ކުޅުދުއްފުށި ސިޓީއިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކޭސްތަކާއި ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ 16 ޖޫން 2021 ވީ ބުދަ ދުވަހުގެ ހެނދުނު ނެގުނު 12 ސާމްޕަލުގެ ތެރެއިން 3 ސާމްޕްލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ އެ ރަށު ސީކުއީން ބޯޓުން ޕޮޒިޓިވް ވީ މީހުންނާއި ގުޅުންހުރި އަދި މި ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ފެނިފައިވާ ތިން ކޭހެވެ.

Ad
rt

މި ތިން ކޭހާއާއި އެކު މި ކްލަސްޓާއާއި ގުޅިގެން މިބައްޔަށް 15 މީހަކު މިހާރު މި ވަނީޕޮޒިޓިވް ވެފައެވެ. އަދި ކުޅުދުއްފުށީގެ ޖުމްލަ ޕޮޒިޓިވް ކޭސް އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި ހަނިމާދޫއިން މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންނަކީ މި މަހުގެ 15 ވަނަ ދުވަހު ނެގުނު 30 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ދެ މީހުންނެވެ. މި ދެ ކޭހާއި ގުޅިގެން މިހާރު ހަނިމާދޫގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލާފައިވަނީ ބަލީގެ އަލާމާތް ހުރެގެން އެ ސިޓީގެ ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި ހަނިމާދޫ ވެސް މި މަހުގެ ނުވަވަނަ ދުވަހު އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.