ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ﷲ އަށާއި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ޤާނޫނީ ގޮތުން ހުއްދަވެ އެކަން ކުރުމަށް ޤާނޫނީ ބާރު ލިބިގެންދާނެ ކަމަށާއި ވުމާއެކު އެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާއި ދެކޮޅުކަން ށ. ގޮއިދޫ ކައުންސިލުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ބަޔާނުގެ އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނޫލް އުޤޫބާތު) ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި "ނަފުރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރުކޮށް އެ އިތުރުކުރި މާއްދާ މިހާރު އޮތްގޮތަށް ފާސްވެގެން ދިޔުމަކީ ށ. ގޮއިދޫގެ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

Ad
rt

އަދި މިހާރު އެ އިސްލާހު އޮތްގޮތަށް ފާސްވެއްޖެނަމަ އެއްވެސް ޖެހިލުމެއްނެތި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ކީރިތި ރަސޫލާއަށާއި ދީނުގެ އަސާސްތަކަށް ފުރައްސާރަ ކުރުން އެއީ ޤާނޫނު ހުއްދަކުރާ ކަމެއްކަމުގައި ކަނޑައެޅުނީ ކަމުގައި އެ ކައުންސިލުން ދެކޭ ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރު އޮތްގޮތުން ހަނިވެގެން ދާނެކަމަށާއި އަދި އިސްލާމްދީނާއި ދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުރުމާއިވެސް ސީދާ ހިލާފުވާނެ ކަމުގައި އެ ކައުންސިލުން ދެކޭކަމަށް އެ ބަޔާނުގައިވެއެވެ.

ބިލު އަނބުރާ ގެންދިއުމަށާއި އަދި މިބިލު އަނބުރާ ނުގެންގޮސްފި ޙާލަތެއްގައި މިބިލަށް ވޯޓު ނުދެއްވުމަށް ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރަށާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ގޮއިދޫގެ ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރަށްވަނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ބޭފުޅެކެވެ. ދެން އެ ކައުންސިލްގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 3 ބޭފުޅަކާއި އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.