ހއ. ދިއްދޫ ގައި " ދޮރުން ދޮރަށް " މިނަމުގައި ކޮވިޑް-19 ގެ ކޮންޓެކްޓް ޓެރޭސިންގ ކުރިއަށް ގެންދަންފަށައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ މިމަހު 24 ވަނަ ދުވަހު، ބަލީގެ އަލާމާތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެއް އަނެއްކާވެސް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ ގޮތުން އިއްޔެ ހެނދުނު 11:10އިން ފެށިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

Ad
rt

ހުސްވި މެއި މަހުގެ 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއްވެސް ނެތް މީހަކު ޕޮޒިޓިވްވުމުން މީގެ ކުރިން އެރަށް މޮނިޓަރިން ހާލަތުގައި 34 ދުވަހު އޮތެވެ.

ހއ. އަތޮޅު ހޮސްޕިޓަލް އިން މިއަދު ބުނީ ކޮންޓެކްޓް ޓެރޭސިންގެ މިހަރަކާތް ކުރިއަށް ގެންދަނީ އެ ހޮސްޕިޓަލުގެ ޓްރޭސިން ޓީމާއި ދިއްދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ގުޅިގެންނެވެ.

މިހަރަކާތުގައި މިއަދު، އެރަށު ބޮޑުފާރު ދެކުނު ގެތަކަށް ވަނީ ޒިޔާރަތްކުރެވި މަޢުލޫމާތު ނެގިފާކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިހަރަކާތް ކުރިއަށް ދާނެ ވާހަކަވެސް އެ ހޮސްޕިޓަލުން ވަނީ އަންގާފައެވެ.

މިކަމުގައި ދިއްދޫގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިމަހު 23 ވަނަދުވަހާއި ހަމައަށް އެރަށުން 158 މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފާވާއިރު 147 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިހާރު އެރަށުގައި އިއްޔެ ޕޮޒިޓިވްވި މީހާއާއި އެކުު ޖުމްލަ 11 އެކްޓިވް ކޭސް އެރަށުގައި އެބަތިއްބެވެ.

އަދި މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި ބަންގުލަދޭޝް މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.