރުވެސް ސަރުކާރުން ޕޮލިސީތައް ކުރިއަރުވައި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ މިހާރު ރާއްޖޭގައި ތަންފީޒުކުރަމުންދާ ބައެއް ޕޮލިސީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 6 މަސް ދުވަހުގެ ޕެއިޑް މެޓަރނިޓީ ލީވް ދެމުންދާކަމާއި، އަދި 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ދެމުންދާކަމަށާއި، ސްޕްރީމް ކޯޓުގެ ޖަޖަކަށް ފުރަތަމަ ފަހަރަށް އަންހެނުން ޢައްޔަނުކުރުމާއި، ލޯކަލް ކައުންސިލް އިންތިހާބުގައި 3 ބައިކޮށްފައި އެއްބައި އަންހެންނުނަށް ޚާއްޞަކޮށް އަންހެންނުން ޢައްޔަނުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
ޞަބްރާގެ ވާހަކަފުޅުގައި އިތުރަށް އެކަމަނާ ވިދާޅުވީ ދަ މޯލްޑިވްސް އެކްޝަންސް ކޯލީޝަން މެއިން ތީމް ގައި ބުނެފައިވާގޮތަށް ފައިސާއަށް ބޭނުންވާ ހާލަތެއްގައި ފައިސާ ފޯރުކޮށްދިނުމަށް ފަސޭހަ ގޮތްތަކެއް ކަނޑައެޅިފައިހުރުމަށް އިތުރަށް މަސަައްކަތްކުރައްވަން ޖޭހޭކަމަށެވެ. އަދި ޤައުމުގައި އިތުރުކަންކަން ފަސޭހަކޮށްދީ، ތަޢުލީމަށާއި ތަމްރީނުތަކަށް އިތުރަށް ފުރުޞަތު ފަހިކުރުމަށް ބޭނުންވާކަމުގައިވެސް ޞަބްރާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭން ހާސިލުކުރުމަށް ނިންމާފައިވާ ނެޓް ޒީރޯ ފިއުޗަރ އަށް ދިއުމަށް ކުރެވެންހުރި ކަންކަމަށްވެސް ޞަބްރާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!