"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތީ، ގާނޫނަކުން އިސްލާމްދީނަށާއި، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކޮށް ހަޖޫޖެހުން ޤާނޫނަކުން ހުއްދަކުރެވޭ ގޮތަށް ކަމަށް ށ. ފުނަދޫ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
ފުނަދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނު އުޤޫބާތަށް އިސްލާޙް ގެނައުމުގެ ބިލުގެ ނަމުގައި ހުށައަޅާފައިވާ އިސްލާޙްގެ ތެރޭގައި ދިވެހި ދައުލަތުގެ ދީންކަމުގައިވާ އިސްލާމް ދީނަށާއި، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުން އެއީ ޤާނޫނުން ބާރުލިބިގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތްކުރަމުން ގެންދާކަމަށް ފެންނަކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ގެންދަނީ ފާޅުކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ށ. ފުނަދޫގެ ރައްޔިތުންނާއި ފުނަދޫގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނޭކަން ފާހަގަ ކުރާކަމަށް އެ ބަޔާނުގައި ބުނެފައެވެ.
" ޤާނޫނުލްއުގޫބާތަށް ހުށައެޅިފައިވާ އިސްލާޙްގެ ތެރޭގައި 124 ވަނަ މާއްދާއެއް އިތުރުކުރެވި އެމާއްދާގެ (ހ)
ގެ 1 ވަނަ ނަންބަރުގައި އޮތްގޮތުން އެއްވެސް ޖެހިލުމެއް ނެތި الله سبحانه وتعالى އާއި، އަދި محمد الرسول الله صل الله عليه وسلم އަށް އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ބަދުބަސް ބުނާ މީހާ އެކުރާ ކަންކަން ހުއްޓުވަން މަސައްކަތްކޮށް އެކަމާއި ދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާއިރު ދީނަށް ހަޖޫޖަހާ ފުރައްސާރަކޮށް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކުރުން އެއީ ގާނޫނުން ހުއްދަކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅުނީކަމަށް ބެލެވެއެވެ. އަދި އިސްވެ ދަންނަވާފައިވާ ގޮތަށް ޤާނޫނުލް އުގޫބާތު އިސްލާޙްވެގެންދިއުމަކީ ފުނަދޫ ކައުންސިލްގެ ވެސް ކަންބޮޑުވުންތަކެއް އޮތްކަމެއްކަމުގައި ދަންނަވަމެވެ."
ފުނަދޫ ކައުންސިލްގެ އެ ބަޔާނުގައި ބުނެފަވެއެވެ.
ފުނަދޫ ކައުންސިލްގެ އެބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކޮށް އެމާއްދާގެ (1) ގެ 1 ވަނަ ނަންބަރަށް އިތުރުކުރުމަށް ހުށައެޅިފައިވާ އިސްލާހަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ތަޢާރަޒްވާ ޤާނޫނު އަސާސީއާއި ޚިލާފް އިސްލާހެއްކަމަށް ދެކޭތީ ކަމަށާއި، އެއިސްލާޙްގެ ސަބަބުން ދިވެހިންގެ ދީންކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް އަށް ފުރައްސާރަކޮށް ހަޖޫޖެހުން ޤާނޫނަކުން ހުއްދަކުރެވޭ ކަމަށް ބެލެވޭކަމަށެވެ.
އަދި އެކަމާދެކޮ މާދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ މާތްވެގެންވާ އިސްލާމްދީނާއި الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް އަށް ފުރައްސާރަކޮށް ހަޖޫޖެހުން ޤާނޫނަކުން ހުއްދަކުރެވޭ ކަމަށް ބެލެވޭތީ، އަދި އެކަމާދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ ކުށެއްކަމުގައި ކަނޑައެޅުމުގެ އެ އިސްލާޙަށް ފުނަދޫ ކައުންސިލް ދެކޮޅު ކަމަށް އެ ބަޔާނުގައި ބުނެފައެވެ.
އެ ބިލާއި ދެކޮޅު ހަދައި، ކަންބޮޑުވުން ފާޅުކުރާ އެހެނިހެން ކައުންސިލްތަކެކޭ އެއްގޮތަށް ފުނަދޫ ކައުންސިލުން ވެސް ވަނީ، އެ އެއިސްލާޙް ފާސް ނުކުރުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ކިބައިން އެދިފައެވެ.
މިގޮތުން ފުނަދޫ ތަމްސީލްކުރަށްވާ، މެމްބަރު މުޙައްމަދު ޝާހިދުގެ ކިބައިން މި ބިލަށް ވޯޓު ނުދިނުމަށް އެކައުންސިލުން ވަނީ އެދިފައެވެ، އަދި މިބިލު މަޖިލީހަށް ބަލައިގަތުމަށް މެމްބަރު ޝާހިދު ވޯޓްދެއްވާފައިވާތީ އެކަމާ ހިތާމަ ކުރާކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.
ފުނަދޫ ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް ހިމެނޭހެން އިތުރު ދެ މެންބަރެއް ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމްއެވެ. ދެން އެ ކައުންސިލްގައި ހިމެނެނީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރަކާއި، ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކައުންސިލަރެކެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 85 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި 430 އަށް ވުރެ ގިނަ ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!