މިލަދުންމަޑުލު މިލައުތުރު ރީތި ނަލަނަލަ ނަލަންދޫ އެވެ. ޤުދުރަތީ ޗާލުކަމާއި ތިމާވެށީގެ މުއްސަނދިކަމާއި ރީތިކަމުގެ އަޖައިބު ކުރުވަނިވި ރަށަކީއެވެ. ދިވެހި ޤައުމީ ޖިހާދުގެ މުހިންމު "ސްޓެޓެޖިކް" ބަނދަރަކީއެވެ. ދިވެހި ނިޔަމިކަމާއި، ދަތުރުފަތުރާއި، ތާރީޚުގެ ޚާއްޞަ އާސާރަކީއެވެ.

މީގެ 75 ވަރަކަށް އަހަރު ކުރީން، ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިން މުހައްމައިދީ (މަލިން މަނިއްޕުޅުގެ މުހައްމައިދީ ނުވަތަ މަލިމް މުޙައްމަދު ދީދީ) ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށާއި މީހުންދިރިނޫޅޭ ރަށްރަށަށް ކުރެއްވި ދަތުރުގައި ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރެއްވިއެވެ. އަދި ކޮމެޓީގެ ފަރާތުން ދަތުރުގެ ޔައުމިއްޔާ ލިޔުއްވަމުން ގެންދެވިއެވެ. އަދި ވަކިވަކި ރަށްރަށާއި އެރަށްރަށުން މުހައްމައިދީ އަށް ފާހަގަކުރެއްވުނު ބައެއް އާސާރީ ތަންތަނާއި ތަކެތީގެ މަޢުލޫމާތު ނޯޓުކުރެއްވިއެވެ. އަދި ބައެއް މަހާނަގާގަލާއި، މިސްކިތްމިސްކިތާއި، ދޮރުދޮރާއި، ފިލަފިލާ އާއި، ފަތްކޮޅުކޮޅާއި ލިޔެކިޔުމާއި، އަދި މިނޫންވެސް މިފަދަ އާސާރީ ތަންތަނާއި ތަކެތީގައި ހުރި މަޢުލޫމާތު މުހައްމައިދީ ނަކަލުކުރެއްވިއެވެ.

Ad
rt

އަޅުގަނޑު ދެކޭގޮތުގައި، ކޮމެޓީގެ ފަރާތުން މުހައްމައިދީ މިކުރެއްވި ޚިދުމަތަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާ ބެހޭގޮތުން މިހާތަނަށް އެކުލަވައިލެވި ވުޖޫދުގައި ފެންނާން އޮތް އެންމެ ފައިދާ ހުރި، އެންމެ އިސް ތާރީޚީ މަސްދަރެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދަފުތަރު އެކުލަވައިލުމުގައި ދިވެހި ސަރުކާރުގެ އެކިއެކި ދައުރުތަކުގައި ކަމާބެހޭ އެކިއެކި މުވައްސަސާތަކުން ބެއްލެވި އެންމެ އިސް މަސްދަރެވެ. އަދި ދިވެހި ތާރީޚު ޙަޤީޤަތުގައި ދިރާސާކުރެއްވި މަދު ބޭފުޅުންކުރެ މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ ފަދަ ބޭފުޅުން ދިވެހިރާއްޖޭގެ އަތޮޅުއަތޮޅުގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާމެދު ދިރާސާކުރެއްވުމުގައި ބެއްލެވި އެންމެ އިސް ނުވަތަ އެންމެ އިސް އެއް މަސްދަރެވެ.

މީގެ 75 އަހަރު ކުރިން، މީލާދީން 1946 ގެ ފެބުރުވަރީ މަހުން 10 ވީ އާދީއްތަ ދުވަހު (ހިޖުރައިން 1365 ގެ ރަބީޢުލްއައްވަލު މަހުން 7 ދުވަހު) ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިން މުހައްމައިދީ މިލަދުންމަޑުލު އުތުރުބުރީ ނަލަންދުއަށް ވަޑައިގެންނެވިއެވެ. އަދި ކޮމެޓީގެ ފަރާތުން މިކުރެއްވި ދަތުރުގައި އެކިއެކި ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ތެރެއިން މުހައްމައިދީ އަށް ފާހަގަ ކުރެއްވުނު ތަންތަނާއި ތަކެތީގެ މަޢުލުމާތު ނޯޓުކުރެވިފައިވާ ވުޒާރަތުއް ދާޚިލިއްޔާގެ ފޮތްބައިގެ ތެރެއިން "ވުޒާރަތުއް ދާޚިލިއްޔާގެ ނަންބަރު 1" ފޮތުގައި ނަލަންދުއާ މެދު ލިޔުއްވާފައިވާ ގޮތުގައި، "65/3/7 އ.ދ. މިދުވަހު. މިރަށަށް ގޮސް ބެލިއިރު. މި ކަޅުއޮށްފުންމި އައިގެން. އުތީމު. ބޭފުޅުން. ވެދެވަޑައިގަތް ކަމުގައި ބުނެވޭ. ކޯރުގެ. ކަޑިންމާ އޮތީ. މިރަށުގެ ދެކުނު. ކޮޅުން. ހުޅަގުފަރާތަށް. ފައިބައެވެ. ކަޑިންމައިގެ. ތެރެއަށް. މިހާރުވެސް. ބޮޑެތި މަސްދޯނި. ފަހަރުގައި ބޮޑުދިޔާގައި. ވަދެވޭނެއެވެ. މިކޯރު އޮތީ. ރަށުގެ ތެރެއަށް ވަދެ. ގުދު. ގުދުލަމުން. ގޮއްސައެވެ. ތަންކޮޅަކަށް ދިޔައިމާ. މުޅިން ނިވާވާ ގޮތަށެވެ. މިތަން ވަރަށް ފުންވެފާ މަޑެވެ. އަދި ތަންތަންކޮޅުގައި. ކުދިކުދި ރަށްރަށް ހެދިފައިވެއެވެ. ވަރަށް ދަންނަ މީހަކަށް. ނޫނިއްޔާ. ވެދެގެން. ނުދެވޭނޭ. ކަހަލަ ގޮތަކަށެވެ. ރައްކައުތެރިވުމަށް. ބަޔަކު. ވެދެއުޅުމަށް އެކަށީގެންވާ. ތަނެއްކަމުގައި. ފެނެއެވެ. އަދި. މިރަށުގައި ސިއްތިމާވާ ރަނިކިލެގެ ބޭންދެވިކަމުގައި ވެސް ބުނެވެއެވެ."

26 މާރިޗު 1979 ގައި ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ފަރާތުން ޑިރެކްޓަރ ޙަސަން އަޙްމަދު މަނިކު، ދިވެހި ތާރީޚާއި ޘަޤާފަތުގެ މަޖިލިސްގެ ރައީސަށް ފޮނުއްވި ސިޓީގައި ޙަސަން އަޙްމަދު މަނިކު ވިދާޅުވާ ގޮތުގައި، "ރާއްޖޭގެ އެކި ރަށްރަށުގައި ވީރާނާވަމުން އުވެމުންދާ ވަރަށް ގިނަ އާޘާރީ ތަންތަން އަދިވެސް އެބަހުއްޓެވެ. މިފަދަ ތަންތަން ހުރީ ހަމައެކަނި މީހުންއުޅޭ ރަށްރަށަކު ނޫނެވެ. މިވެއަތުވެދިޔަ ދުވަސްތަކުގައި މިފަދަ ތަންތަނަށް ބަހައްޓަންވީ އެހީތެރިކަމާއި ރައްކައުތެރިކަން ނެތުމުގެ ސަބަބުންވަނީ ވަރަށް ބޮޑު ގެއްލުންވެފައެވެ".

އިސްވެ ދަންނަވައިލި ސިޓީގައި ޙަސަން އަޙްމަދު މަނިކު އަދިވެސް ވިދާޅުވަނީ، "މި ޑިޕާރޓްމަންޓްއިން މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒް އަށް 11 ޑިސެމްބަރ 1978 ގައި ވަނީ މިފަދަ އާޘާރީ ތަންތަން ހަލާކުކުރިއަ ނުދެއްވުމަށް އަތޮޅުއޮފީސްތައް މެދުވެރި ކުރައްވައި މަސައްކަތްކޮށް ދެއްވުމަށް ދެންނެވިފައެވެ". މިސިޓީއާއެކު ހަލާކުވަމުންދާ އާސާރީ ތަންތަން ހުރި ރަށްރަށާއި އެތަންތަނާ މެދު ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ އަށް ހޯދިފައިވާ މަޢުލޫމާތާއި އެރަށްރަށް ފާހަގަ ކުރެވިފައިވާ ޗާޓެއް ދިވެހި ތާރީޚާއި ޘަޤާފަތުގެ މަޖިލިސްގެ ރައީސަށް ފޮނުއްވިއެވެ.

ޙަސަން އަޙްމަދު މަނިކުގެ ސިޓީއާއެކު ފޮނުއްވި މަޢުލޫމާތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ނަލަންދޫގެ އުތުރު ފަރާތުގައި "ގަބުޅިފުށި" އެވެ ކިޔާ ރަށެއް އެބައޮތެވެ. މިތަނަށް ކިޔާ އުޅެނީ "ރެދިން މަސްކޭ ރިދަނލިފުނި" އެވެ. ރެދިން މަސްކޭ މި ރިދަނލިފުންޏަކީ އުސްފަސްގަނޑެކެވެ. ނަލަންދޫ އުސްފަނޑު ކިޔަނީ މިތަނަށެވެ. މިތާގެ ވަށަމިނުގައި ހުރީ 50 ފޫޓެވެ. އަދި އުސްމިނުގައި ހުރީ 3 ފޫޓެވެ.

އަދި ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ފަރާތުން އެއްކުރައްވާފައިވާ މި މަޢުލޫމާތުގައި ވާގޮތުގައި، ނަލަންދޫގެ ދެކުނު އިރުމަތީ ފަރާތު ހައްޕަތިގަނޑު ކިޔާ ތާގައި އާސާރީ ތަނެއް އެބަހުއްޓެވެ. މިތާގެ ވަށަމިނުގައި 20 ފޫޓު އަދި އުސްމިނުގައި 4 ފޫޓު ހުރެއެވެ.

ނަލަންދޫ ގަބުޅިފުށި އުސްފަސްގަނޑާއި ހައްޕަތިގަނޑާ، މިދެތަނާ ބެހޭ ގޮތުން ބުނެއުޅެނީ "ރެދިން" ނެވެ ކިޔާ ބަޔަކު އިހު ޒަމާނެއްގައި ކަނޑުގެ ޚަބަރުތައް ހޯދާން ކަނޑުގައި ދަތުރުކޮށް ކުރި މަސައްކަތުގައި ރިނދަލީގެ މުތް ނުވަތަ މަސް ބޭނުންކުރުމުން ހެދިފައިވާ ދެފުނިވަރު ކަމުގައެވެ.

ކޮންމެއަކަސް، އަދުވެސް، ނަލަންދުއަކީ ވީރާނާވަމުންދާ ދިވެހި އާސާރީ މުހިންމު ތަރިކައެކެވެ. އަދި އަޅައިލާން ޖެހޭ ދިވެހި ތިމާވެށީގެ މުއްސަނދި ތަރިކައެކެވެ. އަދި ނަލަންދުއަކީ އަޅުގަނޑުމެންގެ އަތްތަކުން ހަލާކުނުކޮށް ރަނގަޅަށް ހިތަން ޖެހޭ ރަށެއްކަމުގައި ދެކެވެނީއެވެ. އަދި ނަލަންދުއަށް ދާހިތް ވެސް ވަނީއެވެ. އެރަށަށް ގޮސް އެރަށުގެ ކަންތައްތައް ހަމަލޮލުން ދެކިލާ ހިތްވެސް ވަނީއެވެ. ނަލަންދޫގެ ޚަބަރެއް އަހައިފިއްޔާ ނިކަން ޚަބަރެއް ވެލާތި އިނގޭ އެވެ.

ހަވާލާ
- ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިން މުހައްމައިދީ ކުރެއްވި ދަތުރުގެ ޔައުމިއްޔާ.
- ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިން މުހައްމައިދީ ކުރެއްވި ދަތުރުގެ މަޢުލޫމާތު ނޯޓުކުރެވިފައިވާ ވުޒާރަތުއް ދާޚިލިއްޔާގެ ފޮތްބައިގެ ތެރެއިން "ވުޒާރަތުއް ދާޚިލިއްޔާގެ ނަންބަރު 1" ފޮތް.
- 26 މާރިޗު 1979 ގައި ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ފަރާތުން ޑިރެކްޓަރ ޙަސަން އަޙްމަދު މަނިކު، ދިވެހި ތާރީޚާއި ޘަޤާފަތުގެ މަޖިލިސްގެ ރައީސަށް ފޮނުއްވި ސިޓީ.
- ތިލަދުންމަތީ ބައެއް ރަށްރަށުގެ މުސްކުޅީން ބަޔާންތައް.
- ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެތި ލިސްޓުކުރެވިފައި ހުރި އެކިއެކި ދަފުތަރުތައް.