ހދ. ހިރިމަރަދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާއި ދެކޮޅުކަން ހާމަކޮށްފިއެވެ.

މިގޮތުން ހިރިމަރަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވަކީން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމްދީން ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބަޔާން ކޮށްފައި ވީ ހިނދު، އިސްލާމް ދީނުގެ މަތިވެރި އަސާސެއްގެ ދައުރު ހަނިވާގޮތައް ޤާނޫނު ނަމްބަރު 9/2014) ޤާނޫނުލް ޢުޤޫބާތު ) އަށް އިތުރު ކުރުމަށް ރަށްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިޞްލާހުގެ ބިލް މިހާރު އޮތް ގޮތަށް ފާސް ކޮށްފިނަމަ، އިސްލާމްދީނުގައި ކޮންމެ މުސްލިމަކަށް ﷲ އަމުރު ކުރައްވާފައިވާ ހެޔޮ ކަންތައްތަކަށް ގޮވާލުމާއި މުންކަރާތްތައް ނަހީކޮށް މަނާކުރުމުގެ ވާޖިބަށް ހުރަސް އެޅިގެން ދާނެކަމަށް އެ ކައުންސިލަށް ފެންނަ ކަމަށެވެ.

Ad
rt

މި ބިލްގައި ބަޔާންކުރާ ކަންކަމަށް ޤާނޫނީ ބާރުވެރިކަން ލިބިއްޖެނަމަ، އިސްލާމްދީނުގެ އަސްލުތަކަށް ގޮންޖަހާ ވާހަކަ ދައްކަމުންދާ ފަރާތްތަކަށް ޤާނޫނީ ހިމާޔަތް ލިބި، އިސްލާމް ދީނަށް ބަދު ބަސް ބުނުމުގެ ޘަގާފަތް ދިވެހި މުޖުތަމަޢުގައި އިތުރަށް ދިރިގެންދާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި، އިސްލާމްދީނުގެ އަސްލާ ޚިލާފު ނުވާނެ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރަށްޔިތަކަށް ލިބިފައި ވީ ހިނދު، މި ބިލްގެ ސަބަބުން ޤާނޫނު އަސާސީން ދިވެހި ރަށްޔިތުންނަށް ކަށަވަރު ކޮށްދޭ އެތައް ޙައްޤެއް ގެއްލުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ 21 ވަނަ ޤަރުނު މިދެކޭ ތަމަދުންނާއި ތަޙްޒީބާއި ފުށުއެރުމުގެ އިތުރުން އެތައް ބައެއްގެ މިންނެތް މަސައްކަތުން ދިވެހި ރާއްޖެއަށް ތަޢާރަފްކުރި ޑިމޮކްރަސީގެ ސިފަތަކާއި ބީރަށްޓެހި ސިފަތަކެއް ކަމުގައި ވެސް އެ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިންގެ އާދަކާދައާއި ޘަޤާފަތާއި ޤައުމިއްޔަތުގެ އެންމެ މުޙިއްމު ރުކުން ކަމުގައިވާ އިސްލާމްދީނާއި ބީރަށްޓެހި އެތައްކަމެއް ކުރުމަށް ހިއްވަރު ލިބޭގޮތަށް ފަރުމާ ކުރެވިފައިވާ މި ބިލަށް ވޯޓު ނުދިނުމަށް ހިރިމަރަދޫ ތަމްސީލް ކުރައްވަމުން އަންނަ ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުލް ޤަފޫރު މޫސާއަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

މި ބަޔާނުގައި ހިރިމަރަދޫ ކައުންސިލުގެ ފަސް މެމްބަރުން ވަނީ ސޮއި ކުރައްވާފައެވެ. އަދި ހިރިމަރަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަސް މެމްބަރުން ވެސް ވަނީ ސޮއި ކުރައްވާފައެވެ.

ހިރިމަަރަދޫ ކައުންސިލް ތަމްސީލް ކުރަށްވާ 4 މެންބަރުންނަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރުންނެވެ. އަނެއް މެންބަރަކީ މިނިވަން މެންބަރެކެވެ. ހިރިމަރަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 މެންބަރުން ނިސްބަތްވަނީ ވެސް އިދިކޮޅު ޕީޕީއެމަށެވެ. އެ ކޮމެޓިގެ އަނެއް މެންބަރު ނިސްބަތްވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ.