ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ހުކުރު ދުވަހުގެ ރޭ ކްރޮއޭޝިއާއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ގްލާސްގޯގެ ހެމްޕްޑެން ޕާރކްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޗެކްރިޕަބްލިކުންނެވެ. މި ލަނޑަކީ މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ އިތުބާރު ފޯވާޑް ޕެޓްރިކް ޝިކް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

Ad
rt

މި ޕެނަލްޓީ ޗެކްރިޕަބްލިކަށް ލިބިފައިވަނީ އެ ޓީމުން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކްރޮއޭޝިއާގެ ޑިފެންޑަރ ލައުރެންގެ އުޅަނބޮށިން ޕެޓްރިކް ޝިކްގެ މޫނުމަތީގައި ޖެހުމުގެ ސަބަބުންނެވެ. ޝިކްގެ ނޭފަތް ފަޅައިގެން ދިޔުމާއި ގުޅިގެން މެޗު ހުއްޓުވައި ރެފްރީ ވީއޭއާރުން ބެލުމަށް ފަހު ޗެކްރިޕަބްލިކަށް ވަނީ ޕެނަލްޓީ ދީފައެވެ. ޝިކްގެ މި ލަނޑާއިއެކު މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. ޗެކްރިޕަބްލިކްގެ އެ ލަނޑަށް ފަހު ފުރަތަމަ ހާފުގެ ފަހުވަގުތު ކްރޮއޭޝިއާގެ ފޯވާޑް ރެބިޗަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރު ވެފައެވެ.

ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 47 ވަނަ މިނެޓުގައެވެ. މި ލަނޑު ކްރަމަރިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އިވާން ޕެރިސިޗެވެ. މި ލަނޑަށް ފަހު ވެސް ކްރޮއޭޝިއާއިން ވަނީ ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކޮށްފައެވެ. ނަމަވެސް އެ ޓީމަށް އެ އެއްވެސް ފުރުޞަތެއްގެ ބޭނުން ހިފިފައި ނުވެއެވެ.

މި މޮޅާއިއެކު ހަތަރު ޕޮއިންޓް ލިބިގެން މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ޗެކްރިޕަބްލިކެވެ. އެ ޓީމަށް ދެވަނަބުރަށް ދިއުމުގެ ފުރުޞަތު ތަނަވަސް ވީނަމަވެސް މިރޭ މެޗުން ބަލިވި ކްރޮއޭޝިއާއަށް ވަނީ ދެވަނަ ބުރަށް ދިއުމަށް ހުރަސްތަކާއި ކުރިމަތިވެފައެވެ.

ކްރޮއޭޝިއާ މިވަގުތު އެއް ޕޮއިންޓާއިއެކު އޮތީ ތާވަލުގެ ތިންވަނާގައެވެ. ދެވަނާގައި އޮތީ އިންގްލެންޑެވެ. އެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.