ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދުގެ މަރާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން އެކުލަވާލި ކޭސް ރިޕޯޓް އާންމުކޮށްފިއެވެ.
މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑް ވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.
އެތައް އިހުމާލެއް ފެންނަންއޮތް މި ރިޕޯޓަކީ މިޝްކާއަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯސީ)އިން ސިއްހީ ހިދުމަތް ފޯރުކޮށްދީފައިވާ ގޮތާއި ބެހޭގޮތުން ހެދިފައިވާ ރިވިއުގެ މައްޗަށް ބިނާކޮށް ނެރެވިފައިވާ ރިޕޯޓެއް ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެ ރިޕޯޓުގައި ބުނީ މި ހާދިސާ ރިވިއު ކުރުމުގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް އެޗް.އީ.އޯ.ސީއިން ފޯރުކޮށްދޭންޖެހޭ ސިއްހީ ހިދުމަތްތައް ދިނުމުގައި އާއްމުކޮށް ގެންގުޅޭ އުޞޫލުތައް ބެލުމުގެ އިތުރުން މި ހާދިސާއާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި، އެޗް.އީ.އޯސީގެ ކްލަސްޓަރތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކާއި އަދި މިޝްކާގެ ބެލެނިވެރިޔާއާއި އިންޓަވިއު ކޮށްފައިވާ ކަމަށެވެ.
މި ކޭސްއާއި ގުޅިގެން އެ ރިޕޯޓުގައި ވަނީ މައިގަނޑު 12 ކަމެއް ފާހަގަ ކޮށްފައެވެ. މިގޮތުން ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި، މިޝްކާގެ ކޭސްއަކީ އިމަރޖެންސީ ހާލަތެއްކަން ކޯލް ސެންޓަރުންނާއި، އެޗް.އީ.އޯސީގައި މަސައްކަތްކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމް.އާރް.ޓީ)އަށް ބެލިފައި ނެތުމުން ފަރުވާއަށް ދިއުމަށާއި އަދި ފަރުވާ ފޯރުކޮށް ދިނުމުގައި އެކަށީގެންނުވާ ލަސްތަކެއް ވެފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާ(މިޝްކާ)ގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރުން ދެނެގަނެވިފައި ނުވުމާއި، ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރަށް އެ ކޭސްއަކީ އަރޖެންޓް ކޭސްއެއްކަން ދެނެގަނެވިފައި ނުވާތީ، އެމްބިއުލަންސް ޓްރިގަރ ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަމާއި، އިތުރު ކޮންސަލްޓޭޝަން އަކަށް ކުލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓް) އަށް މެސެޖް ފޮނުވައިފާ ވާކަމަށް އެ ރިޕޯޓުގައި ބުނެފަވެއެވެ.
ސިއްހީ ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ސިއްހީ ހިދުމަތް ބޭނުންވާ ފަރާތަކަށް އެހިދުމަތް ފޯރުކޮށް ދިނުމުގެ ޒިންމާ ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރ އަދާކޮށްފައި ނެތްކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އެޗް.އީ.އޯސީއިން އެންމެ ފުރަތަމަ މިޝްކާގެ މައުލޫމާތު ނަގަން ގުޅިއިރު ބެލެނިވެރިޔާ ކޮންސަލްޓޭޝަންތަކަށް އެދިފައި ވީނަމަވެސް އެޗް.އީ.އޯސީގައި ބޭނުންކުރާ "އައުޓް ބްރޯކާ” (އޯބީ) ސިސްޓަމަށް ކުއްޖާގެ މަޢުލޫމާތު އެޅިއިރު، މިޝްކާއަށް ކޮންސަލްޓޭޝަންއެއް ބޭނުންކަން ފާހަގަކޮށްފައި ނުވާކަމާއި، ބެލެނިވެރިއާއަށް ގުޅިއިރު އެއްވެސް ވަރަކަށް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ފާހަގަކޮށްފައި ނުވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.
އެޗް.އީ.އޯސީގައި މަސައްކަތްކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމް.އާރް.ޓީ) އިން އެދުވަހުގެ 15:53 ގައި މިޝްކާގެ އޮންލައިން ކޮންސަލްޓޭޝަން ހެދިއިރު، މިޝްކާގެ ހާލަތާއި ދެވިފައިވާ ފަރުވާއަށް ބަލާ އެފަދަ ހާލަތެއްގައި ފިޒިކަލް އެސެސްމެންޓެއް ހެދުމަށް ލަފާދޭންޖެހޭ ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފަވެއެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ، އެރޭ 21:06 ގައި މިޝްކާގެ ބެލެނިވެރިޔާ ފޯނުން ގުޅުމަށްފަހު ދަރިފުޅު ތަންކޮޅެއް ގޯސްވާހެން ހީވާކަމަށްބުނުމުން، ކޮންސަލްޓޭ ޝަނަކަށް ރިކްއެސްޓް ކުރުމުން 21:53 ގައި ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރުވަނީ ބެލެނިވެރިޔާއަށް ގުޅާފައިކަމަށެވެ. ނަމަވެސް އެފަހަރު ކޯލް މިސްވުމުން "ސިމްޕްޓޮމެޓިކް ޓިކެޓްސް (އެމް.އެމް.އާރްޓީ) ޝީޓްގައި "ނޮޓް ރެސްޕޯންޑިން" އަދި "އެޓެންޑް" ކޮލަމްގައި ޖަހާފައިވާ ކަމަށް އެރިޕޯޓު ބުނެއެވެ.
އެ ރިޕޯޓުގައިވާގޮތުން ޑީ.އެމް.އާރްޓީގެ ޑޮކްޓަރު 22:33 ގައި ބެލެނިވެރިޔާއަށް ގުޅިއެވެ. އަދި 22:39 ގައި ޑީ.އެމް.އާރ.ޓީއިން ސީމެޓަށް އެކުއްޖާ މަޢުލޫމާތު ފޮނުވާފައިވާއިރު، އެމެސެޖްގައި އެއީ އިމަރޖެންސީ ކޭސްއެއްކަން އެނގެން ނެތްކަމަށް ވެސް އެ ރިޕޯޓުގައި ބުނެފަވެއެވެ.
އެރޭ 23:16ގައި ކޯލް ސެންޓަރަށް އަނެއްކާވެސް ބެލެނިވެރިޔާ ވަނީ ގުޅައި، އެމްބިއުލާންސް އައުން ލަސްވާ ވާހަކަ ބުނެފައެވެ. ނަމަވެސް އެމްބިއުލާންސެއް ފޮނުވިފައިވޭތޯ ނުވަތަ ފޮނުވަން ހަމަޖައްސާފައިވޭތޯ ބެލުމުގެ ޒިންމާ ކޯލް ސެންޓަރުން ނަގާފައި ނުވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފަވެއެވެ.
ކޯލްސެންޓަރއަށް، އެމަރޖަންސީއެއްގެ ގޮތުގައި ރިޕޯޓް ކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓް ނުކުރެވި 2 ގަޑިއިރާއި 26 މިނިޓް ހޭދަވެފައިވާކަމުގެ ބޮޑު އިހުމާލު އެ ރިޕޯޓުން ފެންނަން އޮތްއިރު، އިމަރޖެންސީތަކަށް އަވަހަށް އިޖާބަ ދިނުމަށް ކޯލް ސެންޓަރ، ޑީ.އެމް.އާރ.ޓީ އަދި ފެސިލިޓީ މެނޭޖްމަންޓް، ހިމެނޭގޮތަށް ހެދިފައިވާ "އެމް.އެމް.އާރް.ޓީ. ވައިބަރ ގްރޫޕް"އަކީ މިހާދިސާ ހިނގިއިރު އެކްޓިވް ވައިބަރ ގްރޫޕެއް ނޫންކަމަށް ވެސް ވަނީ ބުނެފައެވެ.
އެޗް.އީ.އޯސީގެ ކޯލްސެންޓަރއިން ޑީ.އެމް.އާރް.ޓީއަށް މަޢުލޫމާތު ހިއްސާ ކުރުމަށް އާއްމުކޮށް ގެންގުޅުނު އުސޫލަށް ފަހުން ގެނެވުނު ބަދަލާ އެއްގޮތަށް މިޝްކާގެ ކޭސްގެ މައުލޫމާތު ހިއްކޮށްފައި ނުވުމަކީ ވެސް މިކަމުގައި އެކުލެވޭ އެތައް އިހުމާލެއްގެ ތެރެއިން އިތުރު އިހުމާލެކެވެ. އަދި އާއްމު އުސޫލެއްގެ ގޮތުން، ލިޔެފައި ނުވިނަމަވެސް، އިމަރޖެންސީ ހާލަތްތަކުގައި އަންގަންޖެހޭ ކްލަސްޓަރތަކަށް ފޯނުން ގުޅައި، ނުވަތަ އެ ކްލަސްޓަރއަކަށްގޮސް އެ މަޢުލޫމާތު ދޭއިރު، މިހާދިސާގައި އެގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް ވެސް އެ ރިޕޯޓުން ފެނެއެވެ.
އިމަރޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) އަށް މިމަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން 10 މިނެޓް ތެރޭގައި އައި.ޖީ.އެމް.އެޗަށް ކުއްޖާ ގެންދެވި އިތުރު ފަރުވާ ދޭން ފެށުނުކަމަށް އެ ރިޕޯޓު ބުނެއެވެ.
"މިހާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަ ކުރެވޭ ނުކުތާއަކީ އެފަރާތަށް، (މިޝްކާ)އަށް އެޗް.އީއޯސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމެވެ. އަދި ޑީ.އެމް.އާރު.ޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރު އެފަރާތުގެ ހާލަތު ރަނގަޅަށް ދެނެގަނެވިފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ. ކުއްޖާގެ ބެލެނިވެރިޔާއާއި ޑީ.އެމް.އާރު.ޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުޢާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ޤަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އޭޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވެއެވެ. އަދި މީގެ އިތުރުން ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުޢާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުއާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް 23:32 (އީ.އެއް.އެސްއަށް ކޯލްކުރި ގަޑި) އާއި ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައެއް ނުވެއެވެ." އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެޗް.އީ.އޯސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކަށް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށްއައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މަޢުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
"މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުތް ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑް ވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ." އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިފަދަ ހާދިސާރުމާ ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ގެ ނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ވެސް ސިސްޓަމްގައި ހުރި މައްސަލަތައްކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިރިޕޯރޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލިފައިވާނެކަމަށާއި، މިރިވިއު ކުރުމަށްޓަކައި 28 ފަރާތަކާއި އިންޓަވިއު ކޮށް ގިނަ ލިޔެކިއުންތަކެއް ބަލައި ދިރާސާ ކުރެވުނު ކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ.
މީގެއިތުރުން މިހާދިސާއާއި ގުޅިގެން ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކޯވިޑް ބަލީގައި މާލޭ ސިޓީގެ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމާޖެންސީގައި ފަރުވާ ދެނިކޮށް ޖޫން 1 ވަނަ ދުވަހުގެ ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ފާޠިމަތު މިޝްކާ މުހައްމަދަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި ކުއްޖެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!