ހދ. ހަނިމާދޫއިން އިތުރު 11 މީހަކު ކޯވިޑަ-19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 24 އަށް އަރައިފިއެވެ.
ހަނިމާދޫއިން ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ނެގުނު 60 ސާމްޕަލްގެ ތެރެއިން މިއަދު ނަތީޖާ ލިބުނު 58 ސާމްޕަލުގެ ތެރެއިން 11 ސާމްޕަލެކެވެ.
ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މީގެކުރިން ހަނިމާދޫއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިގެން ސާމްޕަލް ނެގުފައިވާ ބިދޭސީންގެ ތެރެއިން 7 ބިދޭސީއަކާއި، އަދި ރެންޑަމްކޮށް ސާމްޕަލް ނެގުނު ބިދޭސީންގެ ތެރެއިން ތިން ބިދޭސީއެއްގެ އިތުރުން، މި ބަލީގެ އަލާމާތް ހުރެގެން ސާމްޕަލް ނެގުނު ހަނިމާދޫ ސްކޫލު ދަރިވަރެކެވެ.
ހަނިމާދޫ މި މަހުގެ ނުވަވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
ހަނިމާދޫގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ އެގްޒެކެޓިވް އިބްރާހީމް އަލީ ވިދާޅުވެފައިވަނީ ހަނިމާދޫގައި ކޯވިޑްގެ ނުރައްކާ އިތުރުވަމުން ދާތީ ހުރިހާ ރައްޔިތުން ވެސް ގޭގައި މަޑު ކުރެއްވުމަށް އެދޭ ކަމަށެވެ. ޒަރޫރީ ބައެއް ބޭނުންތައް ފުއްދުމަށް ގެއިން ބޭރަށް ނުކުމެ އުޅުމަށް ކަނޑައެޅިފައިވާ އުސޫލްތަކުގެ ބޭނުން ނާޖައިޒް ގޮތުގައި އެއްވެސް ބޭފުޅަކު ބޭނުން ނުކުރުމަށް ވެސް އިބްރާހީމް ވަނީ އެދިލައްވާފައެވެ.
އިބްރާހީމް އިތުރަށް ވިދާޅުވެފައި ވަނީ ކޭސްތައް އިތުރުވަމުންދާތީ އެކަމާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ އިތުރުން ފިޔަވަޅުތަކެއް އަޅަން ޖެހޭތޯ މިހާރު ބަލަމުންދާ ކަމަށެވެ.
މި ބައްޔާއި ގުޅިގެން މިވަގުތު ހަނިމާދޫގެ ގިނަ ގޭތަކެއް ވެސް ވަނީ ކަރަންޓީން ކުރެވިފައެވެ. ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް މިހާރު ހަނިމާދޫގައި ކާފިއު ހިންގަމުން އަންނައިރު، ފިހާރަތަށް ވެސް އިރުއޮއްސި 06:00 ގައި ވަނީ ބަންދުކުރަން އަންގާފައެވެ. ހޮޓާތަކުން ހަމައެކަނި ދެމުން ގެންދަނީ ޑެލިވަރީގެ ޚިދުމަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!