ތިލަދުންމަތީ ދެކުނުބުރީ ހދ. ހަނިމާދޫއަކީ ދިވެހިރާއްޖޭގައި އޮތް ބިމުގެ ގޮތުން ފަސްވަނައަށް އެންމެ ބޮޑު ރަށެވެ. ހދ.އަތޮޅުގައި އާބާދީގެ ގޮތުން ބަލާނަމަ ތިންވަނައަށް އާބާދީބޮޑު ރަށެވެ. ދާދި ފަހަކާއި ޖެހެންދެން އުތުރުގައި އޮތް ހަމައެކަނި އެއާރޕޯޓް އޮތް ރަށަކީ ވެސް ހަނިމާދޫއެވެ. ހަނިމާދޫގެ ބިމުން ބޮޑުބައެއް 1989 ވަނަ އަހަރުން ފަށައިގެން އެއާޕޯޓަށް ވީ ބިމެއްގޮތުގައި އޮތީ ކަނޑައަޅާފައެވެ. އެ ބިން އަދިވެސް އޮތީ އެ ގޮތުގައެވެ.

ހަނިމާދޫއަކީ ބިމުގެ ގޮތުން ބޮޑު ރަށެއް ނަމަވެސް މިހާރު ހަނިމާދޫގެ ބިމަކީ ތަނަވަސް ޖާގަ ބޮޑު ބިމެކޭ ބުނެވޭކަށް ނެތެވެ. ސަބަބުތައް ވެސް ގިނަގުނައެވެ. ހަނިމާދޫގެ ބިމާއި ގުޅުންހުރި ކަންކަމުގައި ފާއިތުވެ ދިޔަ ތަނުގައި ވެސް ރައްޔިތުންގެ މެދުގައި ތަފާތު ޝަކުވާތަކާއި ކަންބޮޑުވުން އޮތެވެ. އެކި ދުވަސްވަރު އެކި ކަންކަމާއި ގުޅިގެން އެކި މިންވަރަށެވެ.

Ad
rt

މި ފަހުން ހަނިމާދޫގެ ބިމާއި ގުޅުންހުރި ކަންބޮޑުވުންތަކެއް އަނެއްކާ ވެސް މިވަނީ ފެންމަތިވެފައެވެ. ހަނިމާދޫ އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއަށް، ހަނިމާދޫގެ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 (އަށްލައްކަ ފަންސާސް ތިން ހާސް ނުވަސަތޭކަ ތިރީސްހަތެއް) އަކަފޫޓުގެ ބިމެއް ބޭނުންވެގެން ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލުގައި އެދުމާއި ގުޅިގެންނެވެ.

ހަނިމާދޫގެ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ކޮންމެ ރިޔާސީ އިންތިހާބަކާއި އަދި ކޮންމެ ރައްޔިތުންގެ މަޖިލިސް އިންތިހާބަކާއި ގުޅޭ ބޮޑު ވަޢުދެކެވެ. ކޮންމެ އިންތިހާބަކަށް ތަފާތު ރީތި މޮޅެތި ކުރެހުންތައް ކުރައްސަވައި ވޯޓް ހޯދައި އަމިއްލަ ގޮނޑި ބޮޑުކުރި ކިތަންމެ ރައީސެއް އަދި ކިތަންމެ މަޖިލިސް މެމްބަރެއް ހަނިމާދޫ ރައްޔިތުން ދެކެފައިވާނެއެވެ. ވުމާއެކު ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް މިހާރު ކުރައްސަވާފައިވާ ކުރެއްސެވުމާއި އެއްގޮތަށް ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން ބިންދިނަސް އެ އެއާޕޯޓް ތަރައްޤީ ކުރެވިދާނެ ތޯ މިއީވެސް ހަނިމާދޫގެ ރައްޔިތުންގެ ހިތުގައި އޮންނާނެ ސުވާލެއްކަން ކަށަވަރެވެ. ގުނބޯ ހެއްދިލެއް ގިނަ ވުމަކީ އިތުބާރު ގެއްލި ޝަކުވާ ގިނަވުމަށް މެދުވެރިވާނެ ސަބަބެއްކަން ހުދު ސަރުކާރަށް ވެސް ވިސްނެންވާނެ ނޫންތޯއެވެ.

ހަނިމާދޫގެ ބިމުގެ މައްސަލަ ރައްޔިތުންގެ ތެރޭގައި ބޮޑުވެފައި މިވަނީ ސަބަބުތަކެއް ހުރެގެންނެވެ. އެއްގޮތަކަށް ވެސް އެއާޕޯޓް ތަރައްޤީ ވާން ބޭނުން ނުވެގެނެއް ނޫނެވެ. އަދި އެކަމަށް ހުރަސްއެޅުމަކީ ހަނިމާދޫގެ އެއްވެސް ރައްޔިތަކު ބޭނުންވާނޭ ކަމެއް ވެސް ނޫނެވެ.

ހަނިމާދޫއިން ފާއިތުވި ތަނުގައި ދޫކުރެވިފައިވާ ބިންތަކަށް ނަޒަރު ހިންގާލުމުން، ހަނިމާދޫ ރައްޔިތުން، ހަނިމާދޫގެ ބިމާއިމެދު ކަންބޮޑުވާން ދިމާވި ވަރަށް ގިނަ ސަބަބު ފެންނަން އެބަހުއްޓެވެ. ފުރަތަމަ ސުވާލަކީ އެކި ބޭނުންތަކުގައި އެކިއެކި މުއައްސަސާތަކަށް ހަނިމާދޫއިން ދޫކުރެވިފައިވާ ބޮޑެތި ބިންތަކުން ސީދާ ގޮތެއްގައި ރަށަށާއި ރައްޔިތުންނަށް މަންފާ ލިބެނީ ކިހާ މިންވަރަކަށްތޯއެވެ. އެކަން ދެނެގަތުމަށް އެއްވެސް ވަރެއްގެ ދިރާސާއެއް ކުރެވިފައިވޭ ތޯއެވެ.

ހަނިމާދޫގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ޓަކައި 2012 ވަނަ އަހަރު 288000 (ދެލައްކަ އައްޑިހަ އަށް ހާސް) އަކަފޫޓޫގެ ބިމެއް ފަންސާސް އަހަރަށް ވަނީ ރަށުގެ އުތުރުކޮޅުގެ ބީޗްސައިޑުން ދޫކޮށްފައެވެ. މިހާ ބޮޑު ބިމެއްގައި ސިޓީ ހޮޓަލެއް ހަދައި މިހާރުވެސް ހިންގަމުން އަންނަ އިރު އެތަނުގައި ތިބީ ރަށަށް ނިސްބަތްވާ ނުވަތަ ދިވެހި ކިތައް މުވައްޒަފުންތޯ ބަލައިލުން ވެސް ބުއްދިވެރިއެވެ. އެތަނުގެ ހުރިހާ މަޤާމެއްގައި ހެން ތިބީ ބިދޭސީންނެވެ.

ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެފައިވާއިރު މަހު މުސާރައެއް ގޮތުގައި ގެއަށް ގެންނަން ހަތަރެއް ނުވަތަ ފަސްހާސް ރުފިޔާ ލިބޭ މަޤާމްތަކުގައި މިއަދު ދިވެހިންނަށް ނޫޅެވޭނެ ކަމީ އެންމެން ވެސް ޤަބޫލުކުރާ ހަޤީޤަތެވެ. ވުމާއެކު ހަނިމާދޫއިން ބޮޑުބިމެއް ފަންސާސް އަހަރަށް ނަގައި ބިދޭސީ މުވައްޒަފުންލައި ކުޑަ އުޖޫރަ ދީގެން ބޮޑުފައިދާ ހޯދާ ފަރާތްތަކަށް އެ ބިމުގެ ފައިދާ އިންތިހާއަށް މިއަދު ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ހަނިމާދޫގެ ބީޗްގެ ބޮޑު ސަރަހައްދެއް އެތަނާއި ގުޅިގެން ބަންދުވެފައިވާ ސިޓީ ހޮޓަލުން ރަށަށް އޮތީ އެތަނުން ލިބޭ ކުލި ފިޔަވައި ދެން ކޯޗެއްތޯ މިއީ ރައްޔިތުން މިއަދު ވެސް ކުރަމުންދާ ސުވާލެވެ. ފަންސާސް އަހަރަށް ދެވިފައިވާ އެހާބޮޑު ބިމަކުން ހަޤީޤީ މަންފާ ލިބޭތޯ އަމިއްލަ އަށް ފިކުރު ކޮށްލުން ވެސް ބުއްދިވެރިއެވެ.

ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރ ސެންޓަރަށް، އެ ސެންޓަރަށް ފުރަތަމަ ދޫކުރެވުނު ބިމާއި ޖެހިގެން ދެކުނަށް ދެ ލައްކަ އަކަފޫޓުވަރު ބޮޑު ބިމެއް ދޫކޮށްފައި އޮންނަތާ ވެސް މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް އެ ބިމުގައި މިއަދާ ހިސާބަށް އެއްވެސް މަސައްކަތެއް ކުރާތީ ނުފެނެއެވެ. މުއައްސަސާތަކާއި ގުޅިގެން އެ މުއައްސަސާއަކަށް އެކަށީގެންވާ ބިން ދިނުމަކީ މައްސަލައެއް ކަމުގައި ނުދެކެމެވެ. ނަމަވެސް ބިމުގެ ޑިމާންޑް ބޮޑުވެފައިވާ ޒަމާނެއްގައި މިފަދަ ބޮޑެތި ބިންތައް ނަގައި ރައްޔިތުންނަށް އެ ބިންތަކުން އެއްވެސް މަންފާއެއް ނުލިބި އޮތުމަކީ ހަޤީޤަތުގައި ވެސް މައްސަލައެކެވެ.

އަދިވެސް ހަނިމާދޫގެ ބިމާއި މެދު ފިކުރު ކޮށްލަމާ ހިނގާށެވެ. އެއާޕޯޓްގެ ވާހަކަ މި ލިޔުމުގެ ފަހަތުބައިގައި ބަޔާން ކުރާނަމެވެ. ހަނިމާދޫގައި މީހުން ދިރިއުޅެން އޮތީ ނުވަތަ އެހެން ބޭނުމެއްހިފަން ވެސް އޮތީ ކިހާ ހުސް ބިމެއްތޯ މިއީ ބިމާއި ގުޅުންހުރި ކަމެއް ނިންމުމުގެ ކުރިން ކޮންމެހެން ދިރާސާކޮށް ދެނެގަންނަން ޖެހޭ ކަމެކެވެ. އަދި އެ ދިރާސާ އަކީ މިހާރު ކޮންމެހެން ހަދަންޖެހޭ ދިރާސާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ދިރާސާގެ ނަތީޖާ ރައްޔިތުންނަށް ބުނެދޭން ވެސް ޖެހެއެވެ.

ހަނިމާދޫއިން މީހުން ދިރިއުޅުމަށް ބިން ދޫނުކޮށް އޮންނަތާ އެގާރަވަނަ އަހަރަށް ގުނެމުންދާއިރު ބުނެވިދިޔަ ކަންތައްތަކުން ލިބުނު ތަޖުރިބާގެ އަލީގައި މިއަދު ހަނިމާދޫ ރައްޔިތުން ރަށުގެ ތަރައްޤީއާއި ގުޅުންހުރި ކަމަކަށް ބިމެއް ދޫކުރާއިރު ވެސް ބަލަންޖެހޭ ކަންކަން އިހުނަށްވުރެ ގާތުން ބަލާނެއެވެ. އެކަމާއި ފިކުރު ކުރާނެއެވެ. މިއަދު ބިމާއިގުޅޭގޮތުން ބަސްބުނަނީ އެ ތަޖުރިބާގެ އަލީގައެވެ.

ހަޤީޤަތަށް ދަންނަވަނީނަމަ ހަނިމާދޫގައި ހުސް ބިމެއް ކިޔާފައި ދައްކަން މިހާރު ބާކީ އޮތީ އެންމެ ސަރަހައްދެކެވެ. އެއީ ކައުންސިލް އިދާރާއިން ފެށިގެން އުތުރަށް ގޮސް ކްލައިމެޓް އޮބްޒަވޭޓްރީގެ ގަރާޖާއި ދެމެދުވާ ބިމެވެ. މި ބިމުގެ ސަރަހައްދުގެ ބޮޑު ބަޔަކީ ޗަކަ ބިމެވެ. ކަނޑޫފާތަކާއި ތެލަވަލެވެ. ބިން ދޫކުރަން ވިސްނާއިރު ކަނޑޫފާތައް ހިއްކަން ޖެހިއްޖެނަމަ އެއީވެސް ބޮޑު ޤައުމީ މައްސަލައަކަށް ވެގެންދާނެއެވެ. ސަބަބަކީ ކަނޑޫފާތަކަކީ މިހާރު ވެސް ރާއްޖޭގެ ޤާނޫނު އަސާސީން ހިމާޔަތް ދީފައިވާ ތަންތަން ކަމަށް ވާތީއެވެ.

އެންމެ ރަނގަޅެވެ. ކަނޑޫފާތަކާއި ތެލަވަލާއި ހިމެނޭ ޗަކަ ބިން ހިމަނައިގެން އެތަނުގެ މިން ކުރަމާ ހިނގާށެވެ. އެތަންތަން ހިމަނައިގެން މިންކޮށްލުމުން އެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2.7 މިލިއަން އަކަފޫޓެވެ. އެއީ ދެހާސް އަކަފޫޓުގެ ގެވަޅު ދޫކުރާނަމަ ގާތްގަނޑަކަށް ތެރަސަތޭކައެއްހާ ގެވަޅެވެ. އެ ސަރަހައްދުގައި ޕާކްތަކާއި އަދި ސަރުކާރު އިމާރާތްތަކާއި މަގުތަކަށް ކަނޑާލުމުން އެ ސަރަހައްދުން ދޫކުރެވޭނެ ކަމަށް ލަފާކުރެވެނީ ހާހެއްހާ ގެވަޅެވެ. ހާހެއްހާ ގެވަޅުން ހަނިމާދޫގެ އާބާދީގެ ބޯހިޔާވަހިކަން މެނޭޖް ކުރެވޭނީ ކިހާ މުއްދަތަކަށް ތޯ ވިސްނާލަމާ ހިނގާށެވެ. ހަމައެކަނި މިހާރު ގެވަޅަށް ފޯމުލާ މީހުންގެ ނިސްބަތުން ވިސްނާ ފިކުރު ކޮށްލި ނަމަވެސް ކުރިއަށް އޮތް ފަންސަވީހަކަށް ނުވަތަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭ ހަނިމާދޫގައި މީހުން ދިރި އުޅުމަށް ހުސް ބިމެއް ނޯނަނާނެއެވެ. މިއީ ސާފުކޮށް ފެންނަން އޮތް ހަޤީޤަތެވެ.

ސަރުކާރުން އެއާޕޯޓް ތަރައްޤީ ކުރުމުގެ ނަމުގައި ނުވަތަ އެމްއެންޑީއެފް އިމާރާތް އެޅުމުގެ ނަމުގައި ހަނިމާދޫގެ މީހުން ދިރިއުޅޭ ސަރަހައްދުން ނަގަން އުޅޭ ބިމާއިމެދު ފިކުރު ކޮށްލަމާ ހިނގާށެވެ. އެ ބިމަށް ނަޒަރު ހިންގާލާއިރު އެއީ މިވަގުތު ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގައި އޮތް އެންމެ އަގުބޮޑު ބިންކަމުގައި ދަންނަވަން ޖެހެއެވެ. ހަނިމާދޫގެ ރައްޔިތުން މޫދައްއެރިލައި ބާބެކިއު ހަދާލަން ވެސް އޮތް ހަމައެކަނި ތަންކޮޅެވެ. އަދި އެ ބިން ބައިބައި ކޮށްފައި ގެސްޓްހައުސް އަޅަން ދޫކުރި ނަމަވެސް ރަށަށް އެންމެ ބޮޑު އާންމުދަނީއެއް ލިބެން އޮތްބިމެވެ. ނުވިތާކަށް ގެވަޅު ދޫކުރުމަށް ވެސް އޮތް އެންމެ އެކަށޭނަ އެއް ބިމެވެ. މޫދު ލިބެން އޮތް ހަމައެކަނި ސަރަހައްދު ވެސް މެއެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަކީ އެހެން ރައީސުން ފަދައިން، ރާއްޖޭގެ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ.

ރިޔާސީ ވަޢުދުގެ ކުލަ ފޮޓޯ އުފަންވެގެން އައިސްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރެވެ. އެހެން ކުރެހުންތެކެކޭ އެއްގިތަށް ނުހަނު ރީތި ފުރިހަމަ ކުރެހުމެކެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު މި އެއާޕޯޓާއި ގުޅިގެން ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދުން އެއްވެސް މިންވަރެއްގެ ބިމެއް ބޭނުންވާނެ ކަމުގެ އެއްވެސް ވާހަކައެއް ސަރުކާރަކުން ވެސް ދައްކާފައި ނުވެއެވެ.

ކުއްލިއަކަށް މި މައްސަލަ ފެންމަތިވި ގޮތަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. "ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން އަށްލައްކަ އަކަފޫޓުގެ ބިމެއް ބޭނުންވޭ" މިއީ މިކަން ފުރތަމަ މި ޚަބަރު ހަނިމާދޫގެ ރައްޔިތުންގެ ކަންފަތުގައި ޖެހުނު ގޮތެވެ. ޕްލޭނިން މިނިސްޓްރީން އެ ބިން ހަމަޖައްސަވައި ދެއްވުން އެދި ކައުންސިލަށް ސިޓީއަކުން ދަންނަވާފައި ވަނީ ފާއިތުވެދިޔަ މޭމަހުގެ ތެރޭގައެވެ. ބިމާއި ގުޅޭ އެކަށީގެންވާ މަޢުލޫމާތު ކައުންސިލަށް ވެސް ފޯރުކޮށް ނުދީއެވެ. ހަނިމާދޫ ރައްޔިތުން ދިރިއުޅެން އޮތް ބިމުން މިހާބޮޑު ބިމެއް އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވަނީ ކީއްވެތޯ؟ އެއީ ހުރިހާ ރައްޔިތުންގެ ހިތުގައި އުފެދުނު ސުވާލެވެ.

އެ ސުވާލަށް އެކަށީގެންވާ ޖަވާބެއް ހުދު އެވަގުތު ކައުންސިލަށް ވެސް ފޯރުކޮށް ނުދެވުނެވެ. ސަބަބަކީ ސަރުކާރުން ކައުންސިލަށް ވެސް އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށް ދީފައި ނެތުމެވެ. ހަމައެކަނި ކައުންސިލުން ލިބިފައިވާ ޖަވާބަކީ އެއާޕޯޓް ތަރައްޤީ ކުރުމަށް އެ ބިން ވަރަށް މުހިންމު ކަމަށެވެ. މުހިންމުވާ ސަބަބެއް ވެސް އޭރު ސާފެއްނުވިއެވެ. އެއްވެސް މަޢުލޫމާތެއް ފޯރުކޮށްނުދީ ހަމައެކަނި ސިޓީއަކުން މިކަން ނިންމާލަން ސަރުކާރުން ވިސްނާފައި ވުމަކީ މިކަމާއި މެދު ތަފާތު ނަޒަރުތަކުން މީހުން ވިސްނި ސަބަބެކެވެ.

ހަނިމާދޫގެ ރައްޔިތުންވިޔަވައި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުން ހިތައްއަރާފާނެ ސުވާލެކެވެ. ހަނިމާދޫގައި އެހާބޮޑު މުހިންމު ޕްރޮޖެކްޓެއް ހިންގަން ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން ބިމެއް ދިނުމަށް ރައްޔިތުން ދެކޮޅުވާ އަސްލު ސަބަބަކީ ކޮބައިތޯއެވެ. ހަނިމާދޫގެ ފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. މިހާރު އެއާޕޯޓް އޮތް ސަރަހައްދަކީ ބިމުގެ ގޮތުން ބެލިޔަސް ބޮޑު ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގެ ފަޅަކީ 4 ކިލޯ މީޓަރަށްވުރެ ދިގު ފުޅާ ތަނަވަސް ފަޅެކެވެ. ފަޅުގެ ބޮޑުބަޔަކީ ވަރަށް ފެން ތިލަ ހިސާބުތަކަށް ވުމުން އެ ފަޅަކީ ހިއްކާލަން ވެސް ފަސޭހަ ފަޅެކެވެ. ވުމާއިއެކު ސަރުކާރުން ރައްޔިތުން ދިރިއުޅެން އޮތް މަދު ބިންކޮޅު ނެގުމުގެ ބަދަލުގައި ބިން މަދުވާނަމަ ބިން ހިއްކައިގެން ޕްރޮޖެކްޓް ނުހިންގަންވީ ސަބަބަކީ ކޮބައިތޯއެވެ.

ދިވެހި ސަރުކާރުން އުތުރުގެ ރަށެއްގައި ވަރަށް ފަހުންވެސް ވަނީ އެއާޕޯޓަށް ބޭނުންވާ ސަތޭކަ އިންސައްތަ ބިން ހިއްކައިގެން އެއާޕޯޓް ތަރައްޤީކޮށް ހުޅުވާފައެވެ. ހަނިމާދޫގައި ވީމާ ބިން ހިއްކައިގެން އެކަން ނުކުރެވެންވީ ސަބަބެއް ނުވިސްނެއެވެ. ދެން އޮތް އަނެއް ސުވާލަކީ ފަޅު އެއްކޮށް ނުހިއްކި ނަމަވެސް އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ މިންވަރަށް ބިން ހިއްކައިގެން އެކަން ކުރެވޭނެ ވަރުގެ ޤާބިލުކަން ނެތް ބަޔަކަށް އެ ކުރެހުމުގައި ވާ ފެންވަރަށް އެއާޕޯޓެއް މިތާ ތަރައްޤީ ކުރާނީ ކިހިނަކުންތޯ ކުރެވޭ ސުވާލެވެ.

މިހާހިސާބަށް އައިއިރު ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ރާއްޖޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދުމާއި ގުޅިގެން މި މައްސަލާގައި ސަރުކާރުގެ ލެވެލްގައި ބަސްކިޔަން މަޖުބޫރުވެގެން ދިޔައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މި ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭ މި މައްސަލައާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކި ވާހަކަތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

" އޭގެ ތެރެއިން އެއް ބަޔަކީ އެއާޕޯޓްގެ އެކްސްޓެންޝަނަށް ބާއްވާފައި އޮތް ބައެއް. އަނެއް ބަޔަކީ އެނގިވަޑައިގަންނަވާނެ އެމްއެންޑީއެފްގެ ނޮދަން ކޮމާންޑް ސެންޓަރު މިހާރު މާފިލާފުށީގައި އެ ބޭފުޅުން އެ ކުރައްވާ ކަންތައްތައް އެ ބޭފުޅުން އެއްކޮށް ހަނިމާދޫއަށް ބަދަލު ކުރުމުގެ ވިސްނުން ހުރީ. އެމްއެންޑީއެފްގެ ނޮދަން ރީޖަނަލް ކޮމާންޑް ހަނިމާދޫއަށް ބަދަލު ކުރުމުން ފައިދާ އޮތީ ރަށުގެ ރައްޔިތުންނަށް. އަދި އެއީ ހަނިމާދޫގެ އިގްތިސޯދަށް ވަރަށް މުހިންމު ކަމެއް. މީގެ އިތުރުން އުތުރުގެ މައި އެއާޕޯޓް ތަރައްގީ ވެގެންދާއިރު އެތަނުގައި ދިވެހި އަސްކަރިއްޔާގެ ޕްރެޒެންސް އޮތުން ވަރަށް މުހިންމު"

މީގެ އިތުރުން މިނިސްޓަރ ފައްޔާޒް އެރޭ ވަނީ ތަފާތު ވާހަކަ ފުޅެއްވެސް ދައްކަވާފައެވެ. ހަނިމާދޫ ރައްޔިތުން ނުރުހޭނަމަ އެ ޕްރޮޖެކްޓް އެހެންތަނަކަށް ބަދަލު ކުރައްވާ ވާހަކައެވެ.

މިއީ އަރަތެކެވެ. ބޮޑު ތިލަދުންމަތީގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހަނިމާދޫއިން ދީފައިވާ ވަރުގެ ބިމެއް ދެވޭނެ އިތުރު ރަށެއް ނޯންނާނެއެވެ. ޕްރޮޖެކްޓް އެހެން ރަށަކަށް ބަދަލު ކުރަން ބޭނުންވިޔަސް ބިން ނުހިއްކާ އެކަން ކުރެވޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ހަނިމާދޫގެ ބިން ހިއްކައިގެން އެކަން ކުރަންވީމައި ނުވެފައި، ހަނިމާދޫ ނޫން އެހެން ރަށެއްގައި ބިން ހިއްކައިގެން އެކަން ކުރެވުމަކީ އަޖައިބެއް ނޫންތޯއެވެ. ހަމަޖެހޭ ވާހަކަފުޅެއް ވިދާޅުވިނަމަ ރައްޔިތުން ޤަބޫލް ކުރާނެކަން ކަށަވަރެވެ.

ރައްޔިތުންގެ ގާތުން ޚިދުމަތް ދިނުމާއި ދެވޭ ޚިދުމަތްތަކުގައި ރައްޔިތުންގެ ލަފާ ހޯދައި ވީހާވެސް ގާތުން މަސައްކަތް ކުރުމަކީ މިހާރުގެ ސަރުކާރުން އެންމެ ބޮޑަށް ވިއްކެވި އަދި ޕްރޮމޯޓްކުރި އެއް ވާހަކައެވެ. ހަނިމާދޫގެ ކައުންސިލުގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. ހިތާމައަކީ ރައްޔިތުން މިހާ ކަންބޮޑުވެފައިވާ މައްސަލައެއްގައި މިހާތަނަށް ވެސް ކައުންސިލުން ރައްޔިތުންނާއި މިކަމުގައި އެއްވެސް މަޝްވަރާ ކޮށްފައި ނުވާކަމެވެ.

ތަރައްޤީ ގެންނައިރު ހަމައެކަނި މިއަދަށް ވިސްނުމުގެ ބަދަލު މާދަމާއަށް ވެސް ވިސްނަން ޖެހެއެވެ. އެއީ އެންމެ ފައިދާ ބޮޑު ގޮތެވެ. ތަރައްޤީގެ ފޮނި މީރުކަން ލިބޭނީ ވެސް ރައްޔިތުން ހަމަޖެހިގެން ދިރިއުޅެން ވެސް ޖާގަ އޮވެގެން ނޫން ތޯއެވެ.