"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ އެއީ، މާތްވެގެންވާ އިސްލާމް ދީނަށާއި، ދިވެހިރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތަކަށާއި، އަނިޔާއަކަށް ށ. މިލަންދޫ ކައުންސިލުން ބުނެފިއެވެ.

މިލަންދޫ ކައުންސިލުން މިހެން ބުނީ، ދިވެހިރާއްޖޭ ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

Ad
rt

މިލަންދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މީސްތަކުންނަށްޓަކައި ނެރެވުނު އެންމެ ހެޔޮ އުންމަތް ކަމުގައި މި އުންމަތް ވެގެން ގޮސްފައިވަނީ މި
އުންމަތުގައި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމުގެ މާތް ސިފަ އެކުލެވިގެންވާތީ ކަމުގައި ޤުރްއާނުގެ ޞައްޙަނަސްހުން އެނގެން އޮތްކަމަށެވެ.

"އެއާއި ތަޢާރަޟުވާގޮތަށް، ނަފުރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ޤާނޫނުލްޢުޤޫބާތަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުން ވެގެންދާނީ، މާތްވެގެންވާ އިސްލާމް ދީނަށާއި، ދިވެހިރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތަކަށާއި، އަނިޔާއަކަށް ކަމުގައި މި ކައުންސިލުން ދެކެމެވެ." މިލަންދޫ ކައުންސިލުން ބުނެފަވެއެވެ.

މި ބިލް މިހާރު ޑްރާފްޓް ކޮށްފައި އޮތް ގޮތަށް ފާސްވެއްޖެނަމަ، ސައްތައިން ސައްތަ މި އިސްލާމީ ޤަޢުމުގައި "ސެކިއުލަރިޒަމް ފެތުރުމަށް ތަންމިނަށް" މަގުފަހިވެ، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަން ކުރުމަށް ހިތްވަރު ލިބި، މި ބިލް ޤާނޫނަކަށް ވެގެން އައުމުން، އެފަރާތްތަކަށް ޤާނޫނީގޮތުން ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ވާނެކަމީ ޝައްކެތް އޮތްކަމެއް ނޫންކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

"ހަމަ އެހެންމެ، އެކަންކަން މަނާކުރުމުގެ ގޮތުން ދީނީ ޢިލްމު ވެރިންނާއި، ޢާއްމު ދިވެހި ރައްޔިތުންނަށް ބަސްބުނުމަށް އޮތް ޖާގަ ނުހަނު ބޮޑަށް ހަނިވެ، އެފަދަ މުންކަރާތްތައް ނަހީކުރުމަށް ބަސްބުނާ ކޮންމެ މީހަކީ ޤާނޫނުގެ ކުރިމަތީގައި ކުށްވެރިއަކަށް ވެގެންދާނެކަން އެ ބިލުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވެއެވެ." -މިލަންދޫ ކައުންސިލް-

މި ބިލު ހުށަހެޅުމުގެ މަޤްޞަދަކީ، މީސްމީހުންނާއިމެދު ނަފުރަތު އުފެއްދުން ހުއްޓުވުން ކަމުގައިވާނަމަ، ސިޔާސީ ގޮތުން އެކިއެކި ޕްލެޓްފޯމުތަކުގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން މީސްމީހުންނާއި މެދު އުފެދޭ ނަފުރަތު ދިވެހިރާއްޖޭގައި މާބޮޑުތަނުން އިތުރުވެފައި ވާކަމާއި، އެކަމަށް ޙައްލު ހޯދުމުގެ ގޮތުން މިފަދަ ޤާނޫނެއް ފާސްކުރުމުގެ ބޭނުންތެރިކަން މާ ބޮޑުކަމަށް މިލަންދޫ ކައުންސިލުން ބުނެފަވެއެވެ.

"އަދި ހަމަ އެހެންމެ، މިބިލް ހުށަހެޅުމުގެ މަޤްޞަދަކީ، މާރާމާރީ ގަސްތުގައި މީހުން ފުރާނަ ދުއްވާލުމުގެ ޢަމަލުތައް ހުއްޓުވުން ކަމުގައި ވާނަމަ، އެފަދަ ކަންކަން މަނާކުރުމަށް އެކިއެކި ޤާނޫނުތައް މިހާރުވެސް ދިވެހިރާއްޖޭގައި ހެދިފައި ވާކަން މިކައުންސިލުން ފާހަގަކޮށް، އެފަދަ ޤާނޫނުތައް ތަންފީޒުކުރުމުގެ ތެރެއިން، އިސްވެ ދެންނެވުނު މަޤްޞަދުތައް ޙާޞިލު ކުރެވޭނެ ކަމުގައިވެސް މި ކައުންސިލުން ދެކެމެވެ. ހަމަ މިއާއެކު، މި ބިލް ހުށަހެޅުމުގެ މަޤްޞަދަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުން ކަމުގައި ވާނަމަ، ސައްތައިން ސައްތަ މި އިސްލާމީ ޤަޢުމުގައި، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަ ކޮށް ރިޕޯޓްތައް ނެރެފައިވާ އެމް.ޑީ.އެން އަދި އުތެމަ ޖަމްޢިއްޔާއަށް ނިސްބަތްވާ ފަރާތްތައް ދަޢުލަތުގެ އިސްމަޤާމުތަކަށް އިސްކޮށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެފަރާތްތަކަށް ޚަރަދު ކުރުމުގެ ބަދަލުގައި، އެފަރާތްތަކާއި މެދު ދިވެހިރާއްޖޭގައި މިހާރުވެސް ހެދިފައި ޤާނޫނުތަކުގެ ތެރެއިން ފިޔަވަޅު އަޅައިގެން އިސްލާމްދީނަށް ނަޞްރު ދިނުން، އިސްލާމް ދީނާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި މާ އަޢުލާވެގެން ވާކަމާއި، އެކަމުން ދިވެހީންގެ ހިތްތަކަށް ތަސައްލީ ލިބި އެކަމުގެ ސަބަބުން އުފެދިފައިވާ ނަފުރަތަށް ފިނިކަމެއް އައުމުގެ ފުރުޞަތު ބޮޑުކަމުގައިވެސް މި ކައުންސިލުން ދެކެމެވެ." މިލަންދޫ ކައުންސިލުން ބުނެފަވެއެވެ.

ކަންކަން މި މަގަށް ހުރި ހުރުމުން، މި ބިލް ހުށަހެޅުމުގެ މަޤްޞަދާއި ދޭތެރޭގައި ސުވާލު އުފެއްދުމުގެ
ޖާގަ ކިތަންމެ ރަނގަޅަކަށްވެސް އޮތްކަމުގައި މި ކައުންސިލުން ދެކޭކަމަށާއި، މި ބިލު މިހާރު ޑްރާފްޓް ކުރެވިފައިވާ ގޮތަށް ފާސް ކުރުމަށް ވޯޓު ނުދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނަށް، ވަކިން ޚާއްޞަކޮށް، މިލަންދޫ ދާއިރާގެ މެންބަރަށް އެ ކައުންސިލުން އިލްތިމާސްކޮށް ގޮވައިލާކަމަށް މިލަންދޫ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނެފެއެވެ.

މި ބިލް ޤާނޫނަކަށް ވެގެން އަންނައިރު، އެ ޤާނޫނުގައި އިސްލާމްދީނާއި ތަޢާރަޟުވާ އެއްވެސް މާއްދާއެއް އޮވެ، އެ ޤާނޫނާއިމެދު ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް އޮތްހިނދަކު، އެ ޤާނޫނު ތަސްދީޤު ނުކުރުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް މިލަންދޫގެ ރައްޔިތުންގެ ނަމުގައި އިލްތިމާސް ކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.

މިލަންދޫ ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް އަކީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރަށްވާފައިވާ ބޭފުޅެކެވެ. ދެން ތިއްބެވި 4 ކައުންސިލަރުން ނިސްބަތްވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއަށެވެ.