"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލުގެ ސަބަބުން އިސްލާމްދީން ދިފާޢުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވި ދިވެހިރައްޔިތުންގެ ދެއަތުގައާއި ދުލުގައި ކަސްތަޅު އެޅޭނެ ކަމަށް ހދ. މަކުނުދޫ ކައުންސިލުން ބުނެފިއެވެ.
މަކުނުދޫ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ގަރާރެއްގައެވެ.
މަކުނުދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެގަރާރުގައި ބުނީ، ޤާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރުމަށް 2021 މޭ 25 ވަނަ ދުވަހު ނަފުރަތު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ، ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދިފައިވާ ބިލެއްކަމަށް އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން، މިބިލުގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުޙުމަތު ކުރުމާއި އަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަންވެސް ހުށަހަޅާފައިވާ ކަމަށާއި، މިއީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވޭނެ އިސްލާހެއް ކަމުގައި ދެކޭ ކަމަށް ވެސް އެކައުންސިލުން ބުނެފަވެއެވެ.
"މި އިސްލާޙުގައި ހިމެނޭ ޤާނޫނީ ފުށުއެރުންތަކާއި، ދީނީ ޚިލާފުތަކަށް ޤާނޫނީ އަދި ދީނީ ނަޛަރަކުން ތަތްބީޤު ކުރާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކޮށްފައިވާއިރު، އެމާއްދާގެ (ށ) ގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ދިވެހިރާއްޖޭގައި ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެލިބިގެންވާ ކަން ބަޔާންކޮށްފައިވާއިރު، މިއިސްލާޙްގެ ސަބަބުން، އިސްލާމްދީނުގެ އަސާސް ތަކާއި ފާޅުގޮތެއްގައި ޚިލާފަށް އުޅެމުންއަންނަ ފަރާތްތަކާ ދެކޮޅަށް ބަސްބުނުމުގެ ޙައްޤު ނިގުޅައިގަނެވޭއިރު، އިސްލާމް ދީނުގެ ދިފާއުގައި ބަސްބުނުމުގެ ޙައްޤުވެސް ނިގުޅައި ގަނެވޭކަން ފާހަގަކުރަމެވެ."
މަކުނުދޫ ކައުންސިލުން ބުނެފައެވެ.
"މިއުންމަތުގެ މާތް ނަބިއްޔާ محمد الرسول الله صل الله عليه އަށް ބާވައިލެއްވި ކީރިތި ޤުރުއާނުގައި، މުޖުތަމައުގައި ހެޔޮކަންތައްތަކަށް ނުބައިކަންތައް ނަހީކުރުމަށް މާތްﷲ މިއުންމަތަށް އަންގަވާ ވަޙީކުރައްވާފައިވާއިރު، މިކަމަކީ ޤައުމު ފަސާދަވެ ހަލާކުވުމުން ސަލާމަތްކޮށްދެނިވި ކަމެއް ކަމާއި، މިއުންމަތް އެންމެ ހެޔޮ އުންމަތް ކަމުގައި ވެފައިވަނީ މިއުންމަތުގެ މީހުން ހެޔޮކަންކަމަށް އަމުރުކުރުމާއި ކަންކަން ނަހީކުރާތީ ކަމާއި، މިކަމަކީ ޤިޔާމަތްދުވަހުން މުސްލިމުން ދިންނަވާނޭ ސަބަބެއް ކަމުގައިވެސް މާތްﷲ ވަޙީކުރައްވާ އަންގަވާފައިވާކަން، ކީރިތި ޤުރުއާނުން އެނގެން އޮތްކަން މިކައުންސިލުން ފާހަގަކުރަމެވެ."
އެކައުންސިލުން އިތުރަށް ބުނެފައި ވެއެވެ.
މިއިސްލާޙު، މިގޮތުގައި ފާސްވެއްޖެނަމަ، މިއިސްލާޙް ވެގެންދާނީ ދީނާ ޚިލާފު ޢަމަލުތައް ކުރަމުންދާ ނުވަތަ ކުރާނެ ފަރާތްތަކަށް ލިބިދީފައިވާ ޤާނޫނީ ޙިމާޔަތަކަށް ކަމަށާއި، މިއިސްލާޙްގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިސްލާމް ދީނުގެ ދިފާޢުގައި ބަސްބުނުމުގެ ޙައްޤު ގެއްލިގެންގޮސް، އިސްލާމީ ޝަރީޢަތާއި އެއްގޮތްވާގޮތުގެ މަތިން، މުންކަރާތްތައް ނަހީކުރުމުގެ ގޮތުން ބަސްބުނާ ކޮންމެ ފަހަރަކު މެދު ޤާނޫނީ ފިޔަވަޅު އެޅިގެން ދާނެ ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.
"ހަމައެހެންމެ، އިސްލާމްދީން ދިފާޢުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވި ދިވެހިރައްޔިތުންގެ ދެއަތުގައާއި ދުލުގައި ކަސްތަޅު އެޅެވޭނެ އިސްލާހެއްކަން މިކައުންސިލުން ފާހަގަކުރަމެވެ." - މަކުނުދޫ ކައުންސިލް -
މަކުނުދޫ ކައުންސިލުން ވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ މި ބިލު، މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، މަކުނުދޫ ކައުންސިލާއި މަކުނުދޫގެ ރައްޔިތުންގެ ނަމުގައި ގޮވާލާފައެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް ގޮނޑި ތަމްސީލް ކުރަށްވަނީ، ވެރިކަންކުރާ ކޯލިޝަންގެ މައި އެމްޑީޕީގެ ބޭފުޅެކެވެ. އެ ކައުންސިލްގެ 3 ގޮނޑިއެއް އިދިކޮޅު ޕީޕީއެމުން ތަމްސީލްކުރާއިރު ބާކީ ގޮނޑި ތަމްސީލް ކުރަނީ ވެރިކަންކުރާ ކޯލިޝަންގެ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގެ މެންބަރެކެވެ.
ރާއްޖޭގެ ބައެއް އިތުރު ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ، ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް ބަޔާންތައް ނެރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!